ހިޔާ ޓަވަރެއްގައި ހަށިވިއްކުމުގެ ވިޔަފާރި ކުރަމުން ދިޔަ ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި މީހުންގެ ތެރެއިން ދިވެހި މީހާ ބަންދުން ދޫކޮށްލައި, އުޒްބަކިސްތާނު ދެ އަންހެނުންގެ ބަންދުގެ މުއްދަތު އިތުރު ކޮށްފިއެވެ.
މިދިޔަ މަހުގެ 29 ގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ހައްޔަރުކުރީ ރ. ރަސްގެތީމު، ކިއުބާ، އުމުރުން 40 އަަހަރުގެ ޙުސައިން ސޮލާހާއި އުޒްބަކިސްތާނުގެ ހަތަރު އަންހެނުންނެވެ.
އެ ހަތަރު އަންހެނުންނަކީ:
- ޒަރީމާ ގުލަމޮވެނާ ޑެޖުރައެވާ (40އ)
- ޑިލްޑޯރާ އެގަމްނަޒޮވާރާ (31އ)
- ޝަހުޒޮޑަޚޮން ރުސްތަމޯވާ (28އ)
- އުމިޑަބޮނޫ ނެމަޓޯވާ (34އ)
އެ މީހުންގެ ބަންދުގެ މުއްދަތު އެކި ފަހަރު މަތިން ވަނީ އިތުރު ކޮށްފައެވެ.
ފުލުހުން މިއަދު "ސަން" އަށް ބުނީ މި މައްސަލައިގައި ހިމެނޭ ދިވެހި މީހާއަށް ކޯޓުން ޝަރުތުތަކެއް ކުރުމަށް ފަހު ބަންދުން ދޫކޮށްލާފައިވާ ކަމަށެވެ.
ހަމައެހެންމެ މި މައްސަލާގައި ހިމެނޭ ޝަހުޒޮޑަޚޮން ރުސްތަމޯވާ އާއި
ޒަރީމާ ގުލަމޮވެނާ ޑެޖުރައެވާގެ ބަންދަށް އިއްޔެ އިތުރު 10 ދުވަސް ކޯޓުން ޖަހާފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލައިގައި ހިމެނޭ އަނެއް ދެ އަންހެނުންގެ މުއްދަތު ހަމަވަނީ މާދަމާއަށެވެ.
ފުލުހުން ބުނީ މި ފަސް މީހުން ވެސް ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން ހުޅުމާލެ ފޭސް ދޭއްގެ ހިޔާ 12 ވަނަ ޓަވަރުގެ އެޕާޓްމަންޓެއް ބަލައިފާސްކޮށް ކުށުގެ ވެށިން ކަމަށެވެ. އަދި ހައްޔަރުކޮށްފައިވާ މީހުންގެ ތެރެއިން ޙުސައިން ސޮލާހާއި ޒަރީމާ ގުލަމޮވެނާ ޑެޖުރައެވާ އަކީ މިކަމުގައި އިސްކޮށް ހަރަކާތްތެރިވާކަމަށް ތުހުމަތުކުރެވޭ ދެ މީހުން ކަމަށް ފުލުހުން ތުހުމަތުކުރެއެވެ.
އެ މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް އެޕާޓްމަންޓް ބަލައިފާސްކުރިއިރު، 19،100 އަށްވުުރެ ގިނަ އެމެރިކާ ޑޮލަރާއި 18،000 އަށްވުރެ ގިނަ ދިވެހި ރުފިޔާ ފެނިފައިވާކަމަށް ފުލުހުން ބުންޏެވެ.
މައްސަލަ އިތުރަށް ތަހުގީގުކުރަމުން އަންނަކަމަށް ވެސް ފުލުހުން ބުންޏެވެ.