ދިވެހިބަހަކީ ފެންވަރާއި އިއްޒަތާއި ޝަރަފުވެރިކަމުގެ ސިފަތައް ހުރި ބަހެއް ކަމަށާއި، ދެކެވަޑައިގަންނަވަން ބޭނުންވަނީ ރާއްޖެއަށް ޒިޔާރަތްކުރާ މީހުން ދިވެހިބަހުގެ ތާރީޚާ މެދު ސުވާލުކުރާނެ ދުވަހެއް ކަމަށް، ދިވެހިބަހުގެ އެކެޑަމީގެ ރައީސް ޑރ. އަޝްރަފް ޢަބްދުއްރަޙީމް މިރޭ ވިދާޅުވެއްޖެއެވެ.
ދިވެހިބަހުގެ އެކެޑަމީން ހިންގި އަދަބީ މުބާރާތްތަކުގެ ނަތީޖާ ފާޅުކުރުމަށް މިހާރު ކުރިއަށްދާ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އަޝްރަފް ވިދާޅުވީ، ރަށްރަށުގެ މަލަމަތީގައި ދިވެހިބަހުން އެ ރަށްރަށުގެ ނަންތައް ފަރުމާކުރެވިފައިވާ މަންޒަރު ފެންނަނަމަ އުފާ ވާނެ ކަމަށެވެ.
"[އަޅުގަނޑު ދެކެން ބޭނުންވަނީ] އެ ރަށަށް ޒިޔާރަތްކުރައްވާ ކޮންމެ ވިލާތު ބޭފުޅެއް ވިޔަސް، ބަބުރު ކަރައިގެ ބޭފުޅެއް ވިޔަސް، އަދި އޮސްޓްރޭލިއާގެ ބޭފުޅެއް ވިޔަސް، މިއީ ކީކޭހޭ ލިޔެވިފަ މި އޮތީ، މިއީ ހާދަހާ ފަރުމާވެރި އަކުރުތަކެކޭ، މީގެ ހިސްޓްރީއަކީ މީގެ ތާރީޚަކީ ކޮބައިހޭ ކިޔައި ސުވާލުކޮށް އެ ވާހަކަ ދައްކާލާނެ ދުވަހެއް،" އަޝްރަފް ވިދާޅުވިއެވެ.
އަޝްރަފް ވިދާޅުވީ، ދައުލަތުގެ ރަސްމީ ލިޔެކިޔުންތަކަށް ބޭރު ބަސްބަހުގެ އަސަރު ފޯރުވުން ކުޑަކުރަން ވެއްޖެ ކަމަށެވެ.
ދިވެހިބަހަކީ ފެންވަރާއި އިއްޒަތާއި ޝަރަފު ހުރި، ކުޅަދާނަކަމާއި އަސަރު ހުރި ބަހެއްކަން އަޝްރަފް ފާހަގަކުރެއްވިއެވެ.
"އަޅުގަނޑުމެންގެ ދިވެހިބަހުގައި ފެންވަރު އެބަހުރި. އަޅުގަނޑުމެންގެ ދިވެހިބަހުގައި އިއްޒަތާއި ޝަރަފުވެރިކަމާއި އިހުސާސްތަކާއި ޖަޒުބާތާއެކު ވާހަކަ ދެއްކޭނެ ކެރިކުޅަދާނަކަން އެބަހުރި. އަޅުގަނޑުމެންގެ ބަހުން ރޮއްވާލުމުގެ ކުޅަދާނަކަން އެބަހުރި. އަޅުގަނޑުމެންގެ ބަހުން ހެއްވާލުމުގެ ކުޅަދާނަކަން އެބަހުރި. އަޅުގަނޑުމެންގެ ބަހުގައި އަސަރު އެބަހުރި،" އަޝްރަފް ވިދާޅުވިއެވެ.

ދިވެހިބަހުގެ އެކެޑަމީން ހިންގި އަދަބީ މުބާރާތްތަކުގެ ނަތީޖާ ފާޅުކުރުމުގެ ރަސްމިއްޔާތުގައި ރައީސްގެ ދެކަނބަލުން ވަނީ ބައިވެރިވެވަޑައިގެންފައި -- ފޮޓޯ/ ރައީސް އޮފީސް
އަޝްރަފް ވިދާޅުވީ، ދިވެހި ބަހަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒާއި ސަރުކާރުގެ އިސް ބައެއް ބޭފުޅުން އަހައްމިއްޔަތުކަން ދެއްވާ މިންވަރަކީ ނަމޫނާއެއް ކަމަށެވެ.
"އަތޮޅުވެރިޔާ ވަލުގައި ހިއްޕަވައިފި. ދެން އޮތީ އަޅުގަނޑުމެންނަށް ކިހާ ވަރަކަށްތޯ ބާރުލެވޭނީ ބެލުން" އެފަދައިން ވިދާޅުވެ އަޝްރަފް ވަނީ ރައީސް އިސްކަން ދެއްވާ ގޮތަށް އެހެން ވެރިންވެސް ދިވެހިބަހަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް އެދިވަޑައިގެންފައެވެ.
އެއާއެކު އަޝްރަފް ވަނީ، ދިވެހީންގެ ފިކުރަށާއި ގައުމިއްޔަތަށް ސަމާލުކަންދީ، އިލްމު އުނގެނުމުގައި ކުރިއަށް ދިއުމަށް ނަސޭހަތްތެރިވެވަޑައިގެންފައެވެ. އަދި ތައުލީމު ހާސިލްކުރާއިރު، ދަރިވަރުން ރިވެތި އަޚްލާގުގައި ހިފެހެއްޓުމުގެ މުހިންމުކަން އަޝްރަފް ފާހަގަކުރެއްވިއެވެ.
"އެ ތައުލީމު ހާސިލްކުރުމަށް އޭނާ ހިނގާފައިދާ މަގުގެ ދެ ފަރާތުގައި ޖަހާފައި ހުންނަ ބައްތިތަކަކީ ތަރުބިއްޔަތު، ތިޔަ ކުދިންގެ އަޚްލާގީ މިންގަނޑުތައް، އެ ބައްތިތަކުން އަލިކޮށްދޭ އަލިކޮށްދިނުމަކީ ތިޔަ ކުދިންގެ ހަޔާތުގެ ކުރިމަގު އުޖާލާވާނެ މައިގަނޑު އަސާސް. އެއިން ބައްތިއެއް ނިވިއްޖެނަމަ، ތިޔަކުދިންގެ މަންޒިލަކަށް ނުފޯރާނެ. އެއިން ބައްތިއަކަށް ކަނު ކަމެއް އަތުވެއްޖެނަމަ، ދެން ތިޔަކުދިން މަގު އޮޅި، ވިއްސި ވިހާލެވުމުގެ ފުރުސަތު ވަރަށް ފަސޭހައިން އަންނާނެ،" ދަރިވަރުންނަށް ނަސޭހަތްތެރިވެވަޑައިގެން އަޝްރަފް ވިދާޅުވިއެވެ.