ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް އެކުގައި ފެނުމަކީ ކުޑަ ކަމެއް ނޫނެވެ. އެތެރޭގެ ހަމަނުޖެހުންތަކާއި ބައިބައިވުމުން ބަލިކަށިވެފައި އޮތް އެމްޑީޕީއަށް އެއީ އުންމީދުގެ މަންޒަރެކެވެ. އެ ބައްދަލުވުމަށް އެހާ ބޮޑު ސަމާލުކަމެއް ލިބުނީ ވެސް އެހެންވެއެވެ.
ދެ ރައީސުންގެ މެދުގައި ޚިޔާލު ތަފާތުވުން ބޮޑުވެ، ދެބަސްވުމާއި އަރައިރުމުގައި އުޅުއްވާތާ އެތައް ދުވަހެއް ވެއްޖެއެވެ.
މިދިޔަ 2023ގެ ރިޔާސީ އިންތިޚާބާ ގާތްވެފައި އޮއްވާ ނަޝީދުގެ އަރިސް ބޭފުޅުން އިސްވެ އުފެއްދެވި ދި ޑިމޮކްރެޓްސްއަކީ ވެސް އެ ކަމުގެ ހެއްކެކެވެ. އޭގެ ފަހުން، ދެ ބޭފުޅުން އެކުގައި މަސައްކަތެއް ނުކުރައްވައެވެ. އެނބުރި އެމްޑީޕީއަށް ޑިމޮކްރެޓްސްގެ ބޭފުޅުން ވަޑައިގެން ފަހުން ވެސް އެއްބައިވަންތަކަމެއް ނުފެނެއެވެ. އެ ދެބަސްވުމުގެ އަސަރު އެމްޑީޕީގެ ތެރެއިން ވެސް ފެނެއެވެ.
އެކަމަކު، މިއަދު ދެ ރައީސުން ބައްދަލުކުރައްވާ، އެކުގައި މަސައްކަތްކުރައްވާނެކަން އިއުލާނުކުރެއްވުމުން އެ ޕާޓީގެ ގިނަ ބަޔަކަށް އުންމީދު ގެނުވައިފިއެވެ.
އެ ޕާޓީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވެސް ވަނީ ރީނދޫ ކުލައިގެ ހިތަކާއި އެކުވެރިކަން ރަމްޒުކޮށްދޭ އިމޯޖީތަކަކާ އެކު ދެ ރައީސުންގެ ފޮޓޯ ސޯޝަލް މީޑިއާގައި ހިއްސާކުރައްވާފައެވެ. އަދި، ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވަނީ ގައުމު ވެއްޓިފައި އޮތް އަނދަވަޅުން އަރައިގަނެވޭނީ އެންމެން އެކުގައި މަސައްކަތްކޮށްގެންކަން ފާހަގަކުރައްވާފައެވެ.
"އެމްޑީޕީ އެކަތިގަނޑެއްގެ ގޮތުގައި އެއްކޮށް މަސައްކަތްކުރެވޭނެ މަގު ކޮށައިދޭން ކުރީގެ ޗެއާޕާސަން ފައްޔާޒް ކުރެއްވި މަސައްކަތާއި ވީ ގުރުބާނީއަށް ޝުކުރު ހައްގު،" އޭނާ ލިޔުއްވާފައިވެއެވެ.
މީގެ އިތުރުން، އެ ޕާޓީގެ ކުރީގެ ޗެއާޕާސަން އަދި މިދިޔަ ފަސް އަހަރު ޑިފެންސް މިނިސްޓަރުކަން ކުރެއްވި މާރިޔާ އަހުމަދު ދީދީ ވެސް ވަނީ ދެ ރައީސުންގެ ބައްދަލުކުރެއްވުމާ އެކު އުފާ ފާޅުކުރައްވާ ސޯޝަލް މީޑިއާގައި ދިގު ޕޯސްޓެއް ލިޔުއްވާފައެވެ. އޭނާ ވިދާޅުވި ވާހަކައިގެ ޚުލާސާއަކީ ދެ ރައީސުން ދެއްކެވި މިސާލުން އެންމެން އެކުގައި ކުރިއަށްދާން ޖެހޭ ވާހަކައެވެ.
"[ދެ ރައީސުން] މިއަދު ބައްދަލުކުރައްވާ، އެ ދެއްކެވި ރީތި ނަމޫނާއިން އިބުރަތް ލިބިގަނެ، އަޅުގަނޑުމެން އެންމެން އެ ގޮތުގައި ކުރިއަށް ދިއުން، އެއީ ރައީސް ޑރ. މުހައްމަދު މުއިއްޒު ދައުލަތެއްގެ ސިފަ ގެއްލުވާލައި، މުޅި ނިޒާމު ގަޑުބަޑުކޮށް، ރައްޔިތުންނަށް ދޮގު ހަދަމުންދާ، ކޮރަޕްޓް ސަރުކާރު ޖަވާބުދާރީކޮށް، ބަލިކުރެވޭނެ ގޮތް ކަމަށް ގަބޫލުކުރަން،" މާރިޔާ ލިޔުއްވާފައިވެއެވެ.
މީގެ އިތުރުން ވެސް އެމްޑީޕީގެ ސޯޝަލް މީޑިއާ އެކްޓިވިސްޓުންނާއި އެ ޕާޓީގެ ސަޕޯޓަރުން އަންނަނީ ދެ ރައީސުންގެ ބައްދަލުކުރެއްވުމުގެ ފޮޓޯތައް ހިއްސާކުރައްވަމުންނެވެ. އަދި، އެ ކަމުން އުންމީދު އާވެފައި ތިބިކަމަށް ބުނަމުންނެވެ.
ޞާލިޙާއި ނަޝީދު ބައްދަލުކުރައްވައިފައިވަނީ މިދިޔަ ރިޔާސީ އިންތިޚާބާ ދިމާކޮށް އެމްޑީޕީގެ ތެރޭގައި އެ ދެ ބޭފުޅުންނަށް ތާއިދުކުރާ ފެކްޝަން އުފެދުނު ގޮތަށް، އަނެއްކާ ވެސް ކައުންސިލް އިންތިޚާބާ ދިމާކޮށް ވާދަވެރިކަން އިތުރުވަމުންދާ ދަނޑިވަޅެއްގައެވެ.
ކައުންސިލް އިންތިޚާބުގައި އެންމެ މުހިންމު އެއް ދާއިރާ ކަމަށްވާ، މާލޭ ސިޓީ މޭޔަރު ކަމުގެ ޓިކެޓް ހޯއްދަވަން މިހާރުގެ މޭޔަރު އާދަމް އާޒިމް ކުރިމަތިލައްވައިފައިވާއިރު، ޞާލިޙް ތާއިދުކުރައްވަނީ އޭނާއަށެވެ. އަދި، ނަޝީދު ތާއިދުކުރައްވަނީ ޓިކެޓަށް ދެން ވާދަކުރައްވާ މެދު ހެންވޭރު ދާއިރާގެ ކުރީގެ މެންބަރު އަލީ އާޒިމަށެވެ.
ނަޝީދާއި ޞާލިޙަކީ ގާތް އެކުވެރިންގެ ގޮތުގައި އުޅުއްވައި، ގިނަ އަހަރުތަކެއް ވަންދެން އެމްޑީޕީގައި އެކުގައި ސިޔާސީ މަސައްކަތްތައް ކުރައްވައިފައިވާ ދެ ބޭފުޅުންނެވެ. ޞާލިޙް ވެރިކަމަށް ވަޑައިގަތީ ވެސް 2018ގައި ނަޝީދުގެ ތާއިދާ އެކުގައެވެ. ނަމަވެސް، އޭގެ ފަހުން ދެ ބޭފުޅުންގެ ގުޅުން ގޯސްވިއެވެ.
ފަހުން ވަރަށް ބޮޑެތި ތުހުމަތުތައް ވެސް ކުރެއްވިއެވެ. ވަގަށް ވެސް ގޮވިއެވެ. ޒާތީ ބައެއް ވާހަކަތައް ވެސް ދެއްކެވިއެވެ.
އެކަމަކު، މިއަދުގެ ބައްދަލުކުރެއްވުމަށް ފަހުގައި ދެ ރައީސުން ވިދާޅުވީ، އެ ވާހަކަތަށް މާޒީއަށް ދޫކޮށްލެއްވީ ކަމަށެވެ. ގާތް ނުވެވޭ ވަރަށް ދުރު ވެސް ނުވާ ކަމަށެވެ. އެކުގައި މަސައްކަތްކުރައްވާނެ ކަމަށެވެ. ކައުންސިލް އިންތިޚާބުގެ ޕްރައިމަރީއަށް ފަހުގައި ޕާޓީ ބައިބައިވިޔަ ނުދޭނެ ކަމަށެވެ. އެހެންވެ، އެމްޑީޕީ މެންބަރުންނާއި ސަޕޯޓަރުން ތިބީ އުފަލުންނެވެ. އުންމީދުގައެވެ.