އަތުލިޔުމުގެ ގައުމީ މުބާރާތުގައި ބައިވެރިވާން ހުޅުވާލައިފި

ދިވެހިބަހުގެ އެކަޑަމީ: އެކަޑަމީއިން ބާއްވާ ފުރަތަމަ އަތުލިޔުމުގެ ޤައުމީ މުބާރާތުގައި ބައިވެރިވާން ހުޅުވާލައިފި --- ސަން ފޮޓޯ

އަލީ ފަހުމީގެ ވާދައިގެ ތައްޓަށް ބާއްވާ އަތުލިޔުމުގެ ޤައުމީ މުބާރާތުގައި ބައިވެރިވާން ދިވެހި ބަހުގެ އެކަޑަމީއިން ހުޅުވާލައިފިއެވެ.

ދިވެހި ބަހުގެ އެކަޑަމީއިން ގެޒެޓުގައި ޝާއިއުކޮށްފައިވާ އިއުލާނެއްގައި ވަނީ، މި މުބާރާތް ކުރިއަށްގެންދިއުމަށް ރާވާފައިވަނީ ދެ ގިންތިއަކަށް ބަހާލައިގެން ކަމަށެވެ. އެއީ އޮފީސްތަކުގެ ބަޔާއި އަމިއްލަ ފަރާތްތަކުގެ ބައެވެ. އެގޮތުން އޮފީސްތަކުގެ ބައިގައި ސަރުކާރުގެ ވުޒާރާތަކާއި މުއައްސަސާތަކުގެ އިތުރުން ސަރުކާރު ހިއްސާވާ ކުންފުނިތަކާއި އަމިއްލަ ކުންފުނިތަކާއި އަމިއްލަ އޮފީސްތައް ހިމެނެއެވެ.

އެކަޑަމީއިން މި މުބާރާތް ކުރިއަށް ގެންދިއުމަށް ރާވާފައިވަނީ ތިން ބަޔަކަށް ބަހާލައިގެންނެެވެ. އެއީ ރީތިލިޔުމާއި އަވަސްލިޔުމާއި އަތްތެރިލިޔުމެވެ. އެކަޑަމީއިން ބުނީ މުބާރާތުގައި ބައިވެރިވާ ކޮންމެ އޮފީހަކުން ވެސް، މުބާރާތް ބަހައިލެވިފައިވާ މައިގަނޑު ތިން ބައިގެ ތެރެއިން ކޮންމެ ބަޔަކުން ވެސް ބައިވެރިކުރެވޭނީ ގިނަވެގެން ފަސް މުވައްޒަފުން ކަމަށެވެ.

އަދި އަމިއްލަ ފަރާތްތަކުގެ ތެރެއިން މުބާރާތުގައި ބައިވެރިވެވޭނީ ނިމުނު 2025 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 31 އަށް 18 އަހަރު ފުރިފައިވާ މީހުންނަށްކަން އެކަޑަމީއިން ވަނީ ފާހަގަކޮށްފައެވެ.

އެކަޑަމީއިން ބުނީ މުބާރާތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން އަންނަ އޮކްޓޯބަރު މަހުގެ އަށެއްވާ ބުރާސްފަތި ދުވަހުގެ މެންދުރު 13:00ގެ ކުރިން ފޯމު ހުށަހަޅަންޖެހޭނެ ކަމަށެވެ. އަދި މުބާރާތުގައި ބައިވެރިވުމަށް ހުށަހަޅާނެ ފޯމުވެސް އެކަޑަމީއިން ވަނީ ހިއްސާކޮށްފައެވެ.

މި މުބާރާތާ ގުޅޭ އެކިއެކި ކަންކަމުގައި [email protected] އަށް މެއިލްކުރުމަށް އެކަޑަމީއިން ވަނީ އެދިފައެވެ. އަދި މުބާރާޓުގެ ގަވާއިދާއި ގުޅުންހުރި އެހެނިހެން ލިޔުންތައް ދިވެހިބަހުގެ އެކަޑަމީގެ ވެބްސައިޓް މެދުވެރިކޮށް ލިބެން ހުންނާނެ ކަމަށާއި އިތުރު މައުލޫމާތު ހޯދުމަށް އެކަޑަމީގެ ނަމްބަރު 7772816 އަށް ގުޅުމަށް މިނިސްޓްރީއިން ވަނީ އެދިފައެވެ.

އެކަޑަމީއިން މީގެ ކުރިންވެސް އަންނަނީ ދިވެހި ބަހުގެ ދުވަހާ ގުޅުވައިގެން އަތުލިޔުމުގެ މުބާރާތްތައް ބާއްވަމުންނެވެ. އެ މުބާރާތްތަކަށް ބޮޑު ތަރުހީބެއް ލިބޭކަން އެކަޑަމީއިން ފާހަގަކުރެއެވެ.

comment ކޮމެންޓް