މިފެށޭ ޖަނަވަރީ މަހުތެރޭ ޝޫޓިންގް ފަށާނެކަން އިއުލާނުކޮށްފައިވާ, ޑައިރެކްޓަރު ފަރުހާން އަޚްތަރުގެ ފިލްމު "ޑޮން 3"އިން އެ ފިލްމުގެ ލީޑް އެކްޓަރު ރަންވީރު ސިންގް ވަކިވެފައިވާ ކަމަށް އިންޑިއާގެ މީޑިއާތަކުން ބުނަން ފަށައިފިއެވެ.
ރަންވީރު ފިލްމު "ޑޮން 3" ދޫކޮށްލި ކަމަށް ރިޕޯޓުތަކުން ބުނެފައިވީ ނަމަވެސް މިހާތަނަށް އެއްވެސް ފަރާތަކުން އެކަން ކަށަވަރުކޮށްދީފައެއް ނުވެއެވެ.
އިންޑިއާގެ މީޑިއާތަކުން ބުނެފައިވާ ގޮތުގައި ފަރުހާންގެ ފިލްމުން ވަކިވާން ރަންވީރު ނިންމީ މި މަހު ރިލީޒްވި އެކްޓަރުގެ ފިލްމު "ދުރަންދާރް"އަށް ބޮކްސް އޮފީހުގައި ލިބެމުން އަންނަ ތަރުހީބު ބޮޑުވެ އެފަދަ ބޮޑެތި ޕްރޮޖެކްޓްތަކުން ލިބޭ ފުރުސަތުތަކުގެ ބޭނުން ކުރުމުގެ ބޭނުމުގައި ކަމަށެވެ.
ފަރުހާންގެ އަމިއްލަ ފިލްމު ކުންފުނި އެކްސެލް އެންޓަޓެއިންމަންޓްއިން ގެނެސްދެމުން އަންނަ "ޑޮން" ފްރެންޗައިސްގެ ތިން ވަނަ ފިލްމު އިއުލާނުކޮށްފައި ވަނީ 2023ގެ އޮގަސްޓް މަހުގެ ތެރޭގައެވެ.
ރަންވީރު ސިންގް ފިލްމުގެ ލީޑް ރޯލްއިން ފެންނާނެކަން އިއުލާނު ކުރުމަށްފަހު ފިލްމުގެ މަސައްކަތް މިހާތަނަށް ނުފެށި ދިގުލައިގެން ގޮސްފައިވާތީ ވެސް ގިނަ ބައެއްގެ ފާޑުކިޔުންތަކެއް ފަރުހާނަށް ވަނީ އަމާޒުވެފައެވެ.

ފިލްމު "ޑޮން 3"ގެ ލީޑް އެކްޓަރު ރަންވީރު ސިންގް--ފޮޓޯ/ޑީއެންއޭ
ރަންވީރު ފިލްމު "ޑޮން 3"އިން ވަކިވި ކަމަށް މީޑިއާތަކުން ބުނަމުން އަންނައިރު މި ފިލްމުގެ ލީޑް ބަތަލާގެ ގޮތުގައި ހަމަޖެއްސި ކިއާރާ އަދުވާނީ ވެސް ފިލްމުން ވަކިވެފައިވާ ކަމަށް އިންޑިއާގެ މީޑިއާތަކުން ތަންކޮޅެއް ކުރިން ވަނީ ބުނެފައެވެ.
ކިއާރާގެ ބަދަލުގައި ލީޑް ބަތަލާގެ ގޮތުގައި ދެން ފެންނާނީ ކްރިތީ ސެނޮން ކަމަށް ރިޕޯޓުތަކުން ބުނި ނަމަވެސް އެކްސެލް އެންޓަޓެއިންމަންޓްއިން އެކަން ކަށަވަރުކޮށްދީފައެއް ނުވެއެވެ.
ފިލްމު "ޑޮން 3"އިން ވަކިވުމަށް ރަންވީރު ދެން އެންމެ އަވަހަށް މަސައްކަތް ފަށާނީ އެކްޓަރު ސޮއިކޮށްފައިވާ ޒޮމްބީ ފިލްމު "ޕްރަލޭ"ގައެވެ.
ފިލްމު "ޑޮން"3ގެ ލީޑް ރޯލަށް ރަންވީރު ސިންގް ހޮވިއިރު އެ ފްރެންޗައިސްގެ ކުރީގެ ދެ ފިލްމުގެ ލީޑް އެކްޓަރަކީ ޝާހްރުކް ޚާންއެވެ. އަދި ބަތަލާގެ ރޯލްއިން ފެނިފައި ވަނީ ޕްރިޔަންކާ ޗޯޕްރާ ޖޯނަސްއެވެ.