ޓެލްއަވީވު (22 ޑިސެމްބަރު 2025) : އީރާނަށް އިސްވެ ހަމަލާދިނުމުގެ މުހިއްމުކަން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަށާއި އެމެރިކާގެ ހަނގުރާމައާބެހޭ ވުޒާރާގެ އިސް މަސްއޫލުވެރިންނަށް ވިސްނައި ދިނުމުގެ ޖާސޫސީ ރިޕޯޓެއް އިސްރާއީލުގެ ޖާސޫސީ އިދާރާ "މޫސާދު" އިން ތައްޔާރު ކުރަމުން ގެންދާކަމަށް އިސްރާއީލުގެ މީޑިއާ އެއްކަމަށްވާ ހެބްރޫ ބްރޯޑްކާސްޓިން އޮތޯރިޓީން ބުނެފިއެވެ.
މި އޮތޯރިޓީ ބުނާގޮތުން "މޫސާދު" އިން ތައްޔާރުކުރާ ރިޕޯޓް ބިނާކުރަނީ އީރާނުން ނިއުކްލިޔާ ޓެކްނޮލޮޖީ ތަރައްގީ ކުރުމުގެ މަސައްކަތް އަލުން ފަށާފައިވާ ކަމާއި ބަލިސްޓިކް މިސައިލް ޓެކްނޮލޮޖީގެ ތަރައްގީ މެކުހަށް ޖަހާފައިވާކަން ބަޔާންކޮށް އީރާނުގެ ދިފާއު ވަރުގަދަކުރާ މައްސަލައަށް އަމާޒުކޮށްގެންނެވެ.
އީރާނުން އެ ގައުމުގެ އަމިއްލަ ދިފާއު ވަރުގަދަ ކުރުމަށް ކުރާ މަސައްކަތަކީ އިސްރާއީލަށް އޮތް ބިރެއްކަމަށް އިސްރާއީލު އަބަދުވެސް ބުނަމުން ގެންދާއިރު މި ރިޕޯޓްގައި އެންމެ ބޮޑު އިސްކަމެއް ދޭނީ އެ މައްސަލައަށް ކަމަށް ވެއެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް -- ފޮޓޯ: އޭއެފްޕީ
އިސްރާއީލުގެ ޗެނެލް 14 ބުނާގޮތުން އިރާނުގެ އަސްކަރީ ބާރާބެހޭގޮތުން އިސްރާއީލުގެ ޖާސޫސީ އިދާރާ "މޫސާދު" އިން ތައްޔާރުކުރާ ރިޕޯޓް އެމެރިކާއަށް ހުށަހެޅުމަށް ހަމަޖެހިފައިވަނީ ބައިނަލްއަގްވާމީ އަދާލަތަށް ބޭނުންވެފައިވާ އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އެމެރިކާއަށް ކުރަން ހަމަޖެހިފައިވާ ދަތުރުގައެވެ. މި ދަތުރުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާ އެކު ބޭއްވުމަށް ހަމަޖެހިފައިވާ ބައްދަލުވުމުގައެވެ.
ނަންހާމަ ކުރަން ނޭދޭ އިސްރާއީލުގެ މަސްއޫލުވެރިއަކާ ހަވާލާދީ އިސްރާއީލުގެ ޗެނެލް 14 ބުނާގޮތުން އީރާނަށް އިސްވެ ހަމަލާދީ އީރާން އަސްކަރީ ގޮތުން އިނދަޖައްސާލުމުގެ މުހިއްމުކަން އެމެރިކާގެ މަސްއޫލުވެރިންނަށް ޚާއްސަކޮށް ރައީސް ޑޮނަލްޑް ޓްރަމްޕަށް ވިސްނައި ދިނުމަށް ނަތަންޔާހޫ އެމެރިކާއަށް ކުރާ ދަތުރުގައި ވަރަށް ބޮޑަށް މަސައްކަތް ކުރާނެއެވެ.
އީރާނަށް އިސްވެ ހަމަލާދިނުމުގައި ތިން އޮޕްޝަނެއް ނަތަންޔާހޫ ޓްރަމްޕަށް ހުށަހަޅާނެކަމަށް ނަންހާމަ ކުރަން ނޭދޭ އިސްރާއީލުގެ މަސްއޫލުވެރިޔާ ބުނެފައިވެއެވެ.
ފުރަތަމަ އޮޕްޝަނަކީ އެމެރިކާގެ ރުހުމާ އަދި ލިމިޑެޓް އެހީއާއެކު އިސްރާއީލުން އިސްވެ އީރާނުގެ ނިއުކްލިޔާ މަރުކަޒުތަކަށާއި ބަލިސްޓިކް މިސައިލް އުފައްދާ ކާރުޚާނާތަކަށް ހަމަލާދީ އެތަންތަން ހަލާކުކޮށްލުމެވެ.
ދެވަނަ އޮޕްޝަނަކީ އީރާނުގެ ނިއުކްލިޔާ މަރުކަޒުތަކަށާއި ބަލިސްޓިކް މިސައިލް އުފައްދާ ކާރުޚާނާތަކަށް އެމެރިކާއާއި އިސްރާއީލު ގުޅިގެން އެއްވަގުތަކު ގަދަ ފަދަ ހަމަލާތަކެއްދީ އެތަންތަން ފުނޑާލުމެވެ.
ތިން ވަނަ އޮޕްޝަނަކީ އެމެރިކާއާއި އިސްރާއީލު ގުޅިގެން އީރާނުގައި އުފައްދާގައިވާ އިސްރާއީލުގެ ޖާސޫސުންގެ އެހީއާއެކު އީރާނުގެ އެތެރެގަޑުބަޑުކޮށްލައިގެން އީރާނުގެ މިހާރުގެ ވެރިކަމުގެ ނިޒާމު ވައްޓާލުމެވެ.
އީރާނުގެ މިހާރުގެ ވެރިކަމުގެ ނިޒާމު ވައްޓާލުމަށްފަހު ގަލްފުގެ އަރަބި ގައުމުތަކުގައި އޮންނަ ބާވަތުގެ އެމެރިކާއަށް ބޯލަނބާ އެމެރިކާއަށް ބަރޯސާވާ ވެރިކަމުގެ ނިޒާމެއް އީރާނުގައި އުފެއްުދުމެވެ.

އީރާންގެ ރޫޚާނީ ލީޑަރު: -- ފޮޓޯ/ އޭޕީ
މިފަދަ އެމެރިކާއަށް ބޯލަނބާ ނިޒާމެއް އީރާނުގައި ނުއުފައްދައި އީރާނުގެ ޓެކްނޮލޮޖީ ގެ ކުރިއެރުން ނުހުއްޓުވޭނެކަމަށް އިސްރާއީލު ދެކެެއެވެ. އިސްރާއީލު އެންމެ ބޮޑަށް ޕްރެފާ ކުރަނީ މިއޮޕްޝަނަށް އެމެރިކާގެ ތާއީދު ހޯދުންކަމަށް ނަންހާމަ ކުރަން ނޭދޭ އިސްރާއީލުގެ މަސްއޫލުވެރިޔާ އާ ހަވާލާދީ އިސްރާއީލުގެ ޗެނެލް 14 ބުނެއެވެ.
އިސްރާއީލާއި އެމެރިކާގެ ސިޔާސަތަކީ މެދުއިރުމަތީގައި އިސްރާއީލަށްވުރެ އަސްކަރީ ބާރު ގަދަ ގައުމެއް އޮތުމުގެ ފުރުސަތު ނުދިނުމުގެ މައްޗަށެވެ. އިސްރާއީލަށްވުރެ އަސްކަރީ ގޮތުން ބާރުގަދަ ގައުމެއް ނޫނީ އިސްރާއީލުން ދޭ އުދުވާނީ ހަމަލާތަކަށް ރައްދު ހަމަލާ އެއް ދެވޭވަރުގެ ގައުމެއް މެދުއިރުމަތީގައި އޮތުމުގެ ފުރުސަތު ނުދިނުމުގެ މައްޗަށެވެ،
އެއީ މިފަދަ ގައުމެއް އޮވެއްޖެނަމަ މެދުއިރުމަތީގައި އިސްރާއީލު ބޭނުންވާކަންކަން ކުރުމުގެ ފުރުސަތު އިސްރާއީލަށް ގެއްލިގެން ދާތީއެވެ. މި ފަދަ ގައުމެއް އޮވެއްޖެނަމަ ފަލަސްތީނުގެ ބިންތައް ހިފައިގެން ފަލަސްތީނުގެ ބިމުގައި ދައުލަތެއްގެ ގޮތުގައި އަމާންކަމާއެކު ތާ އަބަދަށް އިސްރާއީލަށް ދެމި ނޯވެވޭނެތީއެވެ.
މީގެއިތުރުން އަރަބި އެތަށް ގައުމެއް ހިމެނޭގޮތަށް ފުރާތު ކޯރުން ފެށިގެން ނީލަކޯރާހަމައަށް ގްރޭޓާ އިސްރާއީލު ގެ ނަމުގައި އިސްރާއީލުގެ ދައުލަށް ފުޅާކުރުމަށް ރާވާފައިވާ ޕްލޭން ތަންފީޒު ކުރުމަވެސް އީރާންފަދަ އެމެރިކާއަށް ބޯނުލަނބައި އަމިއްލަ އަށް ޓެކްނޮލޮޖީ ތަރައްގީ ކުރާ ގައުމެއް އޮވެގެން ކުރެވޭނެ ކަމަކަށް ނުވާތީއެވެ.
މިހުރިހާ ކަމަކަށްވެސް އޮތް ހުރަހަކީ އީރާނެވެ. އީރާނުގެ އަސްކަރީ ބާރާއި އީރާނުގެ މިހާރުގެ ނިޒާމުން ތަރައްގީކުރާ އަސްކަރީ ޓެކްނޮލޮޖީ އެވެ. ނިއުކްލިޔާ ޓެކްނޮލޮޖީ އާއި ބަލިސްޓިކް މިސައިލް ޓެކްނޮލޮޖީ އެވެ.
މި ޓެކްނޮލޮޖީތަކުން އީރާން މަހުރޫމް ކުރެވޭނީ އީރާނުގެ މިހާރުގެ ވެރިކަން ވައްޓާލައި ގޮނޑިކޮއްކޮ ވެރިކަމެއް އީރާނަށް ގެނަސްގެންކަމަށް އިސްރާއީލު އަބަދުވެސް ދެކެއެވެ.
ގަލްފުގެ އަރަބި ގައުމުތަކާއި މިސްރުގައިވެސް ގިނަ އަދަދަކަށް ހަތިޔާރު އެބަހުއްޓެވެ. ނަމަވެސް އެއީ އެމެރިކާ ވިއްކާފައިވާ ހަތިޔާރަށް ވެފައި އެހަތިޔާރުގެ ބިރު އިސްރާއީލަށް ނެތުމުން އަރަބި ގައުމުތަކުގެ ނުރައްކަލުގެ އެއްވެސް ވާހަކައެއް އިސްރާއީލުން ނުދައްކައެވެ.
މުހައްލިލުން ވިދާޅުވާގޮތުގައި އަރަބި ގައުމުތަކުން އިސްރާއީލަށް ނުރައްކާ ކުރިމަތިވާނެކަމުގެ ވާހަކަ އިސްރާއީލު ނުދައްކަނީ އެގައުމުތަކުން އަމިއްލަ ޓެކްނޮލޮޖީގައި ހަތިޔާރު ތަރައްގީ ނުކުރާތީއާއި އީރާނުގެ ހަތިޔާރާ ޚިލާފަށް އެގައުމުތަކުގެ ހަތިޔާރުތަކަކީ އެމެރިކާގެ ކޮންޓްރޯލްގެ ދަށުގައިވާ ހަތިޔާރުތައް ކަމަށް ވާތީއެވެ.
އިސްރާއީލުގެ މީޑިއާތައް ބުނާގޮތުން ނަތަންޔާހޫ ޓްރަމްޕް އާ ބައްދަލުކުރާއިރު އީރާނަށް ގަދަ ފަދަ ހަމަލާތަކެއް ދީ އީރާނުގެ ކަންތައް ނިންމާލައިގެން މެނުވީ މެދުއިރުމަތިން ޓެރަރިޒަމްގެ އަސަރު ފިލުވައި ނުލެވޭނެކަން އޭނާ ޓްރަމްޕަށް ދަންނަވާނެއެވެ.
ނަތަންޔާހޫ ޓްރަމްޕަށް ހުށަހަޅާ ޖާސޫސީ ރިޕޯޓަކީވެސް މެދުއިރުމަތީގައި ހަރަކާތްތެރިވާ "ޓެރަރިސްޓް" ޖަމާއަތްތަކަކީ ހަމާސް އާއި ހިޒްބުﷲ އަދި ޔަމަންގެ ހޫޘީން ކަމާއި މިޖަމާއަތްތަކުގެ "ޓެރަރިޒަމް" ގެ ފަހަތުގައި އޮތީ އީރާންކަން ޓްރަމްޕް އަށް ވިސްނައިދިނުމަށް ހުށަހަޅާ ރިޕޯޓެއްކަމަށް އިސްރާއީލުގެ މީޑިއާތައް ބުނެއެވެ.
އިސްރާއީލާއި އެމެރިކާއިން ޓެރަރިޒަމް ކަމަށް ސިފަކުރަނީ ފަލަސްތީނުގެ މިނިވަންކަމަށް ޓަކައި އިސްރާއީލުގެ އިސްތިއުމާރާ ދެކޮޅަށް ކުރާ ޖިހާދުގެ މަސައްކަތްތަކަށެވެ.
އިސްރާއީލުން އީރާނުގެ މައްޗަށް ޓެރަރިޒަމްގެ ތުހުމަތުކުރާއިރު އީރާނުން އިސްރާއީލު ސިފަކުރަނި އިސްލާމީ ދުނިޔެ ހަލާކު ކުރުމަށްޓަކައި ހުޅަނގުން އިންދާފައިވާ ކެންސަރު ސެލްއެއް ގެ ގޮތުގައެވެ. އިރާނުން އެމެރިކާ ސިފަކުރަނީ ދުނިޔޭގެ ބޮޑު ޝައިތާންގެ ގޮތުގައެވެ.
މިދިޔަ ޖުލައި މަހު އިސްރާއީލުންވަނީ 12 ދުވަސް ވަންދެން އީރާނަށް ގަދަފަދަ ހަމަލާތަކެއްދީ އީރާނުގެ ގިނަ އަދަދެއްގެ ސައެންސްވެރިން ޝަހީދުކޮށްލައި އީރާނުގެ 400 އަށް ވުރެގިނަ އާންމުން ޝަހީދުކޮށްލާފައެވެ. އަދި އިސްރާއީލުގެ ހަމަލާތަކުގައި އީރާނުގެ ނިއުކްލިޔާ އެތަށް މަރުކަޒަކަށްވަނީ ބޮޑެތި ގެއްލުންތަކެއްވެސް ލިބިފައެވެ.
އީރާނުންވެސްވަނީ ރައްދުގައި ގަދަ ފަދަ ހަމަލާތަކެއް އިސްރާއީލަށްދީ އިސްރާއީލުގެ ދިފާއީ ނިޒާމުތައް ފޫއަޅުވާލައި އިސްރާއީލުގެ 31 މީހަކު މަރާލައި އެގައުމުގެ ސިނާއީ އަދި ސައެންޓިފިކް އެތަށް މަރުކަޒެއް ހަލާކުކޮށްލައި އިސްރާއީލަށް ބޮޑެތި ގެއްލުންތަކެއްދީފައެވެ. އިސްރާއީލާ ބައިވެރިވުމުގެ ގޮތުުން އެމެރިކާވެސްވަނީ އީރާނުގެ ނިއުކްލިޔާ ދެ މަރުކަޒަކަށް ބޮން އަޅާފައެވެ. ރައްދުގައި އީރާން ވަނީ ގަތަރުގައި ހުންނަ އެމެރިކާގެ އަސްކަރީ ބޭސްތަަކަށް ހަމަލާތަކެއް ދީފައެވެ.