ސިޔާސީ ގޮތުން ޚިޔާލު ތަފާތުވުން ބޮޑު، ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ބައްދަލުކުރައްވައިފިއެވެ.
ޞާލިޙާއި ނަޝީދު ބައްދަލުކުރައްވައިފައި ވަނީ، މިދިޔަ ރިޔާސީ އިންތިޚާބާ ދިމާކޮށް އެމްޑީޕީގެ ތެރޭގައި އެ ދެ ބޭފުޅުންނަށް ތާއިދުކުރާ ފެކްޝަން އުފެދުނު ގޮތަށް، އަނެއްކާވެސް ކައުންސިލް އިންތިޚާބާ ދިމާކޮށް ވާދަވެރިކަން އިތުރުވަމުންދާ ދަނޑިވަޅެއްގައެވެ.
ކައުންސިލް އިންތިޚާބުގައި އެންމެ މުހިންމު އެއް ދާއިރާ ކަމަށްވާ، މާލޭ ސިޓީ މޭޔަރު ކަމުގެ ޓިކެޓް ހޯއްދަވަން މިހާރުގެ މޭޔަރު އާދަމް އާޒިމް ކުރިމަތިލައްވައިފައިވާއިރު، ޞާލިޙް ތާއިދުކުރައްވަނީ އޭނާއަަށެވެ. އަދި ނަޝީދު ތާއިދުކުރައްވަނީ، ޓިކެޓަށް ދެން ވާދަކުރައްވާ މެދު ހެންވޭރު ދާއިރާގެ ކުރީގެ މެންބަރު އަލީ އާޒިމަށެވެ.
އެ ކެމްޕެއިން ހޫނުވެ، ދެ ކެންޑިޑޭޓުން އެކަކު އަނެކަކަށް ތުހުމަތުތައް އަމާޒުކޮށްފައިވަނިކޮށް، މިދިޔަ ހޯމަ ދުވަހު ޞާލިޙް ވަނީ ނަޝީދާ ބައްދަލުކުރައްވާނެކަން ހާމަކުރައްވައިފައެވެ. އެގޮތުން ދ. ކުޑަހުވަދޫގެ އެމްޑީޕީގެ މެންބަރުންނާ ބައްދަލުކުރައްވައި، ޞާލިޙް ވިދާޅުވީ، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބު ކާމިޔާބުކުރަން އެކުގައި މަސައްކަތް ކުރުމަށް ނަޝީދާ ބައްދަލުކުރައްވާނެ ކަމަށެވެ.
އެ ދެ ބޭފުޅުން މިއަދު ބައްދަލުކުރެއްވި ނަމަވެސް، އެ ބައްދަލުވުމުގެ ތަފުސީލެއް މިހާތަނަށް ނުލިބެއެވެ.
ކުރީގެ ރައީސް ޞާލީޙާއި ކުރީގެ ރައީސް ނަޝީދު: ދެ ބޭފުޅުން ސުލްހަވުމަށް ޓަކައި ވަނީ ބައްދަލުކުރައްވައިފައި -- ފޮޓޯ/ އެމްޑީޕީ
ނަޝީދާއި ޞާލިޙަކީ ގާތް އެކުވެރިންގެ ގޮތުގައި އުޅުއްވައި، ގިނަ އަހަރުތަކެއް ވަންދެން އެމްޑީޕީގައި އެކުގައި ސިޔާސީ މަސައްކަތްތައް ކުރައްވައިފައިވާ ދެ ބޭފުޅުންނެވެ. ޞާލިޙް ވެރިކަމަށް ވަޑައިގަތީ ވެސް 2018ގައި ނަޝީދުގެ ތާއިދާއެކުގައެވެ. ނަމަވެސް އޭގެ ފަހުން ދެ ބޭފުޅުންގެ ގުޅުން ގޯސްވިއެވެ.
އެ ވެރިކަމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ކުރެއްވި ނަޝީދު، ޞާލިޙްގެ ސަރުކާރަށް ފާޑުކިޔުމާއި ތުހުމަތުތައް ފާޅުގައި އަމާޒުކުރެއްވިއެވެ. އަދި 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ޕްރައިމަރީން ނަޝީދު ނާކާމިޔާބުވުމުންނާއި، ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަށް އޭރުގެ ސަރުކާރުން އެއްބާރުލުން ނުލިބުނު ފަހުން ދެ ބޭފުޅުންގެ ގުޅުން އިތުރަށް ގޯސްވިއެވެ.
އެއަށްފަހު ނަޝީދު އެމްޑީޕީގެ ބައެއް މަޖިލިސް މެންބަރުންނާއެކު އެ ޕާޓީން ވަކިވެވަޑައިގެން ޑިމޮކްރެޓްސްގެ ނަމުގައި އަމިއްލަ ޕާޓީއެއް އުފެއްދެވީއެވެ. އެ ޕާޓީން ވެސް ރިޔާސީ އިންތިޚާބުގައި ޞާލިޙްގެ ވާދަކުރިއެވެ. ނަމަވެސް ނާކާމިޔާބުވުމުން، ދެވަނަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް ތާއިދުނުކުރަން ނިންމިއެވެ.
ޞާލިޙަށް އެ އިންތިޚާބު ނާކާމިޔާބުވީ އޭގެ ސަބަބުން ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ. އޭގެ ފަހުން، މި ސަރުކާރަށް ވެސް ތާއިދުކުރައްވައި ވާހަކަ ދެއްކެވުމަށް ފަހު، މިދިޔަ ޖޫން މަހު އަލުން އެމްޑީޕީއާ ގުޅިވަޑައިގަތީއެވެ.
އޭގެ ފަހުން ވެސް ޚިޔާލު ތަފާތުވުން ބޮޑުވެ، އެމްޑީޕީގެ އަޑު ފަނޑުވާކަމުގެ ކަންބޮޑުވުން މި ފަހުން ވަރަށް ބޮޑެވެ.