ސަރުކާރުން ބޮޑެތި ލޯނުތައް ނަގައިގެން ހަދާފައިވާ, ސޯޝަލް ހައުސިން ފްލެޓްތަކުގެ ކުލި އިރުއިރުކޮޅާ ކުޑަ ކުރުމާއި ކުލި ނުދެއްކުމުން އަރާފައިވާ ޖޫރިމަނާ އިރުއިރުކޮޅާ މައާފު ކުރާތީ ފާޑުކިޔުން ބޮޑުވުމުން އެކަން ކުރައްވަނީ ދައުލަތަށް ގެއްލުން ނުވާ ގޮތަށް ކަމަށް ރައީސް މުއިއްޒު ރޭ ވިދާޅުވެއްޖެއެވެ.
ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވިފަހުން ވަނީ ހިޔާ ފްލެޓްގެ ކުއްޔާއި ހުޅުމާލޭ ފޭސް އެކަކުން ދީފައިވާ ފްލެޓްތަކުގެ ކުއްޔާއި ވިނަރެސް ފްލެޓްތަކުގެ ޑައުންޕޭމަންޓާއި ކުލީގެ އިތުރުން އަތޮޅުތެރޭގައި ސަރުކާރުން އަޅާފައިވާ ބައެއް ފްލެޓްތަކުގެ ކުލި ވެސް ކުޑަ ކުރައްވައިފައެވެ.
ނިމިދިޔަ އެމްޑީޕީގެ ވެރިކަމުގައި އެޅި 4000 ފްލެޓްގެ ކުލި މިސަރުކާރުން ބޮޑު ކުރެއްވުމަށް ފަހު, އަދި އެ ސަރުކާރުން ނުނަގަން ނިންމާފައިވާ ޑައުންޕޭމަންޓް ނެގުމަށް ނިންމުމަށް ފަހު, ރައީސް މުއިއްޒު މިދިޔަ ހަފުތާގައި ވަނީ އެ ފްލެޓްތަކުގެ ކުއްޔާއި ޑައުންޕޭމަންޓް ވެސް ކުޑަ ކުރައްވާނެކަން އިއުލާން ކުރައްވައިފައެވެ. ނަމަވެސް އަދި ވެސް އެމްޑީޕީ ސަރުކާރުން ކަނޑައެޅި ކުއްޔަށް ވުރެން ނަގަން ނިންމާފައިވާ ކުލި ބޮޑެވެ.
ސޯޝަލް ހައުސިން މަޝްރޫއުތަކުން ދީފައިވާ ފްލެޓްތަކުގެ ކުލި ނުދެއްކުން އާންމު ކަމަކަށް ވެފައި ވާއިރު, އަދި އޭގެ ސަބަބުން ދައުލަތަށް އެތައް ގެއްލުމެއް ވަމުން ދަނިކޮށް, އިއްޔެ ވެސް ސަރުކާރުން އަނެއްކާ ވަނީ ކުލި ނުދައްކައިގެން ކޮށްފައިވާ ޖޫރިމަނާތައް ވެސް އެއްކޮށް މައާފުކުރަން ނިންމައިފައެވެ.
ފްލެޓްތަކަކީ ބޮޑެތި އަގުގައި ލޯނުތައް ނަގައިގެން ހިންގާފައިވާ މަޝްރޫއުތަކަށް ވާއިރު, އިރުއިރުކޮޅާ މި ގޮތަށް ކުއްޔާއި ޖޫރިމަނާއާ ކުޅުމުން ދައުލަތަށް އެ ބުރަ ބޮޑުވާނެ ކަމަށް ބުނެ އެތައް ބައެއްގެ ފާޑުކިޔުން ވަނީ ރައީސަށް އަމާޒުވެފައެވެ. ރޭ ހުޅުމާލޭ ފޭސް އެކެއްގެ ރައްޔިތުންނާ ބައްދަލު ކުރެއްވުމަށް ރައީސް ބޭއްވެވި ބައްދަލު ކުރެއްވުމުގައި ވެސް އާއްމުން މި ޝަކުވާ ވަރަށް ބޮޑަށް ކުރިއެވެ.
އެ ކަންބޮޑުވުންތަކަށް ޖަވާބު ދެއްވަމުން ރައީސް ރޭ ވިދާޅުވީ ވަރަށް ރަނގަޅަށް ދިރާސާ ކުރައްވާފައި ނޫނީ އަދި އިގްތިސާދަށް ގެއްލުން ނުވާނެކަން ޔަގީން ކުރެއްވުމަށް ފަހުގައި ނޫނީ އެއްވެސް ކަމެއް ނުނިންމަވާ ކަމަށެވެ.
"ސަރުކާރުން ބޭރުގެ ދަރަނި. އެތެރޭގެ ދަރަނި ޕްލޭނާ އެއްގޮތަށް އެކަން ކުރުމަށް ހުރަސް އެޅޭ ގޮތަކަށް އަޅުގަނޑުމެން އެއްވެސް ކަހަލަ ލުޔެއް. ނުވަތަ ޖޫރިމަނާ މައާފް ކުރުން ކަމުގައި ވިޔަސް ނުކުރަން," ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ ސަރުކާރުން އެކަންކަން ކުރަނީ ބުރައުފުލޭ ގޮތަށް ކަމަށެވެ.
ނަމަވެސް ލޯނުތަކަށް ހަދާ ގޮތާއި, ކުލި ކުޑަކުރަނީ އަދި ޖޫރިމަނާ އެއްކޮށް މައާފު ކުރަނީ ކޮން ގޮތަކަށް ފައިނޭންސް މެނޭޖުކޮށްގެން ކަމެއް ނުވަތަ އެފަދަ އެއްވެސް ތަފުސީލެއް ރައީސް ނުދެއްވައެވެ.
ފްލެޓްތަކުގެ ކުލި ނުދައްކާ މީހުންނާއި ގަވާއިދުން ދައްކާ މީހުންނާމެދު ވެސް އޮތީ ހަމަ މި ނާއިންސާފު އުސޫލެވެ. މި އަހަރުގެ މޭ މަހު އެޗްޑީސީން "ސަން"އާ ހިއްސާކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން, ހުޅުމާލޭގައި ހުރި އަށް ހާހެއްހާ ފްލެޓްގެ ތެރެއިން 5000 އެއްހާ ފްލެޓުން ގަވާއިދުން ކުލި ނުދައްކައެވެ. އެހާތަނަށް ކުލީގެ ގޮތުގައި ނުލިބި 700 މިލިއަނަށް ވުރެ ގިނަ ރުފިޔާ އޮތެވެ.