މޯލްޑިވިއަންއިން އޮސްޓްރޭލިއާއަށް ދަތުރުތައް ފަށަނީ

މޯލްޑިވިއަންގެ އެންމެ ބޮޑު ފްލައިޓް އޭ330: އޮސްޓްރޭލިއާ އާއި ރާއްޖެއާ ދެމެދު ސީދާ ދަތުރުތައް ފަށަން ވަނީ ނިންމައިފައި-- ފޮޓޯ: މޯލްޑިވިއަން

ރާއްޖެއާއި އޮސްޓްރޭލިއާއާ ދެމެދު ފަށާ ފުރަތަމަ ޑައިރެކްޓް ފްލައިޓް ދަތުރުތައް, ގައުމީ އެއާލައިން މޯލްޑިވިއަންއިން ފަށަން ނިންމައި މިއަދު އެކަން އިއުލާނުކޮށްފިއެވެ.

މޯލްޑިވިއަންއިން މިއަދު ބުނީ އަންނަ އަހަރުގެ މޭ މަހުގެ 17 އިން ފެށިގެން ޝެޑިއުލް ދަތުރުތައް އޮސްޓްރޭލިއާއަށް ފަށަން ނިންމާފައިވާ ކަމަށެވެ. މި ދަތުރުތައް ބާއްވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާއި މެލްބަންއާ ދެމެދުއެވެ.

މި ދަތުރުތަކުގެ ޓިކެޓް އަގު އަދި ހާމައެއް ނުކުރެއެވެ.

އޮސްޓްރޭލިއާއަކީ ރާއްޖެއަށް ގިނަ އަދަދެއްގެ ޓޫރިސްޓުން އަންނަ ގައުމަކަށް ވާއިރު މޯލްޑިވިއަންގެ ފްލައިޓް އެ ގައުމުން ރާއްޖެ އަންނަ ގަޑިއާ ދިމާކޮށް, ރިސޯޓްތަކަށް ޓޫރިސްޓުން ގެންދިއުމަށް ޑޮމެސްޓިކް ދަތުރުތަކާއި ސީޕްލޭން ދަތުރުތައް ވެސް އިންތިޒާމުކުރާނެ ކަމަށް މޯލްޑިވިއަންއިން ބުންޏެވެ.

މި ދަތުރުތަކުގެ މޯލްޑިވިއަން ޕާޓްނަރަކީ "ލަގްޒަރީ އެސްކޭޕްސް" އެވެ. އޮސްޓްރޭލިއާއިން ކޮންމެ އަހަރަކު ރާއްޖެ އަންނަ ޓޫރިސްޓުންގެ ގާތްގަނޑަކަށް 20 ޕަސެންޓް މީހުން ގެންނަނީ އެ ކުންފުނިންނެވެ.

މޯލްޑިވިއަންއިން މިހާރު ބައިނަލްއަގުވާމީ ޝެޑިއުލް ދަތުރުތައް ބާއްވަމުން އަންނަނީ, އަވައްޓެރި އިންޑިއާއާއި ޗައިނާއަށެވެ.

އެ އެއާލައިންއިން ސީދާ ޔޫރަޕްގެ ގައުމުތަކަށް ދަތުރުތައް ފެށުމުގެ މަސައްކަތް ކުރަމުން އަންނަކަން ވަނީ މީގެ ކުރިން އިއުލާނުކޮށްފައެވެ. އެ ދަތުރުތަކަށް ޚާއްސަކޮށް މި އަހަރު ތެރޭގައި ވަނީ އޭ330 ގެ މަތިންދާ ބޯޓެއް ވެސް ރާއްޖެ ގެނެސްފައެވެ. ނަމަވެސް، އަދި ބައިނަލްއަގުވާމީ ދަތުރުތައް މާ ފުޅާ ކުރެވޭ ގޮތެއް ނުވެއެވެ.

ރާއްޖެއަށް މި އަހަރު 1.2 މިލިއަން ފަތުރުވެރިން ޒިޔާރަތްކުރިއިރު އޮސްޓްރޭލިއާއިން 40،000 ފަތުރުވެރިން އައެވެ.

comment ކޮމެންޓް