އަންނަ މަހު ރިލީޒްކުރާ ބޮލީވުޑްގެ ފިލްމު "ބޯޑާ 2"އިން ފިލްމީ ތަރިން ކަމަށްވާ ސުނިލް ޝެޓީ އާއި އަކްޝޭ ކަންނާ ފެންނާނެ ކަމަށް ރިޕޯޓުތަކުން ބުނެފިއެވެ.
މި ދެ ތަރިންނަކީ ވެސް 1997 ވަނަ އަހަރު ގެނެސްދިން ފިލްމު "ބޯޑާ"ގެ ވަރަށް މުހިއްމު ރޯލްތަކުން ފެނިފައިވާ އެކްޓަރުންނެވެ. ފިލްމު "ބޯޑާ 2" އިއުލާނުކޮށް ފިލްމުގެ ކާސްޓުން އިއުލާނުކުރުމާ އެކު ސުނިލް ޝެޓީ އާއި އަކްޝޭ ކަންނާ ފިލްމުގެ ކާސްޓުގައި ހިމަނާފައިނުވާތީ ވެސް ވަރަށް ގިނަ ބަޔަކު ވަނީ އޭރު ސުވާލު އުފައްދާފައެވެ.
އެހެންނަމަވެސް ފަހުގެ ރިޕޯޓުތަކުން ބުނެފައިވާ ގޮތުގައި "ބޯޑާ 2"ގެ ޚާއްސަ ފެނިލުމަކުން އަކްޝޭ އާއި ސުނިލް ވެސް ފެންނާނެއެވެ. މީގެއިތުރުން ފުރަތަމަ ފިލްމުގެ މުހިއްމު ރޯލަކުން ފެނުނު އެކްޓަރު ސުދޭޝް ބެރީ ވެސް "ބޯޑާ 2"އިން ފެންނާނެ ކަމަށް ބޮލީވުޑްގެ ރިޕޯޓުތަކުން ބުނެފައިވެއެވެ.

ފިލްމު "ބޯޑާ 2"ގެ ޕޯސްޓަރެއް--ފޮޓޯ/އެންޑީޓީވީ
ކުރިއަށް އޮތް ޖަނަވަރީ މަހު ސިނަމާތަކަށް ގެންނަ ފިލްމު "ބޯޑާ 2"ގެ ކާސްޓުގައި ހިމެނޭ ތަރިން ގެތެރެއިން ލީޑް ރޯލްއިން ފެންނާނީ ސަނީ ޑިއޯލްއެވެ. ސަނީ އަކީ ފިލްމު "ބޯޑާ"ގެ ވެސް އެންމެ މުހިއްމު އެއް އެކްޓަރެވެ.
ސުނިލް ޝެޓީގެ ބަދަލުގައި އެކްޓަރުގެ ދަރިފުޅު އަހާން ޝެޓީ ފިލްމު "ބޯޑާ 2"ގެ މުހިއްމު ރޯލަކުން ފެންނާނެއެވެ. މީގެއިތުރުން ވަރުން ދަވަން އާއި ދިލްޖީތު ދޮސާންޖް، ސޯނަމް ބާޖްވާ، މޯނާ ސިންގް އަދި މޭދާ ރާނާ ފިލްމު "ބޯޑާ 2"ގެ ކާސްޓުގައި ހިމެނެއެވެ.
އިންޑިއާ އާއި ޕާކިސްތާނުގައި 1971 ވަނަ އަހަރުގައި ހިނގި އަސްކަރީ ހަނގުރާމައިގެ ހާދިސާއަށް ބިނާކޮށް އުފައްދާ "ބޯޑާ 2" އަކީ އަނޫރާގް ސިންގް ޑައިރެކްޓްކޮށް ޖޭޕީ ފިލްމްސް އާއި ޓީ-ސީރީސް ގުޅިގެން ގެނެސްދޭ ފިލްމެކެވެ. ފިލްމު "ބޯޑާ 2" އަކީ އަންނަ މަހު ސިނަމާތަކަށް ގެންނަ ފިލްމުތަކުގެ ތެރެއިން ބެލުންތެރިން އެންމެ ބޮޑަށް އިންތިޒާރުކުރާ އެއް ފިލްމެވެ.