މަގު ހަދައިި ނިމެންދެން މަސްމާރުކޭޓުން ފެށިގެން ބާޒާރުމައްޗާ ހިސާބަށް ބަންދު

މާލޭގެ މަސް މާރުކޭޓާ ހަމައިން ފެށިގެން ބާޒާރުމަތީ ފިހާރަތަކާ ހަމައަށް މަގު ބަންދުކުރަން ވަނީ ނިންމައިފައި -- ސަން ފޮޓޯ

މާލޭގެ އުތުރުން، ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމުގެ މަސައްކަތްކުރާތީ، މާލޭގެ މަސް މާރުކޭޓާ ހަމައިން، ބާޒާރުމަތީ ފިހާރަތަކާ ހަމައަށް މަގު ބަންދުވާނެ ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފިއެވެ.

އެ ސަރަހައްދު ބަންދުކޮށްފައިވަނީ ބޮޑުތަކުރުފާނު މަގުގެ ފުރަތަމަ ސެގްމަންޓު ނިންމައި، ދެވަނަ ސެގްމަންޓު ތަރައްގީކުރުމަށެވެ. މި މަސައްކަތް ކުރަމުން އަންނަނީ އެމްޓީސީސީންނެވެ. މިހާރު ކުރިއަށް ދަނީ ޕޭމަންޓު ހެދުމަށް ކޭބަލްތައް އެތުރުމަށް މަގުގެ އެއް ފަރާތް ކޮނުމުގެ މަސައްކަތެވެ.

ފުލުހުން ސޯޝަލް މީޑިއާގައި އާންމުކުރި ޗާޓުގައި ވަނީ މަސް މާރުކޭޓުން ފެށިގެން އެސްޓީއޯ ކުރީގެ ޕީޕަލްސް ޗޮއިސް ފިހާރައާ ހަމައަށް މަގު ބަންދުވާނެކަން ފާހަގަކޮށްފައެވެ.

އެމްޓީސީސީއާ ހަވާލާދީ މާލެ ސިޓީ ކައުންސިލުގެ މީޑިއާ ކޮމިއުނިކޭޝަންސް ޑިރެކްޓަރު އާމިނަތު ޝަތުފާ ވިދާޅުވީ އަންނަ ރޯދަމަހުގެ ކުރިން ބޮޑުތަކުރުފާނު މަގު ހެދުމުގެ ޕްރޮޖެކްޓު ނިމޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

އެ މަސައްކަތުގެ ތެރެއިން، ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަން ފެށީ، އަތޮޅު ފިހާރަތައް ކައިރީ ދުވާރުމައްޗާ ދިމާލުގައި ހުރި ގަސްތައް ނެގުމުންނެވެ. ބައެއް ގަސްތައް މުލުން ލުހެލައި، ކަނޑައިފައި ހުރި ފޮޓޯތައް ގިނަ ބަޔަކު އަންނަނީ ސޯޝަލް މީޑިއާގައި ކަންބޮޑުވުންތަކާއެކު ހިއްސާކުރަމުންނެވެ.

ބޮޑުތަކުރުފާނު މަގުގައި ތާރު އަޅައި ފުޅާކުރި ސަރަހައްދު --- ސަން ފޮޓޯ: މޫސާ ނަދީމް

ފާހަގަކޮށްލެވޭ ގޮތުގައި ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން މަސް މާރުކޭޓާއި އެއް ނަންބަރު ފާލަމާ ދެމެދު އޮންނަ ސަރަހައްދު ތާރު އަޅައި ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށްފަހު ތިން މަސްދުވަހަށްފަހުން ހުޅުވައިލީ މިދިޔަ ހޯމަ ދުވަހެވެ.

އެ ސަރަހައްދުގައި ހިނގާ ބިނގާވެ އުޅޭ މީހުންނަށާއި އުޅަނދުފަހަރު ދުއްވާ ފަރާތްތަކަށް ފަސޭހަވާނެހެން، ހަތަރު ލޭނަަށް މަގު ފުޅާކޮށް، މަގުގެ ދެ ފަރާތުގައިވާ ދުވާރު ވަނީ ފުޅާކޮށްފައެވެ.

މާލޭގެ މަގުތައް ހެދުމުގެ މަސައްކަތަކުގެ ދަށުން ރަށުގެ ވަށައިގެންވާ ބައެއް ހިސާބުތަކުގައި ތާރު އަޅާފައިވާއިރު، އެހެން ބައެއް ސަރަހައްދުތަކުގައި އަދިވެސް އޮންނަނީ ގާ އަތުރައިފައެވެ. ހަތަރު ލޭނަށް ފުޅާކޮށް، ޒަމާނީ ފެންވަރަކަށް ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމުގެ މަސައްކަތް އެމްޓީސީސީން ފެށީ މިދިޔަ އޮގަސްޓު މަހުގެ 22 ވަނަ ދުވަހެވެ.

މި މަޝްރޫއުގެ ދަށުން ކާނިވާ ކައިރި ހުންނަ ފެރީ ޓާމިނަލުން ފެށިގެން މަސް މާރުކޭޓު ސަރަހައްދާ ހަމައަށް 830 މީޓަރުގައި ތާރު އަޅައި، 737 މީޓަރުގެ ސަރަހައްދެއްގައި ޝީޓް ޕައިލްގެ މަސައްކަތް ކުރިއަށްދާނެކަމަށް، އެމްޓީސީސީން ބުނެފައިވެއެވެ.

އެ ސަރަހައްދުގައި ތާރު އަޅައި ނިމޭއިރު، ފެން ހިންދާ ނިޒާމެއް ވެސް ގާއިމުކުރެވޭނެތީ ފެންބޮޑުވާ މައްސަލައަށް ހައްލެއް ލިބޭނެ ކަމަށް އެ ކުންފުނިން އޭރު ބުންޏެވެ.

ގާތްގަނޑަކަށް 144.5 މިލިއަން ރުފިޔާއަށް ކޮންސްޓްރަކްޝަން މިނިސްޓްރީން އެމްޓީސީސީއާ މި މަސައްކަތް ހަވާލުކުރީ އެއް އަހަރާއި ތިން މަހުން ނިންމާ ގޮތަށެވެ.

މީގެ އިތުރުން މާލޭގެ އެތެރޭގެ މަގުތައް ޗައިނާ ސަރުކާރުގެ ހިލޭ އެހީގައި ކުރެވޭތޯ ވެސް ސަރުކާރުން އަންނަނީ މަސައްކަތްކުރަމުންނެވެ.

comment ކޮމެންޓް