މާދަމާގެ ރީތި ތާރީޚު، 25-12-25 ގައި ކުރަން ތާވަލުކޮށްފައި އޮތީ 34 ކައިވެނި ކަމަށް، ފެމިލީ ކޯޓުން މިއަދު ހާމަކޮށްފިއެވެ.
ރީތި ތާރީޚުތަކާ ގުޅުވައި ކައިވެނިކުރުމަކީ ދިވެހީންގެ މެދުގައި މަގުބޫލު ކަމެކެވެ. އެހެން ދުވަސްދުވަހު ކައިވެނި ނުކުރާ ވަރަށް ރީތި ތާރީޚުތަކުގައި ކުރާ ކައިވެނިތައް އިތުރެވެ.
ފެމިލީ ކޯޓުގެ މީޑިއާ އޮފިޝަލަކު "ސަން" އަށް ވިދާޅުވީ މާދަމާ 34 ކައިވެންޏެއް ކޮށްދޭއިރު، އޭގެ ތެރެއިން 13 ކައިވެންޏެއް ކޮށްދެނީ ރަސްމީ ގަޑީގައި ކަމަށެވެ. އަދި 21 ކައިވެންޏެއް ކޮށްދެނީ ނުރަސްމީ ގަޑީގައި ކަމަށް ފެމިލީ ކޯޓުގެ އޮފިޝަލް ވިދާޅުވިއެވެ.
އާންމުކޮށް ރީތި ތާރީޚުތަކުގައި ގިނަ މީހުން ކައިވެނިކުރަން ހުށަހެޅުމުން، ފެމިލީ ކޯޓުގެ ބޭރުގައި ޓެންޓު ޖަހައި، މީހުންނަށް އިށީނދެވޭ ގޮތަށް ގޮނޑިބަރި ޖަހާފައި ވެސް ހުރެއެވެ.
ފެމިލީ ކޯޓުގެ އެންމެ ފަހުގެ ތަފާސްހިސާބުތަކުގައިވާ ގޮތުން، މިދިޔަ ނޮވެމްބަރު މަހު މާލޭގައި 192 ކައިވެންޏެއް ކޮށްދީފައިވެއެވެ.