ވެލާނާ އިންޓާނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ މަގު ހަދާތީ، އެ ސަރަހައްދުގެ ބަސް ރޫޓްތަކަށް ވަގުތީ ގޮތުން ބަދަލެއް ގެނެސްފިއެވެ.
އެމްޓީސީސީ އިން ބުނީ އާރުޓީއެލްގެ ބަސް ދަތުރުތަކުގެ ތެރެއިން އެއާޕޯޓު ރޫޓްގެ ބަސް ދަތުރުތަކަށް ވަގުތީ ބަދަލުތަކެއް ގެނެސްފައިވާ ކަމަށެވެ.
މި ބަދަލު ގެންނަން ޖެހުނީ މިމަހުގެ ހަތަކުން ފެށިގެން 13 ވަނަ ދުވަހުގެ ނިޔަލަށް ކޮންމެ ދުވަހަކު ފަތިހު 5:00 އިން ފެށިގެން ރޭގަނޑު 23:30 އާ ހަމައަށް، އެއާޕޯޓްގެ ޓާމިނަލް ދެއަކާ ދިމާލަށް އޮންނަ މަގު މަރާމާތު ކުރުމުގެ މަސައްކަތެއް ކުރުމަށް ހަމަޖެހިފައިވާތީއެވެ. އަދި އެކަމަށް، އެމްއޭސީއެލުން، އެމްޓީސީސީއަށް އަންގާފައިވާތީ ބަހުގެ ރޫޓުތަކަށް ބަދަލު ގެނައީ ކަމަށް އެމްޓީސީސީން ބުންޏެވެ.
އެމްޓީސީސީއިން ހާމަކޮށްފައިވާ ގޮތުން މި ބަދަލާއެކު އެއާޕޯޓް ބަސްތަކުން ފަސިންޖަރުން އަރުވާ ބާލާ ހެދުމަށް ހަމަޖެހިފައި ވަނީ އާންމުކޮށް ބަސް ހުއްޓާ ތަނުގެ ބަދަލުގައި ހުޅަނގު ޕާކިން ސަރަހައްދުގައެވެ.
މި ބަދަލާ ގުޅޭ އިތުރު މައުލޫމާތު 1650 އަށް ގުޅުމުން ލިބޭނެ ކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ.
ވީއައިއޭގެ އައު ޓާމިނަލް ނިންމާ ހުޅުވި ނަމަވެސް، އެ ސަރަހައްދު ބޭނުންކުރުމުގައި އާންމުންގެ ކަންބޮޑުވުންތައް އެބަހުއްޓެވެ. އެކަމާ ގުޅިގެން އެއާޕޯޓަށް އިތުރު ބަދަލުތަކާއި، މަރާމާތުތައް އަދިވެސް އަންނަނީ ގެންނަމުންނެވެ. އެގޮތުން އެ ސަރަހައްދުގެ ދުވާރުގެ ފުރާޅުތައް މަރާމާތުކުރުމަށް ވެސް މީގެ ކުރިން ވަނީ ބަސް ދަތުރުތަކަށް ވަގުތީ ބަދަލުތަކެއް ގެނެސްފައެވެ.