ކުންފުނީގެ ސިމް ކާޑުން ހުއްދަނެތި 54،000 އަށް ވުރެ ގިނަ ރުފިޔާގެ ޑޭޓާ އެޑް-އޮންސް ނެގި ރިސޯޓެއްގެ ރެވެނިއު މެނޭޖަރު ވަޒީފާއިން ވަކިކުރީ ގާނޫނާ އެއްގޮތަށް ކަމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ކަނޑައަޅައިފިއެވެ.
މި މައްސަލަ ޓްރައިބިއުނަލުން ނިންމާފައިވަނީ މި މަހުގެ 10 ގައެވެ.
ވަޒީފާއިން ވަކިކުރި ރެވެނިއު މެނޭޖަރުގެ ފަރާތުން ޓްރައިބިއުނަލަށް ހުށަހެޅި މައްސަލައިގައި ބުނެފައިވަނީ، އޭނާ ވަޒީފާއިން ވަކިކޮށްފައިވަނީ ކުރެވުނު ތުހުމަތުތަކާ ގުޅިގެން ޖަވާބުދާރީވުމުގެ ފުރުސަތު ދިނުމެއް ނެތި ކަމަށެވެ. އަދި މައުލޫއީ އަދި އިޖުރާއީ އަދުލުވެރިކަން ގާއިމުކުރުމެއް ނެތި ކަމަށްވެސް އޭނާ ބުންޏެވެ. އެހެންކަމުން، އަނބުރާ ވަޒީފާ ދިނުމަށާއި، ގެއްލުމުގެ ބަދަލު ނަގައިދިނުމުގެ އިތުރުން، ވަކީލު ފީގެ ގޮތުގައި 5،000 ރުފިޔާ އަދި ފައިނަލް ސެޓްލްމަންޓުން ކެނޑި ފައިސާ އަނބުރާ ހޯދައިދިނުމަށް އޭނާ އެދިފައިވެއެވެ.
މި ދައުވާއަށް ރައްދުދެމުން އެ ރިސޯޓު ހިންގާ ކުންފުނިން ބުނީ، 2024 ވަނަ އަހަރުގެ ޖުލައި މަހު ރެވެނިއު މެނޭޖަރާ ހަވާލުކުރި ފޯނު ނަންބަރަށް މަހު އެލަވަންސްގެ ގޮތުގައި ކަނޑައަޅާފައިވަނީ 200 ރުފިޔާ ކަމަށެވެ. ނަމަވެސް އެ އަހަރުގެ ޖުލައި މަހުން ފެށިގެން ނޮވެންބަރު މަހުގެ ނިޔަލަށް، ހުއްދަނެތި އެޑް-އޮންސް ނެގުމުގެ ސަބަބުން ކަނޑައަޅާފައިވާ އަދަދަށް ވުރެ އިތުރަށް 54،742.98 ރުފިޔާ ބިލަށް އަރާފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ. މިއީ އިތުބާރު ގެއްލި، ހިޔާނާތްތެރިވުން ފަދަ ސީރިއަސް މައްސަލައަކަށް ވާތީ، ވަޒީފާއާބެހޭ ގާނޫނުގެ 23 ވަނަ މާއްދާގެ ދަށުން ނޯޓިސް ދިނުމަކާ ނުލައި އޭނާ ވަކިކުރީ ކަމަށް ކުންފުނިން ފާހަގަކުރިއެވެ.
މި މައްސަލަ ބެއްލެވި ޓްރައިބިއުނަލްގެ މެންބަރު ޝުއައިބް ޔޫސުފް ނިންމެވި ނިންމެވުމުގައިވާ ގޮތުން، ދިރާގުގެ ލިޔެކިޔުންތަކުންނާއި ހެކިބަހުން އެ ސިމް ކާޑު ބޭނުންކުރީ މެނޭޖަރުގެ އަމިއްލަ ފޯނަށް ލައްވައިގެންކަން ސާބިތުވެއެވެ. އަދި އެޑް-އޮންސް ނަގާފައިވަނީވެސް އެ ފޯނުންކަން ސާބިތުވެއެވެ. މެނޭޖަރެއްގެ މަގާމުގައި ހުރި މީހަކު ކުންފުންޏަށް ބޮޑު މާލީ ގެއްލުމެއް ލިބޭ ގޮތަށް މިފަދަ އަމަލެއް ކުރުމަކީ ދެފަރާތުގެ ދެމެދުގައި އޮންނަންޖެހޭ އިތުބާރު ގެއްލޭ ފަދަ ކަމަކަށް ވާތީ، ނޯޓިސް ދިނުމަކާ ނުލައި ވަކިކުރުމުގެ މައުލޫއީ އަދުލުވެރިކަން ފުރިހަމަވާ ކަމަށް ޓްރައިބިއުނަލުން ނިންމިއެވެ.
މީގެ އިތުރުން، ވަޒީފާއިން ވަކިކުރުމުގެ ކުރިން ކުންފުނިން ތަހުގީގެއް ހިންގައި އޭނާއާ ސުވާލުކޮށްފައިވާތީ، އިޖުރާއީ އަދުލުވެރިކަންވެސް ގާއިމުކޮށްފައިވާ ކަމަށް ކަނޑައެޅިއެވެ.
މުވައްޒަފުގެ އިހުމާލުން ނުވަތަ ނާޖާއިޒު ބޭނުމަކުން ކުންފުންޏަށް ގެއްލުމެއް ލިބިއްޖެނަމަ އެ ބަދަލު މުސާރައިން އުނިކުރެވޭނެ ކަމަށް ވަޒީފާގެ އެއްބަސްވުމުގައި ބަޔާންކޮށްފައިވެއެވެ. އެހެންކަމުން، ގެއްލުމުގެ ބަދަލުގެ ގޮތުގައި 3،343.43 ޑޮލަރު (51،555.69 ރުފިޔާ) އޭނާގެ ފައިނަލް ސެޓްލްމަންޓުން ކެނޑީ ގާނޫނާ ހިލާފަށް ނޫން ކަމަށް ޓްރައިބިއުނަލުން ނިންމިއެވެ. އަދި މެނޭޖަރު ވަކިކޮށްފައިވަނީ މައުލޫއީ އަދި އިޖުރާއީ އަދުލުވެރިކަން ގާއިމުކުރުމަށްފަހު ކަމަށް ކަނޑައަޅައި، އޭނާ އެދިފައިވާ އެއްވެސް ފަރުވާއެއް ނަގައިދެވެން ނެތް ކަމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ވަނީ ހުކުމްކޮށްފައެވެ.