ދެބެއިން މާރާމާރީ ހިންގާ، ވަޅި ޖެހުން: އަދި އެއްވެސް މީހަކު ހައްޔަރެއް ނުކުރޭ

ހިޔާ ފުލެޓުގައި ތޫނު އެއްޗަކުން ހަމަލާދީގެން ޒަޚަމުވި މީހާ: މި މައްސަލައިގައި އަދި އެއްވެސް މީހަކު ހައްޔަރުނުކުރާ ކަމަށް ފުލުހުން ބުނެފި --- ސަން ފޮޓޯ/ ކިޔުންތެރިއެއް

ދެބެއިންގެ މެދުގައި އިއްޔެ ހިޔާ ފުލެޓެއް ތެރޭގައި ހިންގި މާރާމާރީގައި އެކަކަށް ތޫނު އެއްޗަކުން ހަމަލާދިން މައްސަލައިގައި އަދި އެއްވެސް މީހަކު ހައްޔަރުނުކުރާ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.

ހިޔާ ފުލެޓެއް ތެރޭ މީހަކަށް ތޫނު އެއްޗަކުން ހަމަލާ ދީ ޒަޚަމުކޮށްލީ އާއިލީ ހަމަނުޖެހުމެއްގައެވެ.

ފުލުހުން ބުނި ގޮތުގައި ހުޅުމާލެ ހިޔާ ފުލެޓުގެ އަށްވަނަ ޓަވަރުގެ އެޕާޓްމަންޓެއްގައި ވަރަށް އަޑުގަދަ ކަމަށް ބުނާ މައްސަލައެއް އިއްޔެ ފުލުހުންނަށް ރިޕޯޓުކުރުމުން، އެ އެޕާޓްމަންޓަށް ގޮސް ބެލި ބެލުމުން ދެބެންގެ މެދުގައި ހިނގި ހަމަނުޖެހުމެއްގެ ތެރެއިން އެކަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމުކޮށްލާފައިވެއެވެ.

އެކަމަކު، އޭގެ ފަހުން 24 ގަޑިއިރަށްވުރެ ގިނައިރު ވީއިރު ވެސް މި މައްސަލައިގައި އެއްވެސް މީހަކު ހައްޔަރުކޮށްފައިނުވާކަން ފުލުހުން މިއަދު 'ސަން'އަށް ކަށަވަރުކޮށްދިނެވެ.

މައްސަލައިގެ ތަހުގީގު ކުރިއަށްދާތީ އިތުރު ތަފުސީލެއް ހާމަކުރެވެން ނެތް ކަމަށް ވެސް ފުލުހުން ބުންޏެވެ.

https://sun.mv/215634

އަނިޔާ ލިބުނު މީހާއަށް މިހާރު ފަރުވާދެމުން އަންނަނީ މާލޭގެ އޭޑީކޭ ހޮސްޕިޓަލުގައެވެ. ފުރަތަމަ އެ މީހާއަށް ފަރުވާ ދިނީ ހުޅުމާލޭ ހޮސްޕިޓަލުގެ އިމަޖެންސީގައެވެ. އެ މީހާގެ ހާލު މިހާރު ސްޓޭބަލް ކަމަށް ފުލުހުން ބުންޏެވެ. އެއީ، 38 އަހަރުގެ ދިވެހި ފިރިހެނެކެވެ.

އެ މީހާގެ ފަލަމަސްގަނޑަށް ތޫނު އެއްޗަކުން ހަމަލާ ދިނުމުގެ ސަބަބުން ކަފައިގެން ގޮސް، މައި ނާރު ބުރިވެފައިވާ ކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން އިއްޔެ ބުންޏެވެ.

މަންޒަރު ދުށް މީހަކު "ސަން"އަށް ކިޔައިދިން ގޮތުގައި އިއްޔެ 15:50 އެހާކަށްހާއިރު ވަރަށް ބޮޑަށް ޒަޚަމުވެފައިވާ ދިވެއްސެއް ހިޔާ ފްލެޓް އަށަކުން ހޮސްޕިޓަލަށް ގެންގޮސްފައިވެއެވެ.

އެ މީހާގެ ހަށިގަނޑުގައި ގިނަ ޒަޚަމުތަކެއް ހުރި ކަމަށާއި އެ ތަނުގައި ތިބި މީހުން ބުނާގޮތުން އޭނާ ޒަޚަމުކޮށްލީ ވަޅިއަކުން ކަމަށް މަންޒަރު ދުށް މީހާ ކިޔައިދިނެވެ.

comment ކޮމެންޓް