ށ. ބިލެތްފަހީ އަންހެން ކުއްޖަކު، އިންނާނެ ކަމަށް ބުނުމުން ދިން އައިފޯން 16 ޕްރޯމެކްސް ހޯދަން، އޭނާ ހިތާވެގެން އުޅުނު ފިރިހެން މީހާ ކޯޓަށް ހިނގައްޖެއެވެ.
މިއީ މެދުރާއްޖެތެރޭ ރަށެއްގެ ފިރިހެނަކާ އިންނާނެ ކަމަށް ބުނެ، ށ. ބިލެއްފަހީ އަންހެން ކުއްޖަކު، އެ ފިރިހެން މީހާ އަތުން މަކަރާއި ހީލަތުން ހޯދި އައިފޯން 16 ޕްރޯމެކްސް ފޯނު އަނބުރައި ހޯދަން އެ ފިރިހެން މީހާ ދައުވާކުރި މައްސަލައެކެވެ.
މި މައްސަލަ، ބިލެތްފަހީ ކޯޓަށް ހުށަހެޅުމުން އަންހެން ކުއްޖާގެ ފަރާތުން ވަނީ އެ މައްސަލަ ހުށަހެޅުމުގެ ހައިސިއްޔަތު އެ ފިރިހެން މީހާއަށް ލިބިގެންނުވާ ކަމަށް ބުނެ، އިހުތިސާސާ މެދު ސުވާލު އުފައްދައިފައެވެ. އަންހެން ކުއްޖާގެ ފަރާތުން ބުނެފައިވަނީ މަކަރާއި ހީލަތުގެ މައްސަލައެއް ކަމަށް ބުނެ، ފިރިހެން މީހާއަށް ދައުވާ ނުކުރެވޭނެ ކަމަށާއި އެ ދައުވާ ކުރެވޭނީ ޕްރޮސިކިއުޓަރު ޖެނެރަލަށް ކަމަށެވެ.
އެހެންނަމަވެސް، ދައުވާކުރި ފިރިހެން މީހާ ބުނެފައިވަނީ "މަކާރާއި ހީލަތް" ކަމަށް، ދައުވާގައި ބުނެފައިވަނީ ކޮންމެހެން ޖިނާއީ ކުށެއްގެ ތުހުމަތުގައި ނޫން ކަމަށެވެ. އަދި، މައްސަލައަކީ ކުރިއަށް ގެންދެވޭނެ މައްސަލައެއް ކަމަށް ކަނޑައަޅައި ދިނުމަށް ފިރިހެން މީހާގެ ފަރާތުން ކޯޓުގައި ވަނީ މި މައްސަލައިގައި އެދިފައެވެ.
މި މައްސަލައިގެ ޝަރިއަތް އަދި ކުރިއަށް އޮތްއިރު، އިހުތިސާސާމެދު އުފެއްދި ސުވާލުގެ ޖަވާބުގައި މައްސަލަ ބައްލަވާ ފަނޑިޔާރުވަނީ މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށް ކަނޑައަޅައި، ބުދަ ދުވަހުން ފެށިގެން 14 ދުވަހުގެ ތެރޭގައި މައްސަލައަށް ޖަވާބުދާރީވުމަށް މި މައްސަލައިގައި ދައުވާ ލިބޭ ބިލެތްފަހީ އަންހެން ކުއްޖާއަށް ވަނީ އަންގާފައެވެ.
ކައިވެނި ކުރާނެ ކަމަށް ބުނެ އޮޅުވާލުމުގެ މައްސަލަތައް މީގެ ކުރިން ވެސް ފެންމަތިވެފައިވެއެވެ.