މާރާމާރީ ހިންގި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި މީހަކު, އޭނާގެ ފަރާތުން އަނިޔާ ލިބުނު މީހާއަށް ބޭސްފަރުވާ ކޮށްދޭނެ ކަމަށް ބުނެފައިވަނިކޮށް އޭނާ ބަންދުން މިނިވަން ކޮށްފިއެވެ.
މާލެއަށް ނިސްބަތްވާ 35 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށް, އިއްޔެ ވަނީ މާރާމާރީ ހިންގުމުގެ ކުށުގައި ބަންދުގެ މުއްދަތު ޖެހުމަށް ކްރިމިނަލް ކޯޓަށް ހާޒިރު ކޮށްފައެވެ.
ނަމަވެސް ކްރިމިނަލް ކޯޓުން ވަނީ އޭނާގެ ބަންދުގެ މުއްދަތު އިތުރު ނުކޮށް މިނިވަން ކޮށްފައެވެ.
ކޯޓު އަމުރުގައި އޭނާ މިނިވަން ކުރި ސަބަބެއް ކަމަށް ބުނެފައިވަނީ ކުށުގެ ތުހުމަތު ކުރެވޭ ވަރަށް ހެކި ހުށަހަޅާފައިވީ ނަމަވެސް, މައްސަލައިގެ ވަށައިގެންވާ ކަންކަމަށް ރިއާޔަތް ކުރާއިރު ކުރެވެނީ ކުޑަ ތުހުމަތެއް ކަމަށެވެ. އަދި ފަހުގެ ތާރީހެއްގައި މީނާގެ ކުށުގެ ރެކޯޑެއް ނެތުމުން, ފުލުހުން ވެސް އޭނާ ބަންދުން ދޫކޮށްލުމަށް އިއުތިރާޒު ކޮށްފައި ނުވާ ކަމަށް އަމުރުގައިވެއެވެ.
އަމުރުގައި އިތުރަށް ބުނެފައިވަނީ އޭނާ ކުރި ކުށަށް އިއުތިރާފް ވެފައިވާ ކަމަށާއި އަދި އަނިޔާ ލިބުނު މީހާއަށް ބޭސް ފަރުވާ ކޮށްދޭނެ ކަމަށް އޭނާ ބުނެފައިވާ ކަމަށެވެ.
މި މާރާމާރީއާ ގުޅޭ އިތުރު ތަފްސީލެއް އަދި ނުލިބެއެވެ.