ނައިޖީރިއާގެ މިސްކިތެއްގައި ބޮމެއް ގޮއްވާލައި، 5 މީހުން މަރުވެއްޖެ

ނައިޖީރިއާގެ މިސްކިތެއްގައި ބޮމެއް ގޮވައި އަލިފާން ރޯވެފައި -- ފޮޓޯ/ދަ ހޯކް

ނައިޖީރިއާގެ އިރުއުތުރުގެ ބޯނޯ ސްޓޭޓުގެ މިސްކިތެއްގައި ބޮމެއް ގޮއްވާލި ހާދިސާގައި ފަސް މީހުން މަރުވެއްޖެ ކަމަށް އެ ގައުމުގެ ފުލުހުން ބުނެފިއެވެ.

ފުލުހުންގެ ތަރުޖަމާނު ނަހޫމް ދާސޯ މީޑިއާތަކަށް މައުލޫމާތު ދެމުން ވިދާޅުވީ، އެ ސްޓޭޓްގެ ވެރިރަށް މައިދޫގުރީގައި ހިނގި އެ ހާދިސާގައި އިތުރު 35 މީހަކަށް އަނިޔާވެފައިވާ ކަމަށެވެ.

އެ ހަމާލާ ދިނީ ގޮވާ ޒާތުގެ އާލާތެއް މިސްކިތުގެ ތެރޭގައި ހަރުކޮށްގެން ކަމަށް ބައެއް މީހުން ބުނާއިރު، އެއީ ޖާނުން ދިފާވުމުގެ ހަމަލާއެއް ކަމަށް ވެސް ބައެއް މީހުން ބުނެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. ނަމަވެސް، އެ ކަމާ ގުޅޭގޮތުން ރަސްމީކޮށް އެއްވެސް އިދާރާއަކުން އެއްޗެއް ބުނެފައެއްނުވެއެވެ.

އެ ހަމަލާގެ ޒިންމާ އެއްވެސް ޖަމާއަތަކުން ނަގާފައިނުވާ ނަމަވެސް، ހަނގުރާމަވެރިން މީގެ ކުރިން ވަނީ މިސްކިތްތަކަށާއި އެ ސަރަހައްދުގެ ތޮއްޖެހިފައިވާ ތަންތަނަށް އަމާޒުކޮށް ޖާނުން ފިދާވުމުގެ ހަމަލާތަކާއި ބޮމުގެ ހަމަލާތައް ވެސް ދީފައެވެ.

ނައިޖީރިއާގެ މިސްކިތުގައި ބޮން ގޮވި ހާދިސާގައި 5 މީހުން ވަނީ މަރުވެފައި. ފޮޓޯ/ރޮއިޓާސް

ހަނގުރާމަވެރި އިސްލާމިސްޓް ޖަމާއަތެއް ކަމަށްވާ ބޮކޯ ހަރާމްއާއި އެ ޖަމާއަތުގެ ގޮފި ކަމަށްވާ އިސްލާމިކް ސްޓޭޓް ވެސްޓް އެފްރިކާ ޕްރޮވިންސްއިން ހިންގާ މައިގަނޑު ރަށަކީ މައިދޫގުރީއެވެ. ބޯނޯ ސްޓޭޓްގައި އިސްލާމީ ޚިލާފަތެއް އުފެއްދުމަށް ބޮކޯ ހަރާމްގެ އަސްކަރީ އޮޕަރޭޝަންތައް ފެށީ 2009 ވަނަ އަހަރެވެ.

ނައިޖީރިއާގެ އިރުއުތުރުގައި އާންމުންނަށް ދޭތެރެ ދޭތެރެއިން ދޭ ހަމަލާތައް ހުއްޓުވުމަށް އެ ޖަމާއަތާ ދެކޮޅަށް އަޅާފައިވާ ސަލާމަތީ ފިޔަވަޅުތައް ވަނީ ނާކާމިޔާބުވެފައެވެ.

ނައިޖީރިއާގައި 2009 ވަނަ އަހަރުން ފެށިގެން ޖިހާދީ ފިތުނަވެރިކަމާ ކުރިމަތިލާން ޖެހިފައިވާއިރު، އެ ފަދަ ހަމަލާތަކުގައި އެގައުމުގެ އިރުއުތުރުގައި ގާތްގަނޑަކަށް 40،000 މީހުންގެ ފުރާނަ ގެއްލި، ދެ މިލިއަން މީހުން ގެދޮރު ގެއްލިފައިވާ ކަމަށް އދ.އިން ބުނެއެވެ.

comment ކޮމެންޓް