ބޮލީވުޑްގެ ބަތަލާ ކްރިތީ ސެނޮންގެ ކޮއްކޮ ނުޕޫރް ސެނޮން އަންނަ މަހު ކައިވެނި ކުރަން ތައްޔާރުވަމުން އަންނަ ކަމަށް ރިޕޯޓުތަކުން ބުނެފިއެވެ.
ބައެއް މިއުޒިކް ވީޑިއޯތަކުގައި މަސައްކަތް ކުރުމަށްފަހު ފަހުން ޓެލެވިޒަން ސީރީސް އަދި ބައެއް ފިލްމުތަކުން ވެސް ފެނިފައިވާ ނުޕޫރު ރައްޓެހިވެގެން އުޅެނީ ލަވަކިޔުންތެރިޔާ ސްޓެބިން ބެންއާއެވެ.
އިންޑިއާގެ މީޑިއާތަކުން ބުނެފައިވާ ގޮތުގައި ނުޕޫރު އާއި ސްޓެބިންގެ ކައިވެނީގެ ރަސްމިއްޔާތުތައް އޮންނާނީ އިންޑިއާގެ އުދޭޕޫރުގައެވެ. ނުޕޫރު އާއި ސްޓެބިންގެ ކައިވެނީގެ ވާހަކަތައް މީޑިއާތަކުގައި ދެކެވެމުން އަންނައިރު ދެ މީހުން ލޯބީގެ ގުޅުން ފެށުނީ 2023ވަނަ އަހަރުގައެވެ.
މި ކައިވެނީގެ ރަސްމިއްޔާތުތައް ކުރިއަށްދާނީ ހަމައެކަނި ދެ ފަރާތުގެ އާއިލާގެ މެމްބަރުންނާއި ވަރަށް ގާތް ރަހްމަތްތެރިންގެ ބައިވެރިވުމާއެކު ކަމަށް ރިޕޯޓުތަކުން ވަނީ ބުނެފައެވެ.

ނުޕޫރު ދައްތަ ކްރިތީ ސެނޮން އަދި ލޯބިވެރިޔާ ސްޓެބިންއާ އެކު--ފޮޓޯ/އިންޑިއާ.ކޮމް
އިންޑިއާގެ މީޑިއާތަކުގައި ބުނެފައިވާ ގޮތުންނަމަ ނުޕޫރުގެ ކައިވެނީގެ ރަސްމިއްޔާތުން އޮންނާނީ އަންނަ މަހުގެ 11 ވަނަ ދުވަހުއެވެ. އޭގެކުރިން ކައިވެންޏާ ގުޅިގެން އިންޑިއާގައި ކުރިއަށްގެންދާ އިތުރު ހަރަކާތްތައް ކުރިއަށްދާނެ ކަމަށް ވެސް ރިޕޯޓުތަކުން ވަނީ ބުނެފައެވެ.
ލަވަކިޔުންތެރިޔާ ސްޓެބިންގެ މަޝްހޫރު ލަވަތަކުގެތެރޭ 'ތޯޅަ ތޯޅަ ޕިޔާރު' އަދި 'ސާހިބާ' ހިމެނެއެވެ. މީގެއިތުރުން ސްޓެބިން މިއުޒިކް ތައްޔާރުކޮށްދީފައިވާ ފިލްމުތަކުގެތެރޭ "ރޭސް 3"، "ޖާޒީ" އަދި "ބާޣީ 4" ހިމެނެއެވެ.
ބޮލީވުޑްގެ އެންމެ ކާމިޔާބު ބަތަލާއިންގެތެރޭ ހިމެނޭ ކްރިތީގެ ކޮއްކޮ ނުޕޫރުއަށް ބެލުންތެރިންގެ ސަމާލުކަން ލިބުނީ 2019 ވަނަ އަހަރު އެކްޓަރު އަކްޝޭ ކުމާރުއާ ކުޅުނު މިއުޒިކް ވީޑިއޯ "ފިލްހާލް"އިންނެވެ.
އޭގެފަހުން 2023 ވަނަ އަހަރު ޓެލެވިޒަން ސީރީސް "ޕޮޕް ކޯން"ގައި މަސައްކަތް ކުރުމަށްފަހު ހަމަ އެ އަހަރު ނުޕޫރު ވަނީ ތެލުގޫ ފިލްމެއްގައި މަސައްކަތްކޮށްފައެވެ. ނުޕޫރު ދެން އެންމެ އަވަހަށް ބެލުންތެރިންނަށް ފެންނާނީ އެކްޓަރު ނަވާޒުއްދީން ސިއްދީގީއާ އެކު މަސައްކަތްކުރާ ފިލްމު "ނޫރާނީ ޗެހެރާ"އިންނެވެ.