މާލޭގެ ދެ ގެއެއް ބަލައި ފާސްކޮށް، 442 ވޭޕް ކާޓްރިޖާއި ދެ ކާޓަން ސިނގިރޭޓު ހޯދައިފި

ފުލުހުން ހޯދި ވޭޕާއި ސިނގިރޭޓު: މާލޭގެ ދެ ގެއަކުން ގިނަ އަދަދެއްގެ ވޭޕް ފެނިފައިވޭ -- ފޮޓޯ/ ފުލުހުން

ފުލުހުން އިއްޔެ މާލޭގެ ދެ ގެއެއް ބަލައިފާސްކޮށް، އެ ދެ ގެއިން 442 ވޭޕް ކާޓްރިޖާއި ދެ ކާޓަން ސިނގިރޭޓު ހޯދައިފިއެވެ.

ފުލުހުން ބުނީ، އެ މުއައްސަސާގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން އިއްޔެ އޮޕަރޭޝަނެއް ކުރިއަށްގެންގޮސް، ކޯޓު އަމުރެއްގެ ދަށުން މާލޭގެ ދެ ގެއެއް ބަލައިފާސްކުރި ކަމަށެވެ.

އެ ދެ ގެއިން 442 ވޭޕް ކާޓްރިޖްއާއި ދެ ކާޓަން ސިނގިރެޓްގެ އިތުރުން ޝީޝާ ޕަފްއާއި ވޭޕްއާ ގުޅުންހުރި އެހެނިހެން ތަކެތި ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެ ޚިދުމަތުން ބުނީ އެ މައްސަލައާ ގުޅިގެން ދެ މީހަކު ޖޫރިމަނާކޮށްފައިވާ ކަމަށެވެ. ނަމަވެސް އެ މައްސަލައިގައި އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުންގެ ދަށަށް މީގެ ކުރިން ގެންދިޔަ ވޭޕާއި ކާޓްރިޖްތަކެއް: ވޭޕް އެތެރެކުރުމާއި ވިއްކުމަށް އަދަބުތައް ކަނޑައަޅައިފައިވޭ --- ފޮޓޯ: ފުލުހުން

އެ މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.

މި ސަރުކާރުން ދުންފަތާ ދެކޮޅަށް ކުރަމުން އަންނަ މަސައްކަތުގެ ދަށުން މިދިޔަ އަހަރުގެ ނޮވެންބަރު މަހުގެ އެކަކުން ފެށިގެން ސިނގިރޭޓުގެ ޑިއުޓީ ބޮޑުކޮށް، ވޭޕް އެތެރެކުރުން ވަނީ ނޮވެންބަރު 15ގައި މަނާކޮށްފައެވެ. އަދި ވޭޕް ގެންގުޅުމާއި ބޭނުންކުރުން ޑިސެންބަރު 15ގައި ވަނީ މަނާކޮށްފައެވެ.

އޭގެ ފަހުން، ވަގަށް ސިނގިރޭޓާއި ވޭޕް އެތެރެކުރުމުގެ ގިނަ މައްސަލަތަކެއް ފާހަގަވެފައިވެއެވެ. އެގޮތުން ވޭޕް މަނާކުރި ފަހުން ހިފެހެއްޓި އޭގެ އެންމެ ބޮޑު ޝިޕްމެންޓް މި މަހުގެ ހަތަރު ވަނަ ދުވަހު ހިފަހައްޓައިފައިވާ ކަމަށް ކަސްޓަމްސްއިން ބުނެފައިވެއެވެ.

https://sun.mv/215124

ކަސްޓަމްސްއިން ބުނީ، ކަނޑުގެމަގުން ރާއްޖެއަށް ގެނައި މުދާ ޝިޕްމެންޓެއްގައި، ގާނޫނާއި ގަވާއިދާ ޚިލާފު ތަކެތި ހުރެދާނެކަމަށް އެ މުއައްސަސާއަށް ފާހަގަކުރެވިގެން ކުރިއަށްގެންދިޔަ އޮޕަރޭޝަނުގައި، 2.7 މިލިއަން ރުފިޔާގެ އަގުހުރި ވޭޕްގެ ޝިޕްމެންޓެއް ހޯދައިފައިވާ ކަމަށެވެ.

ކަސްޓަމްސްއިން އަންނަނީ އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ރާއްޖޭގައި ވޭޕް މަނާކޮށް، އީ-ސިނގިރޭޓާއި ވޭޕް އެތެރެކުރުމާއި ބޭނުންކުރުމަށް ވެސް އަދަބު ކަނޑައަޅައިފައިވެއެވެ. އެގޮތުން ވޭޕް ކުރަން ބޭނުންކުރާ އާލާތްތަކާއި އެކަމަށް ތައްޔާރު ކޮށްފައިވާ އުފެއްދުންތައް ރާއްޖެ އެތެރެކޮށްފި ނަމަ 50،000 ރުފިޔާއިން ޖޫރިމަނާކޮށް، އެތެރެކުރާ ކޮންމެ އިލެކްޓްރޯނިކް ސިނގިރޭޓް ނުވަތަ ވޭޕް އާލާތަކަށް 10،000 ރުފިޔާގެ މަގުން ޖޫރިމަނާ ކުރެވެއެވެ.

comment ކޮމެންޓް