އަންނަ މަހުން ފެށިގެން, ދެ ފުރޮޅަށް ވުރެ ގިނަ ފުރޮޅުލީ އުޅަނދުތައް ރަޖިސްޓްރީ ކުރާއިރު، މާލޭ ސިޓީ ކައުންސިލާއި، ހުޅުމާލެ ބަލަހައްޓާ ހައުސިން ޑިވޮލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ)އިން ދޭ ގަރާޖު ހުއްދަ ހުށަހަޅަން ނުޖެހޭ ގޮތަށް ބަދަލު ގެންނަ ނަމަވެސް، ވެހިކަލް ބާއްވާނެ ގަރާޖެއް ދައްކަންޖެހޭނެ ކަމަށް ޓްރާންސްޕޯޓު މިނިސްޓްރީން މިއަދު ބުނެފިއެވެ.
މިދިޔަ ހޯމަ ދުވަހު މިނިސްޓްރީން ވަނީ ގަރާޖު ހުއްދަ ހުށަހަޅަން ނުޖެހޭ ގޮތަށް އަންނަ މަހު އެކަކުން ފެށިގެން ބަދަލުކުރާނެ ކަމަށް ބުނެފައެވެ. އެއާއެކު ދެން ގަރާޖެއް އޮތުން ލާޒިމްނޫންކަމަށް ބުނެ ބައެއް ވާހަކަތައް އަންނަނީ އާންމުންގެ މެދުގައި ދެކެވެމުންނެވެ.
އެ ވާހަކަތަކާ ގުޅިގެން މިއަދު މިނިސްޓްރީން ބުނީ ކުރިއެކޭ އެއްގޮތަށް، ދެން ވެސް އުޅަނދު ބާއްވަން ރަޖިސްޓްރީކޮށްފައިވާ ގަރާޖު ޖާގައެއް އޮތުން ލާޒިމު ކަމަށެވެ. ފަސޭހަކޮށްފައިވާނީ ގަރާޖާ ގުޅޭގޮތުން ކަށަވަރުކުރަން ބޭނުންވާ ކަންކަމުގެ އިދާރީ މަރުހަލާތައް ކަމަށް މިނިސްޓްރީން ބުންޏެވެ.
އެގޮތުން މިނިސްޓްރީން ބުނި ގޮތުގައި ކުރިން ހުށަހަޅަންޖެހޭ ލިޔުންތަކުގެ ތެރޭގައި:
- މާލޭ ސިޓީ ކައުންސިލް، ނުވަތަ އެޗްޑީސީއިން ދޭ އިމާރާތް ގަރާޖެއްގެ ގޮތުގައި ބޭނުންކުރުމުގެ ހުއްދަ
- މާލޭ ސިޓީ ކައުންސިލް، ނުވަތަ އެޗްޑީސީއިން ދޭ ވެހިކަލް ގަރާޖު ކުރުމުގެ ހުއްދަ
- ގަރާޖުގެ ވެރިފަރާތުގެ އިއުތިރާޒެއް ނެތްކަމުގެ ލިޔުމާއި، ވެރިފަރާތުގެ އައިޑީ
ނަމަވެސް މި ލިޔުންތަކުގެ ތެރެއިން މި ފެށޭ ޖެނުއަރީ މަހުގެ ފުރަތަމަ ދުވަހާއެކު ވެހިކަލް ގަރާޖުކުރުމުގެ ހުއްދަ ދިންކަމުގެ ލިޔުން ހުށަހަޅަން ނުޖެހޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީން ބުނި ގޮތުގައި މި ބަދަލު ގެނައީ، އެއް ޚިދުމަތެއް ފުރިހަމަކުރުމަށް ދެ ފަހަރަށް ހުށަހަޅަންޖެހޭތީ ދިމާވާ ދައްޗަށް ހައްލެއް ގެނައުމަށެވެ.
އަދި 2009ވަނަ އަހަރު، ގަރާޖު ލާޒިމްކުރުމުގެ ކުރިންނާއި، ކަނޑައެޅިގެން ވަކި ގަރާޖަކަށް ރަޖިސްޓްރީކޮށްފައިނުވާ އުޅަނދުތަކުގެ ވެރިފަރާތް ބަދަލުނުކުރެވި ޝަކުވާ ކުރަމުން އަންނާތީ އެ އިންތިޒާމު ހަމަޖެއްސުމަށެވެ. އެއާއެކު، މާލޭ ޒޯނުގައިވާ އެ ފަދަ އުޅަނދުތަކަށް އިތުރު ގަރާޖު ލިޔުމެއް ނެތި، ވެރިފަރާތް ބަދަލުކުރެވޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
މި ބަދަލު އައި ނަަމަވެސް، ގަރާޖުގެ ވެރިފަރާތުގެ އިއުތިރާޒެއް ނެތްކަން ޔަގީންކުރުމާއި، ގަރާޖު ބެލުމުގެ މަސައްކަތް މިނިސްޓްރީން ކުރާނެ ކަމަށް ވަނީ ބުނެފައެވެ.
މާލޭ ސަރަހައްދުގައި ސައިކަލާއި ކާރު، ކެެރީން ކެޕޭސިޓީއަށްވުރެ އެތައް ގުނައެއް އިތުރުކަމަށް މާލޭ ސިޓީ ކައުންސިލުން ހާމަކުރި ތަފާސްހިސާބުތަކުން ދައްކައެވެ. ހަތަރުފުރޮޅުލީ އުޅަނދުތަކުން މާލެއާއި ހުޅުމާލޭގެ މަގުތަކުގެ ދެ ފަރާތް ފުރިފައިވާއިރު، ދުއްވަން އޮންނަ ޖާގަ ޕާކިންއަށް ގެއްލޭކަމުގެ ޝަކުވާ އާންމުން އަންނަނީ ކުރަމުންނެވެ. އަދި ޕާކިން ބިލްޑިން އެޅުން ލަސްވެ، ޕާކު ކުރާނެ ޖާގަ ނެތުމުން އެ ކަންބޮޑުވުން ވެސް އެބައޮތެވެ.
މިއާއެކު އަމިއްލަ ޖާގައެއް ނެތްނަމަ، ގަރާޖެއް ހޯދަން ނުވަތަ ގަރާޖު ހުއްދައެއް ހޯދަން އެތައް ލައްކަ ރުފިޔާއެއް ޚަރަދުކުރަންޖެހޭތީ ކާރު ރަޖިސްޓްރީ ނުކުރެވި ތިބި މީހުން އެ ކަންބޮޑުވުން ވެސް ފާޅުކުރެއެވެ.