ސީޕްލޭން ޓާމިނަލަށް ދާ ބަސްތައް ހުއްޓާ ސަރަހައްދުގައި ބަސްތަކަށް ދަތިވާ ގޮތަށް އެއްގަމު އުޅަނދުފަހަރު ޕާކު ނުކުރުމަށް، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)އިން އަންގައިފިއެވެ.
އެމްއޭސީއެލުން ބުނީ، މިދިޔަ ޖުލައި މަހު ހުޅުވި ބައިނަލްއަގުވާމީ އާ ޓާމިނަލްގެ، ހަތަރު ވަނަ އެރައިވަލް ގޭޓުގެ ދެކުނުގައި އުޅަނދުފަހަރު މަޑުކުރުމަށް ޚާއްސަކޮށްފައިވާ ސަރަހައްދަކީ ސީޕްލޭންގެ ދަތުރުވެރިން އެރުވުމަށާއި، އެމްއޭސީއެލްގެ މުވައްޒަފުންގެ ބަސްތައް ހުއްޓަން އޮންނަ ސަރަހައްދެއް ކަމަށެވެ.
އެހެންކަމުން، އެ ނޫން އުޅަނދުފަހަރު އެ ސަރަހައްދުގެ ތެރެއަށް ވަދެ، ސީޕްލޭންގެ ދަތުރުވެރިން އަރުވާ ބަސްތަކާއި އެމްއޭސީއެލްގެ ބަސްތައް ވަދެ ނުކުތުމަށް އުނދަގޫވާ ގޮތަށް މަޑުކުރުމާއި ޕާކުކުރުން މަނާ ކަމަށް، އެމްއޭސީއެލުން ބުންޏެވެ.
އެހެންވެ، އެމްއޭސީއެލުން ވަނީ އެ ކުންފުނީގެ އެސްޓޭޓު ސެކިއުރިޓީ އޮފިސަރުންގެ އިރުޝާދަށް ތަބާވުމަށް، އާންމުންނަށް އިލްތިމާސްކޮށްފައެވެ.
ފާހަގަކުރެވޭ ގޮތުގައި، މިދިޔަ ޖުލައި މަހުގެ 26ވަނަ ދުވަހު އާ ޓާމިނަލް ހުޅުވުމަށް ވެލާނާ އެއާޕޯޓުގެ ޕާކިން ޒޯނުތަކުގައި އުޅަނދުފަހަރު ޕާކުކުރުން ވަގުތީގޮތުން މަނާކުރިއެވެ.
ނަމަވެސް އެއާޕޯޓުގައި މަސައްކަތްކުރާ މުވައްޒަފުންނާއި އެއާޕޯޓުގެ ޚިދުމަތްތައް ބޭނުންކުރާ އާންމުންގެ ޝަކުވާތައް ފުނިޖެހިފައިވަނިކޮށް، އާ ޓާމިނަލްގެ ކުރިމަތީގައި ކުރިން އޮތް ޕާކިން ޖާގައިގައި، ޕާކްކުރެވޭނެ ވަގުތީ އިންތިޒާމު ހަމަޖެއްސީ ދެ މަސް ފަހުން، ސެޕްޓެމްބަރު މަހުގެ 14ވަނަ ދުވަހެވެ.