ލަންޑަން (23 ޑިސެމްބަރު 2025) : އިނގިރޭސިވިލާތުގައި ދިރިއުޅޭ ބިލިޔަނަރުން އެ ގައުމު ދޫކޮށްދާ މިންވަރު އާދަޔާ ޚިލާފަށް ގިނަވެފައިވާއިރު މިހާތަނަށް 16,000 އަށް ވުރެން ގިނަ ބިލިޔަނަރުން އިނގިރޭސިވިލާތް ދޫކޮށް އެހެން ގައުމުތަކަށް ހިޖުރަކޮށްފައިވާކަން ރިޕޯޓްތަކުން ހާމަވެއްޖެއެވެ.
އިނގިރޭސި ކުންފުންޏެއްކަމަށްވާ ހެންލޭ އެންޑް ޕާޓްނާސް އިން ތައްޔާރުކޮށް ޝާއިއު ކޮށްފައިވާ ރިޕޯޓެއް ބުނާގޮތުން މިދިޔަ އަހަރުގެ މާޗް މަހުން ފެށިގެން މިހާތަނަށް 16300 އަށް ވުރެގިނަ ބިލިޔަނަރުން އިނގިރޭސިވިލާތް ދޫކޮށް އެހެން ގައުމުތަކަށް ހިޖުރަކޮށްފައިވާކަން ތަފާސް ހިސާބުތަކުން ހާމަވަކަމަށާއި މި ހިނގާ ޑިސެމްބަރުގެ ނިޔަލަށް މިއަދަދު 16500އަށް އަރާނެ ކަމަށެވެ.
މި ހަފްތާގައި ލަންޑަން ދޫކޮށް އެހެން ގައުމުތަކަށް ދިރިއުޅުން ބަދަލުކުރި ބިލިޔަނަރުންގެ ތެރޭގައި މިސްރު ދަރިކޮޅުގެ ބިލިޔަނަރެއްކަމަށްވާ މުހައްމަދު މަންސޫރު ހިމެނެއެވެ. މަންސޫރުގެ މިލްކިއްޔާތު 3.4 ބިލިޔަން ޑޮލަރަށް އަރައެވެ.
އިނގިރޭސިވިލާތަކީ ކުރިން މިލިޔަނަރުންނާއި ބިލިޔަނަރުން އެންމެ ބޮޑަށް ދިރިއުޅެން ބޭނުންވާ ގައުމުތަކުގެ ތެރޭގައި ހިމެނޭ ގައުމެކެވެ. އެއީ އެހެން ގިނަ ގައުމުތަކާ ޚިލާފަށް އިނގިރޭސިވިލާތުގައި ދިރިއުޅޭ މަހުޖަނުން ޓެކްސް ދައްކަން ޖެހެނީ އެގައުމުގެ އެތެރޭގައި އެމީހުން ކުރާ ވިޔަފާރިން ލިބޭ އާމްދަނީއިން ކަމަށްވާތީއެވެ. އަދި އެހެން ގައުމުތަކުގައި ކުރާ އިންވެސްޓްމަންޓާއި ވިޔަފާރީން ލިބޭ ފައިދާއިން އިނގިރޭސި ސަރުކާރަށް ޓެކްސް ދައްކަން ނުޖެހޭތީއެވެ.
ނަމަވެސް 2024 ވަނައަހަރު ހައުސް އޮފް ކޮމަންސުން އިނގިރޭސިވިލާތުގެ ގާނޫނުތަކަށް ގެނައި ބަދަލުތަކާ ގުޅިގެން މިހާލަތު ވަނީ ބަދަލުވެފައެވެ.
މި ބަދަލުތަކާއެކު އިނގިރޭސިލާތުގެ އެތެރެއާއި އެ ގައުމުން ބޭރުގައި ކުރާ ވިޔަފާރިން ލިބޭ އާމްދަނީން ވެސް އިނގިރޭސި ސަރުކާރަށް ޓެކްސް ދައްކަން ޖެހެއެވެ. ނަތީޖާއެއްގެ ގޮތުން އިނގިރޭސިވިލާތުގައި ދިރިއުޅޭ މަހުޖަނުން ވަނީ އެ ގައުމު ދޫކޮށް އެހެން ގައުމުތަކަށް ދިރިއުޅުން ބަދަލުކުރަން ފަށާފައެވެ.
އިނގިރޭސި މަހުޖަނުން ދިރިއުޅުން ބަދަލުކުރާ ގައުމުތަކުގެ ތެރޭގައި އެމެރިކާ، ތުރުކީ، ވިއެޓްނާމް, ގްރީސް އާއި އިޓަލީ އަދި ދެކުނު އެފްރިކާ ފަދަ ގައުމުތައް ހިމެނެއެވެ.
ހެންލޭ އެންޑް ޕާޓްނާސް ގެ ރިޕޯޓް ބުނާގޮތުން މަހުޖަނުން އިނގިރޭސިވިލާތް ދޫކޮށް ދިޔުމަކީ އިނގިރޭސި އިގްތިސާދަށް ބޮޑެތި ގެއްލުންތަކެއް ލިބޭނެކަމެކެވެ. އިނގިރޭސިވިލާތަކީ ކުރިން ވަރުގަދަ ސިނާއީ ގައުމަކަށް ވީޔަސް މިހާރު އެއީ އެހާވަރުގަދަ ސިނާއީ ގައުމެއްނޫނެވެ. އިނގިރޭސި އިގްތިސާދުގެ މައިގަނޑު ބިނާވެފައިވަނީ މާލީ ޚިދުމަތްތަކާ އަދި ފަތުރުވެރިކަން ފަދަ ތާޝަރީ ޚިދުމަތުގެ ދާއިރާއަށެވެ.
އިނގިރޭސިވިލާތަށް އާމްދަނީ ލިބޭ މައިގަނޑު ސިނާއަތަކީ ދުނިޔޭގެ މުހިއްމު މާލީ މަރުކަޒެއްގެ ގޮތުގައި އެ ގައުމު އަދިވެސް މަސައްކަތް ކުރުމެވެ.
މަހުޖަނުން އިނގިރޭސިވިލާތް ދޫކޮށްފައި ދިޔުމަކީ މުސްތަގްބަލުގައި މި ހައިސިއްޔަތު އެ ގައުމަށް ގެއްލޭނެކަމެއްކަމަށް މާލީ ތަޖުރިބާކާރުން ދެކެއެވެ. މީގެއިތުރުން މަހުޖަނުން ގެއްލިގެން ދިޔުމަކީ ލޯކަލް އިންވެސްޓްމަންޓަށްވެސް ބޮޑު ލޮޅުމެއް އަރަމުންދާ ކަމެއްގެ ގޮތުގައިވަނީ ބެލެވިފައެވެ.