ނައިޖީރިއާގެ ޔަތީމު ކުދިން ތިބޭ ގެއަކުން 23 ކުދިން ރަހީނުކޮށްފި

ނައިޖީރިއާގެ ނޯތު ސެންޓްރަލް ޒޯންގައި ކޮގީ' ފާއިތުވި މަސްތަކުގައި ސްކޫލްތަކަށް ވަދެ އަނިޔާވެރި ހަމަލާތަކެއް އެ ސަރަހައްދުގައި ވަނީ ދީފައި. ފޮޓޯ/އޭޕީ

ނައިޖީރިއާގެ މެދުތެރޭގެ ކޮގީ ސްޓޭޓްގައި ރަޖިސްޓްރީ ނުކުރާ ޔަތީމު ކުދިންތިބޭ ގެއަކަށް ބަޑި ހިފައިގެން ވަދެ 23 ކުދިން ރަހީނުކޮށްފިއެވެ.

އޭގެ ތެރެއިން ބައެއް ކުދިން މިހާރު ހޯދާފައިވާ ނަމަވެސް އަށް ކުދިން އަދިވެސް ނުފެންނަ ކަމަށް ކަމާބެހޭ ފަރާތްތަކުން ބުނެއެވެ. ކޮގީގެ އިންފޮމޭޝަން ކޮމިޝަނަރު ކިންގްސްލީ ފަންވޯ ވިދާޅުވީ، ސަލާމަތީ އިދާރާތަކުން އަވަސް ގޮތެއްގައި ފިޔަވަޅު އެޅުމުގެ ސަބަބުން އެތަނުން 15 ކުއްޖަކު ސަލާމަތްކޮށްފައިވާ ކަމަށެވެ.

މި ހަމަލާގެ ޒިންމާ އެއްވެސް ޖަމާއަތަކުން ނަގާފައި ނުވި ނަމަވެސް ސަލާމަތީ މަސްދަރުތަކުން ބުނާ ގޮތުގައި އެ ސްޓޭޓުގައި ބޮކޯ ހަރާމްއާ ގުޅުން ހުރި ބަޔަކު ހަރަކާތްތެރިވެެއެވެ. އަދި، މީގެ ކުރިން އެ ސަރަހައްދުގައި އަނިޔާވެރި އެތައް ހަމަލާތަކެއް ދީފައިވެއެވެ.

"ސަރުކާރުން އަދިވެސް އަންނަނީ ޝިކާރައަކަށްވި ހުރިހާ ކުދިން ސަލާމަތް ކުރެވޭނެ ގޮތް ކަށަވަރު ކުރުމަށް މަސައްކަތް ކުރަމުން،" ފަންވޯ ވިދާޅުވިއެވެ.

ޔަތީމު ކުދިންގެ ގެތަކާއި ސްކޫލުތަކާއި އެފަދަ މުއައްސަސާތައް ހިންގާ ފަރާތްތަކަށް "ޚާއްޞަކޮށް މިހާރު އޮތް ސަލާމަތީ މާޙައުލުގައި" ސަރުކާރުގެ ކަމާބެހޭ އިދާރާތަކާ އަބަދު ވެސް އެކަށީގެންވާ ގޮތެއްގައި ގުޅިގެން މަސައްކަތް ކުރުމަށް ފަންވޯ ވަނީ އިލްތިމާސްކުރައްވާފައެވެ.

ސްކޫލުތަކުގައި ރަހީނުކުރުމަކީ ނައިޖީރިއާގައި އާންމު ކަމެކެވެ. ޚާއްސަކޮށް އެ ގައުމުގެ އުތުރު ސަރަހައްދުގައި މިހާރު މާ ބޮޑު އަމާންކަން ނެތް ކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ.

މިދިޔަ އަހަރު ނޮވެންބަރު މަހު ނައިޖީރިއާގެ މެދުތެރޭ ސަރަހައްދުގައި އޮންނަ ނައިޖާ ސްޓޭޓްގެ ކެތޮލިކް ސެކަންޑަރީ ސްކޫލަކުން 300 އަށް ވުރެ ގިނަ ދަރިވަރުންނާއި އެ ދަރިވަރުންގެ ޓީޗަރުން ވަނީ ވަގަށް ނަގާފައެވެ.

ނައިޖީރިއާގެ ގިނަ އެހެން ސަރަހައްދުތަކުގައި ވެސް ރަހީނުކުރުން އާންމުވެފައިވާއިރު، ކުށްކުރާ ގޭންގުތަކުން ފައިސާގެ ބަދަލުގައި މީހުން ރަހުނުކުރުމަށް ވެސް ވަަގަށްނަގައެވެ. އެގޮތަށް އެކަން ކުރުމަކީ ގާނޫނާ ހިލާފު ކަމެއް ކަމަށް ސަރުކާރުން ކަނޑައަޅާފައި އޮތް ނަމަވެސް މިކަމުގެ ސަބަބުން ރަހީނުކުރުން ހުއްޓުމަކަށް ނާދެއެވެ.

comment ކޮމެންޓް