ބްރިޖުން ދައްކުވައިދެނީ ރާއްޖެ އާއި ޗައިނާގެ އިތުބާރާއި އެއްބައިވަންތަކަމާއި ދެ ގައުމުގެ އުއްމީދީ ތަސައްވުރު: ރައީސް

ސިނަމާލޭ ބްރިޖަށް އަށް އަހަރުވުމާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒާއި ޗައިނާ އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަދި ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބާއި ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމް އެ ސަރަަހައްދު ބައްލަވާލައްވަނީ.-- ފޮޓޯ: ރައީސް އޮފީސް

މީގެ އަށް އަހަރު ކުރިން ހުޅުވި "ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖު" ނުވަތަ ސިނަމާލެ ބްރިޖަކީ އުމްރާނީ ތަރައްގީގެ މަޝްރޫއުއަކަށް ވުރެ ބޮޑަށް، ރާއްޖެ އާއި ޗައިނާގެ އިތުބާރާއި އެއްބައިވަންތަކަމާއި ދެ ގައުމުގެ އުއްމީދީ ތަސައްވުރު ދައްކުވައިދޭ އަދި ރަހުމަތްތެރިކަމުގެ ގުޅުން ރަމްޒުކޮށްދޭ ވަރުގަދަ ނިޝާނެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ސިނަމާލެ ބްރިޖު ރަސްމީކޮށް ހުޅުވައި ބޭނުންކުރަން ފެށިތާ މިއަދަށް އަށް އަހަރު ފުރުމާ ގުޅިގެން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި މެސެޖެއްގައި ރައީސް ވިދާޅުވީ، ޗައިނާގެ ރައީސް ޝީޖިންޕިންގެ ޒައާމަތުގެ ދަށުން ރާއްޖެއާ އެކު އޮންނަ ގުޅުން އިތުރަށް ވަރުގަދަވެ، އަންނަން އޮތް މުސްތަގުބަލުގައި ދެ ގައުމުގެ ރައްޔިތުންނަށް އާ ފުރުސަތުތަކެއް ފަހިވެގެންދާނެ ކަމަށެވެ.

އަދި މި މުނާސަބަތާ ދިމާކޮށް ދެ ގައުމުގެ ދެމެދުގައިވާ ގުޅުން އިތުރަށް ހަރުދަނާކޮށް ބަދަހިކުރަން މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ.

އޮގަސްޓް 30، 2018 ގައި ހުޅުވި ސިނަމާލެ ބްރިޖަކީ މާލެ، ހުޅުލެ އަދި ހުޅުމާލެ ގުޅުވާލަދީ، މާލެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންގެ ދިރިއުޅުމަށާއި ދަތުރުފަތުރަށް ބޮޑު ލުޔެއް ގެނެސްދިން، އިންޖިނިއަރިން އަދި އުމްރާނީ ގޮތުން ރާއްޖޭގައި ހިންގި އެންމެ ބިޔަ އެއް މަޝްރޫއެވެ. މިއީ ރައީސް އަބްދުالله ޔާމީންގެ އިސްނެގުމުގެ މަތިން ހިންގެވި، އަދި މިހާތަނަށް ރާއްޖޭގައި ނިންމި އެންމެ ބޮޑު މަޝްރޫއެވެ.

ސިނަމާލެއ ބްރިޖަށް 8 އަހަރު ވުމުގެ މުނާސަބަތުގައި ރައީސް އެ ސަރަހައްދައް މިއަދު ޒިޔާރަތްކުރައްވަނީ... ފޮޓޯ/ ރައީސް އޮފީސް

ޝެޑިއުލަށް ވުރެ އަވަހަށް މަސައްކަތް ނިންމާލި މި ބްރިޖުގެ އަމަލީ މަސައްކަތް ކުރިއަށްދިޔައިރު އޭރުގެ ހައުސިން މިނިސްޓަރުގެ މަގާމުގައި ހުންނެވީ މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒެވެ.

ބްރިޖަށް އަށް އަހަރު ފުރުން ފާހަގަކުރެއްވުމުގެ ގޮތުން މިއަދު ހެނދުނު ރައީސް މުއިއްޒު ވަނީ ސިނަމާލެ ބްރިޖު ސަރަހައްދަށް ޒިޔާރަތްކުރައްވާފައެވެ. މި ޒިޔާރަތުގައި ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބާއި ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކޮންގް ޝިއަންހުއާ ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ޗައިނާ ސަރުކާރުގެ ބޮޑު އެހީތެރިކަމަކާ އެކު ކުރިއަށްގެންދިޔަ މި މަޝްރޫއު ނިމި ބޭނުންކުރަން ފެށީއްސުރެ މިއަދާ ހަމައަށް ވެސް ބްރިޖުގެ މެއިންޓެނަންސްގެ ހުރިހާ މަސައްކަތެއް އެއްވެސް އަގަކާ ނުލައި ހިލޭ ބަލަހައްޓަމުން ގެންދަނީ ބްރިޖު އެޅި ޗައިނާގެ ސީސީސީސީ ކުންފުނިންނެވެ.

comment ކޮމެންޓް