ބެލެނިވެރިއަކު ނެތި ބަލިމީހުން އެތައް ދުވަހަކު ހޮސްޕިޓަލުގައި ތިބެން ޖެހޭ މައްސަލައިގައި، ދެ މިނިސްޓްރީއެއް މަޖިލީހަށް

ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ): ބަލިމީހާއާ ހަވާލުވާނެ މީހަކު ނެތި، ހޮސްޕިޓަލަށް ގެންނާތީ، ހޯމް މިނިސްޓްރީއާއި ސޯޝަލް މިނިސްޓްރީ މަޖިލީހަށް ހާޒިރުކޮށްދޭން ވަނީ އެދިވަޑައިގެންފައި -- ފޮޓޯ/ މަޖިލިސް

ހަވާލުވާނެ މީހަކު ނެތި، ސަރުކާރު ހޮސްޕިޓަލުތަކަށް މީހުން ގެނައުމުން ދަތިތައް ދިމާވާތީ، ހޯމް މިނިސްޓްރީއާއި ސޯޝަލް އެންޑް ފެމިލީ މިނިސްޓްރީއާ ސުވާލުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ އިޖްތިމާއީ ކޮމިޓީއަށް ހާޒިރު ކޮށްދެއްވުމަށް، ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) މިއަދު އެދިވަޑައިގެންފިއެވެ.

މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲއަށް ކުޑޫ ފޮނުއްވި ސިޓީގައި ވަނީ، ބަލިމީހާއާ ހަވާލުވާނެ މީހަކު ނެތި، ސަރުކާރު ހޮސްޕިޓަލުތަކަށް ގެންދާތީ އެ ކަމުގެ ސަބަބުން ދިމާވާ ގިނަ ދަތިތައް ފާހަގަކުރައްވާފައެވެ.

މިގޮތުން، އެއް ކަމަކަށް ސިޓީގައި ފާހަގަކޮށްފައި ވަނީ، އިމަޖެންސީ ނުވަތަ ވޯޑުގައި ބަލި މީހުންގެ ކަންކަމުގައި އެހީތެރިއަކަށް ބޭނުންވާއިރު، މީހަކު ނުވަތަ ބެލެނިވެރިއަކު ނެތުމުން ނަރުހުންނާއި ވޯޑުގެ އެޓެންޑެންޓުން އެ މީހުންނަށް އެހީތެރިވާން ޖެހޭ ކަމެވެ. އޭގެތެރޭގައި، ފާޚާނާއަށް އެކަނި ނުދެވޭ ހާލަތުގައި ގެންގޮސްދިނުމަށް އެހީތެރިވާން ޖެހުން ފަދަ ކަންކަން ހިމެނެއެވެ.

އައިޖީއެމްއެޗް ކުރިމަތި: ބަލިމީހާއާ ހަވާލުވާނެ މީހަކު ނެތި، ހޮސްޕިޓަލަށް ގެންނާތީ، ހޯމް މިނިސްޓްރީއާއި ސޯޝަލް މިނިސްޓްރީ މަޖިލީހަށް ހާޒިރުކޮށްދޭން ކުޑޫ ވަނީ އެދިވަޑައިގެންފައި -- ފޮޓޯ/ މާނިއު މުހައްމަދު

ހޮސްޕިޓަލުން ބަލި މީހާ ދޫކޮށްލުމަށް ފަހުގައި ވެސް، ޒިންމާ ނަގާނެ މީހަކު ނެތުމުން ގިނަ ދުވަހަށް ބަލި މީހުން ހޮސްޕިޓަލުގައި އެޑުމިޓުވެގެން ތިބެން ޖެހޭކަން ކުޑޫގެ ސިޓީގައި ވަނީ ފާހަގަކުރައްވާފައެވެ. އެހެންވެ، އެހެން ބަލި މީހަކު އެޑުމިޓު ކުރަން ބޭނުންވާ ހާލަތްތަކުގައި އެނދު ނުލިބޭ ފަހަރު ދިމާވާ ކަމަށް ސިޓީގައިވެއެވެ.

އޭގެއިތުރުން، މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ މީހުން އެޑުމިޓު ކުރެވޭ ހާލަތްތަކުގައި އެ މީހުންނާ ހަވާލުވާނެ މީހަކު ނެތުމުން، ބައެއް ފަހަރަށް ހަމަނުޖެހުން ހިންގައި، ކޮންޓްރޯލް ކުރަން އުނދަގޫވާ ކަމަށް ސިޓީގައި ވަނީ ބުނެފައެވެ.

ކުޑޫ ވިދާޅުވީ، ޑުރަގު ބޭނުންކުރާ މީހުން ހޮސްޕިޓަލުގައި ބަލަހައްޓާނެ މީހަކު ނެތުމުން ބައެއް ފަހަރަށް އެ މީހުން ގަވައިދާ ޚިލާފަށް ވޯޑުތަކުގެ ފާހަނާތަކުގައި ޑުރަގު ބޭނުންކުރާ ކަމަށެވެ.

އިތުރަށް ސިޓީގައި ފާހަގަކޮށްފައިވާ ކަންކަމަކީ:

  • ބިދޭސީންނަށް ހެލްތު އިންޝުއަރެންސް ސްކީމެއް ނެތުމުން ވަގުތުން ދޭންޖެހޭ ފަރުވާއާއި ފުރާނަ ސަލާމަތް ކުރުމަށް ފަރުވާ ދިނުން ލަސްވުމުގެ މައްސަލަތައް ކުރިމަތިވުން
  • ބަލި މީހުންނާއި ކާނާއާއި ބޭހާއި ފެންވަރާ ސާފުވާ ސާމާނު، ހޮސްޕިޓަލުތަކުގެ ނަރުހުންނާއި މުވައްޒަފުންނަށް ފޯރުކޮށްދޭން ޖެހުން
  • ބަލި މީހާއަށް ފަރުވާ ދިނުމާ ގުޅޭ ގޮތުން ގޮތް ނިންމާނެ މީހަކު ނެތުމުން ފަރުވާ ލަސްވުން
  • ބަލި މީހާއަށް އަޅާލާނެ މީހަކު ނެތުމުން ނަފުސާނީ ބަލިމަޑުކަން ކުރިމަތިވެ، މާޔޫސްކަން އިތުރަށް ބޮޑުވުން

ކުޑޫ ވިދާޅުވީ، މި ފަދަ މައްސަލަތަކަކީ، ޚިދުމަތްތައް ފޯރުކޮށްދޭން ހުރަސް އެޅޭނެ ކަންކަން ކަމަށާއި އެ ކަންކަމުގެ ސަބަބުން ޖިސްމާނީއާއި ނަފުސާނީ އަނިޔާއަށް ހުށަހެޅުމުގެ ފުރުސަތު އޮތް ކަމަށެވެ. އެހެންވެ، މެންބަރު ކުޑޫ ވަނީ އެ މައްސަލަތަކާ ގުޅޭ ގޮތުން ސުވާލުކުރުމަށް ހޯމް މިނިސްޓްރީއާއި ސޯޝަލް މިނިސްޓްރީ މަޖިލީހުގެ އިޖުތިމާއީ ކޮމިޓީއަށް ހާޒިރުކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ.

ފާހަގަކުރެވޭ ގޮތުގައި، ރާއްޖޭގެ މައި ހޮސްޕިޓަލް އައިޖީއެމްއެޗުގައި ޚިދުމަތްތައް ލަސްވުމާއި ބައެއް ފަހަރު އެޑްމިޓު ކުރަން އެނދު ނުލިބޭ ކަމުގެ ޝަކުވާ ސޯޝަލް މީޑިއާގައި ވަރަށް އާންމުކޮށް ކުރެއެވެ.

comment ކޮމެންޓް