އިސްރާއީލުގެ ޖާސޫސީ އިދާރާ، މޮސާދަށް ޖާސޫސްކޮށްދިންކަން ސާބިތުވި މީހަކަށް އީރާނުން މަރުގެ އަދަބު ދީފިއެވެ.
އެ ގައުމުގެ ޝަރުއީ ދާއިރާގެ ނޫސް މީޒާންއިން ބުނެފައިވާ ގޮތުގައި އަދަބު ދީފައިވާ މީހަކީ ޔަހޫދީންނަށް ޖާސޫސް ކޮށްދިނުމުގެ އިތުރުން، އީރާނުގެ ސަރުކާރާ ދެކޮޅު ގުރޫޕުތަކާ ގުޅުން އޮތް މީހެކެވެ. އަގީލް ކެޝާވަޒް މަރާލާފައިވަނީ އޭނާގެ މައްޗަށް ކުރި ޖާސޫސީ ދައުވާ ސާބިތުވި ކަމަށް ސުޕްރީމް ކޯޓުން ތާއީދު ކުރުމުން އިއްޔެ ހެނދުނެވެ.
އުމުރުން 27 އަހަރުގެ އާކިޓެކްޗާ ދަރިވަރު އަގީލް ވަނީ ހުޅަނގު އުތުރުގެ ސިޓީއެއް ކަމަށްވާ އުރުމިއާގައި ހުރި މައި މަރުކަޒެއްގެ އިމާރާތެއްގެ ފޮޓޯ ނެގުމުން މި އަހަރު ކުރީކޮޅު ހައްޔަރު ވެސް ކޮށްފައެވެ.
މިޒާންއިން ރިޕޯޓުކޮށްފައިވާ ގޮތުގައި އަގީލްގެ މައްޗަށް ތުހުމަތުކުރެވުނީ އިސްރާއީލުގެ ޖާސޫސީ 200 އަށް ވުރެ ގިނަ މިޝަން ތެހެރާން، އިސްފާހާން، އުރްމިއާ އަދި ޝަހުރޫދުގެ އެކި ހިސާބުތަކުގައި ހިންގި ކަމަށެވެ. ތުހުމަތު ކުރެވޭ ގޮތުގައި މި މިޝަންތަކުގެ ތެރޭގައި ޓާގެޓް ސައިޓްތަކުގެ ފޮޓޯ ނެގުމާއި އޮޕިނިއަން ޕޯލިން ހެދުމާއި ވަކި ތަންތަނުގެ ޓްރެފިކް ޕެޓާން މޮނިޓާކުރުން ހިމެނެއެވެ.
ކަމާބެހޭ ފަރާތްތަކުން ބުނީ، އަގީލް އިސްރާއީލުގެ މޮސާދާއި އަސްކަރީ އޮފިޝަލުންނާ ވެސް މުއާމަލާތް ކުރީ އެންކްރިޕްޓް މެސެޖިން ޕްލެޓްފޯމްތަކެއް މެދުވެރިކޮށް ކަމަށާއި އެސައިމެންޓްތައް ނިންމުމުން އޭނާއަށް ފައިސާ ވެސް ލިބިފައިވާ ކަމަށެވެ.
ޝަރުއީ ދާއިރާއިން ބުނީ އީރާނަށް ގެއްލުންދިނުމުގެ ނިޔަތުގައި އަގީލް ވަނީ ގަސްތުގައި އިސްރާއީލަށް އެއްބާރުލުން ދީފައި ކަމަށެވެ. މޮސާދަށް ޖާސޫސްކޮށްދީގެން ކުށް ސާބިތުވި މީހުންނަށް އީރާނުން މީގެ ކުރިން ވެސް ވަނީ މަރުގެ އަދަބު ދީފައެވެ. ސެޕްޓެންބަރު މަހުގެ ނިޔަލަށް ގާތްގަނޑަކަށް 10 މީހަކު މަރާލާފައިވެއެވެ.
ޖޫން މަހު އިސްރާއީލުން އީރާނަށް 12 ދުވަހުގެ މުއްދަތަށް ވައިގެ ހަމަލާތައް ދީފައިވާއިރު، އޭގެ ތެރޭގައި އީރާނުގެ އެންމެ އިސް ޖެނެރަލުންނާއި ނިއުކްލިއާ ސައިންސްވެރިންގެ އިތުރުން މީހުން ދިރިއުޅޭ ސަރަހައްދުތަކުގައި އާންމުންނާ ދެކޮޅަށް ގިނަ ހަމަލާތަކެއް ދީފައިވެއެވެ. އެކަމުގެ ބަދަލު ހިފުމަށް އީރާނުން ވަނީ ޑްރޯނާއި މިސައިލް ބޭނުކޮށްގެން އިސްރާއީލަށް ހަމަލާދީފައެވެ.
އެމްނެސްޓީ އިންޓަނޭޝަނަލްއިން ބުނާ ގޮތުގައި އިސްރާއީލުން އީރާނަށް ދިން ހަމަލާތަކުގައި 1،100 މީހުން މަރުވެފައިވެއެވެ.