ބޮލީވުޑްގެ އެންމެ މަގުބޫލު ލޯބީގެ ބިރުވެރި ފިލްމު ކަމަށްވާ "ރާޒް"ގެ ދެވަނަ ބައެއް އުފައްދަން އެ ފިލްމުގެ ލީޑް ރޯލް ކުޅުނު އެކްޓަރު ޑީނޯ މޯރިއާ ހުށަހަޅައިފިއެވެ.
ކުރީގެ ބަތަލާ ބިޕާޝާ ބާސޫ، ޑީނޯއާ އެކު މުހިއްމު ރޯލް ކުޅުނު ފިލްމު "ރާޒް" ރިލީޒްކުރިތާ 20 އަހަރުވެފައިވާއިރު ބޮލީވުޑްގެ އެންމެ ކާމިޔާބު ސުޕަނެޗުރަލް ތުރިލާތަކުގެތެރޭ ހިމެނޭ "ރާޒް"ގެ އަސްލު ފިލްމަށް ވަރަށް ރަނގަޅު ސީކުއަލްއެއް ބޭނުންވާ ކަމަށް ޑީނޯ ވަނީ ބުނެފައެވެ.
ޑީނޯ ބުނިގޮތުގައި ގިނަ ބަޔަކު "ރާޒް" ބިރުވެރި ފިލްމެއްގެ ގޮތުގައި ސިފަކުރިޔަސް ހަގީގަތުގައި އެ ފިލްމަކީ ސުޕަނެޗުރަލް ޖޯންރާގެ ފިލްމެކެވެ. އެ ފިލްމަކީ ގޮތްނޭނގޭ ބިރުވެރި ހާދިސާތަކެއް ހިމެނުނު ވަރަށް ރީތި ލޯބީގެ ފިލްމެއް ކަމަށް ޑީނޯ ވަނީ ބުނެފައެވެ.

ފިލްމު "ރާޒް"ގެ މަންޒަރެއްގައި ބިޕާޝާ އަދި ޑީނޯ--ފޮޓޯ/ފިލްމުފެއަ
އެ ފިލްމުގައި ގެނެސްދިން ވާހަކަ އާއި މިއުޒިކްގެ ރީތިކަމާއި ޗާލުކަމަށް ބަލާނަމަ އެ ފިލްމާ ގާތްކުރާވަރުގެ ފިލްމެއް ވެސް ބޮލީވުޑްއިން އަދި ނުފެންނަ ކަމަށް ޑީނޯ ވަނީ ބުނެފައެވެ.
ފިލްމު "ރާޒް"ގެ ދެވަނަ ބައެއް އުފައްދާނަމަ އެ ފިލްމުގެ ސީކުއަލްއަށް ވަރަށް ހިތްގައިމު ވާހަކައެއް ވެސް ޑީނޯގެ ޚިޔާލުގައި އެބަހުރި ކަމަށާއި ނަމަވެސް އޭގެ ސީކުއަލްއެއް އުފައްދާނެތޯ ނުވަތަ ނޫންތޯ ނިންމާނީ ފިލްމު ގެނެސްދިން ސްޓޫޑިއޯއިން ކަމަށް އެކްޓަރު ވަނީ ބުނެފައެވެ.
ފިލްމު "ރާޒް"ގައި ގެނެސްދިން ކެރެކްޓާ އަދިތިޔަ އާއި ސަންޖަނާއަށް ފަހުންވީ ކިހިނެއްކަން ބަލައިލަން ބެލުންތެރިން ބޭނުންވާނެ ކަމަށާއި ފިލްމުގެ ސީކުއަލްއެއް އުފައްދާނަމަ ބަތަލާގެ ރޯލަށް އޭނާ ގެންނަން ބޭނުންވަނީ ވެސް ބިޕަޝާ ބާސޫ ކަމަށް ޑީނޯ ވަނީ ބުނެފައެވެ.
ފިލްމު "ރާޒް" އުފެއްދި ދުވަސްވަރު ޑީނޯ އާއި ބިޕާޝާއާ ދެމެދު ސީރިއަސް ލޯބީގެ ގުޅުމެއް އޮތެވެ. އެހެންވެ އެ ފިލްމަށް ބެލުންތެރިންގެ ފަރާތުން ލިބުނު ތަރުހީބު އަދި މާބޮޑުވިއެވެ. ނަމަވެސް ފަހުން ދެ ތަރިންގެ ލޯބީގެ ގުޅުމަށް ނިމުން އައިސް މިހާރު އެއީ ގާތް ދެ ރަހްމަތްތެރިންނެވެ.
ވިކްރަމް ބަޓް ޑައިރެކްޓްކޮށް މުކޭޝް ބަޓް ޕްރޮޑިއުސްކުރި ފިލްމު "ރާޒް" ގެނެސްދިނީ ވިޝޭޝް ފިލްމްސް އާއި ޓިޕްސް އިންޑަސްޓްރީސް ގުޅިގެންނެވެ. އެންމެ ފަސް ކްރޯޑު ރުޕީސްގެ ބަޖެޓަކުން އުފެއްދި "ރާޒް"އަށް ބޮކްސް އޮފީހުގައި 37.59 ކްރޯޑު ރުޕީސްގެ އާމްދަނީއެއް ވަނީ ލިބިފައެވެ.
ފިލްމު "ރާޒް"އަށްފަހު އެ ނަމާ ގުޅުވައިގެން މުޅިން ތަފާތު ވާހަކަތަކެއްގެ މައްޗަށް ބިނާކޮށް އިތުރު ފިލްމުތަކެއް ވަނީ ގެނެސްދީފައެވެ. އޭގެތެރޭގައި ޑައިރެކްޓަރު މޯހިތު ސޫރީ 2009 ގައި ގެނެސްދިން "ރާޒް: ދަ މިސްޓްރީ ކޮންޓިނިއުސް"، ވިކްރަމް ޑައިރެކްޓްކޮށް، 2012 ގައި ގެނެސްދިން "ރާޒް 3ޑީ" ގެ އިތުރުން 2016 ގައި ގެނެސްދިން "ރާޒް: ރީބޫޓް" ހިމެނެއެވެ.