ބޮލުން އިސްތަށި ފޭބުމަކީ އަންހެނުންނާއި ފިރިހެނުންގެ މެދުގައި ވެސް ވަރަށް އާންމު ޝަކުވާއެކެވެ. ފުނާ އަޅާއިރު ނުވަތަ ފާޚާނާ ތެރެއިންނާއި ބާލީސް މަތިން ގިނަ އަދަދަކަށް އިސްތަށި ފެނުމަކީ ކަންބޮޑުވާންޖެހޭ ކަމެކެވެ.
ނަމަވެސް، އިސްތަށި ފޭބުމަކީ އަބަދު ސިއްހީ ބޮޑު މައްސަލައެއް އޮތްކަމުގެ ނިޝާނެއް ނޫނެވެ. އިސްތަށި ފޭބުމަށް މެދުވެރިވާ ސަބަބުތައް ދެނެގަނެ، ކުރީބައިގައި ފަރުވާ ހޯދުމަކީ އިސްތަށިގަނޑު ދުޅަހެޔޮކަންމަތީ ދިގު މުއްދަތަކަށް ދެމެހެއްޓުމަށް އެހީތެރިވެދޭނެ ކަމެކެވެ.
އިސްތަށިގަނޑުގެ ކޮންމެ ފަށެއްވެސް އުފެދި ބޮޑުވުމުގެ ވަކި މަރުހަލާތަކެއް އޮވެއެވެ. އެއީ ހެދިބޮޑުވުމުގެ މަރުހަލާ، ބަދަލުވުމުގެ މަރުހަލާ އަދި އަރާމުކުރުމުގެ މަރުހަލާއެވެ. އަރާމުކުރުމުގެ މަރުހަލާއަށް ދިއުމަށްފަހު، އިސްތަށި ފައިބައި އެ ތަނަށް އާ އިސްތަށި ފަޅައެވެ.

އިސްތަށި ފޭބުމަށް މެދުވެރިވާ ސަބަބުތަކުގެތެރޭ އުމުރުގެ އެކި މަރުހަލާގައި ހޯމޯންތަކަށް އަންނަ ބަދަލުތައް ހިމެނޭ--ފޮޓޯ/އީއެމްސީ
އާދައިގެ ހާލަތްތަކުގައި ދުވާލަކު 50 އާއި 100އާ ދެމެދުގެ އަދަދަކަށް އިސްތަށި ފޭބުމަކީ އާދައިގެ ކަމެކެވެ. މިއީ އިސްތަށިގަނޑު އާވުމުގެ ތަބީއީ މަރުހަލާގެ ތެރެއިން ހިނގާ ކަމެކެވެ.
އިސްތަށި ފޭބުމަށް މެދުވެރިވާ ސަބަބުތަކާ ގުޅޭގޮތުން އިންޑޮނޭޝިއާގެ އީއެމްސީ ހެލްތުކެއަގެ، ހަމުގެ ބަލިތަކަށް ފަރުވާދެއްވާ ހާއްސަ ޑޮކްޓަރު، ޑރ. ޕެޓްރީޝިއާ އެސް ޔޫ ބީއާރު ހުތަގަލުންގް ވިދާޅުވީ އިސްތަށި ފޭބުމުގެ އެންމެ އާންމު ސަބަބަކީ އެކަން ވާރުތަވުމެވެ. މިއީ އަންހެނުންނާއި ފިރިހެނުންނަށްވެސް ކުރިމަތިވާ ކަމެކެވެ. އޭނާ އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މާބަނޑު ދުވަސްވަރާއި ވިހެއުމަށްފަހު، އިއްދައިން ކެނޑުމުގެ މަރުހަލާ، ތައިރޮއިޑް ބަލިތައް އަދި 'ޕީއެމްއޯއެސް' ފަދަ ހާލަތްތަކުގައި އިސްތަށި ފޭބުން އިތުރުވެއެވެ.
ބޮޑު އޮޕަރޭޝަނެއް ކުރުން، ގަދަޔަށް ހުން އައުން، ކުއްލިއަކަށް ބަރުދަން ލުއިވުން ނުވަތަ ނަފްސާނީ ގޮތުން ކުރިމަތިވާ ބުރަ ހާލަތްތަކުގެ އިތުރުން ހަށިގަނޑަށް ބޭނުންވާ މުހިންމު ނިއުޓްރިއަންޓްސް ކަމަށްވާ ޕްރޮޓީން، ދަގަނޑު، ޒިންކް، ވިޓަމިން 'ޑީ' އަދި 'ބީ' ކޮމްޕްލެކްސް މަދުވުމަކީ ވެސް އިސްތަށި ފޭބުމަށް މަގުފަހިވާ ކަމެކެވެ.

ބޮލުގެ ހަންގަނޑު ފެންނަ ވަރަށް އިސްތަށިގަނޑު ތުނިވެ ބޮލުގެ ވަކި ތަންތަންކޮޅުން އިސްތަށި ފައިބާކަން ފާހަގަކުރެވޭނަމަ ލަސްނުކޮށް ޑޮކްޓަރަށް ދައްކަންވާނެ--ފޮޓޯ/އީއެމްސީ
އިސްތަށި ފޭބުމަށް މެދުވެރިވާ އިތުރު ސަބަބުތަކުގެތެރޭ، ބޮލުގެ ފަންގަސް އިންފެކްޝަން، އެލޮޕީޝިއާ އޭރިއާޓާ އަދި ލޫޕަސް ފަދަ ބަލިތަކުގެ އިތުރުން ކީމޯތެރަޕީ ބޭސްތަކާއި، ލޭ ތުނިކުރާ ބޭސްތަކުގެ އިތުރުން ބައެއް ކަހަލަ ބްލަޑް ޕްރެޝަރު ބޭސްތައް ކެއުން ހިމެނެއެވެ. އަދި ހަމައެއާއެކު، އިސްތަށިގަނޑު މާ ބާރަށް އައްސާފައި ބެހެއްޓުން، ގިނައިން ކުލަޖެއްސުމާއި ބްލީޗް ކުރުން، އަދި ހޫނުކޮށްގެން އިސްތަށިގަނޑު ސްޓައިލް ކުރާ ސާމާނު ބޭނުންކުރުމުންވެސް އިސްތަށި ފޭބުން އިތުރުވާކަމަށް ޑރ. ޕެޓްރީޝިއާ ވިދާޅުވެއެވެ.
އިސްތަށި ފޭބުން މަދުކުރުމަށް ކުރެވިދާނެ ކަންކަމުގެތެރޭ، ފައިދާހުރި ކާނާ ކެއުން، ސްޓްރެސް ކުޑަކުރުން، ރަނގަޅު ޝޭމްޕޫ ބޭނުންކުރުން، އިސްތަށިގަނޑު މާ ބާރަށް ނޭއްސުން، ހޫނު ކުރާ ސާމާނު ބޭނުންކުރުން މަދުކުރުން، ކެމިކަލްގެ ބޭނުން ކުޑަކުރުން އަދި ހަމަ ނިދި ހޯދުން ހިމެނެއެވެ.
ދުވާލަކު 100 އަށްވުރެ ގިނަ އިސްތަށި މެދުނުކެނޑި ފޭބުން، ބޮލުގެ ހަންގަނޑު ފެންނަ ވަރަށް އިސްތަށިގަނޑު ތުނިވުން، ބޮލުގެ ވަކި ތަންތަންކޮޅުން އިސްތަށި ފައިބައި ތަލަވުން، އިސްތަށި ފޭބުމާއެކު ބޮލުގައި ކަހާ، ރިއްސާ ނުވަތަ ރަތްވުން، ކުއްލިއަކަށް ގިނަ އަދަދަކަށް އިސްތަށި ފޭބުން އަދި މަސްތަކެއް ވާއިރުވެސް އާ އިސްތަށި ނުފެޅުން ފަދަ ކަންކަން ފާހަގަކުރެވޭނަމަ ލަސްނުކޮށް ޑޮކްޓަރަށް ދައްކަންވާނެ ކަމަށް ސިއްހީ މާހިރުން ލަފާދެއްވައެވެ.
އިސްތަށި ފަޅުވާ ސަޕްލިމެންޓްސް ބޭނުންކުރުމާ ގުޅޭގޮތުން ޑރ. ޕެޓްރީޝިއާ ވިދާޅުވީ، ކޮންމެ މީހަކަށް އެފަދަ ސަޕްލިމެންޓް ބޭނުންވުމަކީ ލާޒިމު ކަމެއް ނޫންކަމަށެވެ. އާންމުކޮށް ސަޕްލިމެންޓް ދެނީ ޓެސްޓުތަކުން ހަށިގަނޑުގައި މާއްދާއެއް މަދުކަން އެނގުމުންނެވެ. ޑޮކްޓަރެއްގެ ލަފާ ނެތި ސަޕްލިމެންޓް ބޭނުންކުރުމަކީ އެކަމަށް އޮތް ހައްލެއް ނޫންކަން އޭނާ ފާހަގަކުރައްވައެވެ.
އިސްތަށި ފޭބުން ދޭއް ނުވަތަ ތިން މަހަށްވުރެ ގިނަ ދުވަހަށް ދެމިގެންދާނަމަ، ހަމުގެ ޚާއްސަ ޑޮކްޓަރެއްގެ މަޝްވަރާ ހޯދުން ވަރަށް މުހިންމެވެ. ޑޮކްޓަރުން ބޮލުގެ ހަންގަނޑު ބަލައި، ލޭގެ ޓެސްޓުތަކުން (ތައިރޮއިޑް، ދަގަނޑު ނުވަތަ ހޯމޯން) މައްސަލަ ދެނެގަނެ، އެކަމަށް އެންމެ އެކަށީގެންވާ ފަރުވާ ދޭނެއެވެ.