ބ. އޭދަފުށީ ކައުންސިލަށް ދައުލަތުގެ އާމްދަނީގެ ގޮތުގައި ބަލައިގަތް ހަ ލައްކައެއްހައި ރުފިޔާ ޕަބްލިކް ބޭންކް އެކައުންޓަށް ޖަމާނުކޮށް އެބައޮތްކަމަށް އޮޑިޓާ ޖެނެރަލްގެ އޮފީހުން ބުނެފިއެވެ.
މިދިޔަ ހޯމަ ދުވަހު އޮޑިޓް އޮފީހުން އާންމުކުރި އޭދަފުށީ ކައުންސިލްގެ އޮޑިޓު ރިޕޯޓުގައިވާ ގޮތުން، އޮޑިޓުކުރި ތާރީޚު ކަމަށްވާ މިދިޔަ އޮގަސްޓު މަހުގެ 21ވަނަ ދުވަހުގެ ނިޔަލަށް ޖުމްލަ 660،750 ރުފިޔާ ޕަބްލިކް ބޭންކް އެކައުންޓަށް ޖަމާނުކޮށް އެބައޮތެވެ.
އެއީ 2014 އިން 2022ވަނަ އަހަރުގެ ނިޔަލަށް ކަނޑު އުޅަނދުގެ ސަލާމަތީ ސެޓްފިކެޓް ހެއްދުމުގެ ފީގެ ގޮތުގައި ލިބިފައިވާ ފައިސާއެވެ. އެހެންކަމުން އެ ފައިސާ ޖަމާނުކޮށް އަށް އަހަރު ވަނީ ހޭދަވެފައެވެ.
ނަމަވެސް އޮޑިޓުގައި ކައުންސިލާ ހަވާލާދީ ބުނެފައިވާ ގޮތުގައި އެ ފައިސާ ޖަމާކޮށްފައިނުވަނީ، އެއީ ކޮން ފަރާތަކުން ފޮނުވި ފައިސާއެއްކަން އެނގެން ނެތުމުން ތަފްސީލް ބަލަމުންދާތީއެވެ.
މީގެ އިތުރުން ކައުންސިލަށް ދެ ޓަނުގެ ޕިކަޕެއް ގަތުމަށް ޖުމްލަ 480،000 ރުފިޔާއަށް ކުންފުންޏަކާއެކު ސޮއިކުރި ނަމަވެސް ހޯދައިދޭންޖެހޭ މުއްދަތު ހަމަވިއިރު ވެސް ޕިކަޕާއި، އެ ކަމަށް އެޑްވާންސްގެ ގޮތުގައި ދެއްކި 72،000 ރުފިޔާ ވެސް ކައުންސިލަށް ނުލިބޭކަމަށް ބުނެ ވެސް މައްސަލަ ފާހަގަކޮށްފައިވެއެވެ. އެޑްވާންސް ފައިސާ ހޯދަން އެ ރަށު މެޖިސްޓްރޭޓް ކޯޓަށް ގޮސް، އެއީ ކައުންސިލަށް ވަގުތުން ދައްކަން ޖެހޭ ފައިސާކަމަށް ހުކުމް ކޮށްފައި ވެސް ވެއެވެ. ނަމަވެސް އަދި އެ ފައިސާ ނުލިބެއެވެ.
ހަމައެއާއެކު މާލީ އަހަރުގެ ނިޔަލަށް އެކިއެކި ފަރާތްތަކުން ލިބެންޖެހޭ ފައިސާ ނުލިބި ހުރިކަން ފާހަގަކޮށް، އޮޑިޓުގައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު 31ގެ ނިޔަލަށް ކައުންސިލަށް ލިބެންޖެހޭ 342،702 ރުފިޔާ ނުލިބިވާ ކަމަށް ބުނެފައެވެ.
މީގެ އިތުރުން ސްޕޯޓްސް މިނިސްޓްރީން ޚަރަދުކޮށް ބަލަހައްޓަންޖެހޭ އެ ރަށު ޒުވާނުންގެ މަރުކަޒަށް ކައުންސިލު ބަޖެޓުން 67،390 ރުފިޔާ ހޭދަކުރުމާއި، އެ ތަން އަމިއްލަ ކްލަބަކަށް ވިޔަފާރި އުސޫލުން ކައުންސިލުން ދޭ ކަމަށް އޮޑިޓުގައި ބުންޏެވެ. އޮޑިޓުގައި ފާހަގަކުރި ގޮތުގައި ކައުންސިލުން އެކަން ކުރަނީ އެ މިނިސްޓްރީގެ ހުއްދަ ނެތިއެވެ.
އަދި ޔޫތު ސެންޓަރުތަކުގެ ބޭނުމަކީ ޒުވާނުންގެ ތެރެއިން ކުޅިވަރު ކުޅެން ބޭނުންވާ މީހުންނަށް ފުރުސަތު ދިނުންކަމަށް ފާހަގަކޮށް އުސޫލެއް ނެތި ވިޔަފާރިކުރުމަށް އެ ސެންޓަރު ބޭނުންކުރުމަކީ ރަށުގެ ރައްޔިތުންނަށް އެ ތަނުން ލިބޭ މަންފާ ހަނިވާނެ ކަމެއް ކަމަށް އޮޑިޓުގައިވެއެވެ.
ރަށްރަށު ކައުންސިލުތަކުގެ އޮޑިޓުތަކުން އެންމެ ބޮޑަށް ފާހަގަވާ އެއް މައްސަލައަކީ ތަޖުރިބާ ދަތުރުތަކުގެ ނަމުގައި ބޮޑެތި ހޭދަތައް ކޮށްފައި ހުރުމެވެ. އެއީ ރައްޔިތުން ވެސް އެކަމާ މެދު ސުވާލު އުފައްދައި، ނުރުހުން ފާޅުކުރާ އެއް ކަމެވެ. އޮޑިޓު ރިޕޯޓުތަކުގެ ސަބަބުން، މާލީ ގޮތުން ގެއްލުންވާނެހެން ކައުންސިލްތަކުން ކުރާ އެތައް ކަމެއް ފެންމަތިވެއެވެ.