ކުރީ ސަރުކާރުގެ ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކުރާ ފުލެޓުތަކުގެ ކުލިން 2،000 ރުފިޔާ ބޮޑުކޮށްފިއެވެ.
ފުލެޓު ލިސްޓު އާންމުކުރުމާ ގުޅޭ ގޮތުން ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހައުސިން މިނިސްޓަރު އަބްދުﷲ މުއްތަލިބު ވިދާޅުވީ މިދިޔަ ސަރުކާރުން، ދެ ކޮޓަރީގެ އެޕާޓްމެންޓަށް ކަނޑައަޅައިފައިވަނީ ކުލީގެ ގޮތުގައި 5،000 ރުފިޔާ ކަމަށްވާއިރު، ތިން ކޮޓަރީގެ އެޕާޓްމެންޓަށް ކަނޑައަޅައިފައިވަނީ 7،000 ރުފިޔާ ކަމަށެވެ.
"މި އަދަދުތަކަކީ ދައުލަތުން ލޯނު ދައްކަން ޖެހޭ ފައިސާއަށް ބަލައި، އެސެސްމެންޓް ހަދައިފައި ކަނޑައަޅައިފައި ހަދައިފައި ހުރި އަދަދުތަކެއް ނޫން. އަދި މިހާތަނަށް ކުރިއަށްގެންގޮސްފައި ހުރި މަޝްރޫއުތަކުން ނަގަން ކަނޑައަޅައިފައި ހުރި އަދަދަށް ބަލާ ވެސް ކަނޑައަޅާފައި ހުރި އަދަދުތަކެއް ނޫން،" އޭނާ ވިދާޅުވިއެވެ.
މުއްތަލިބު ފާހަގަކުރެއްވީ، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުގެ ފެށި ހިޔާ މަޝްރޫއުގެ ދަށުން ހަދަން ފަށައި، ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުގައި މީހުން ދިރިއުޅެން ފެށި ދެ ކޮޓަރީގެ އެޕާޓްމެންޓުތަކުގެ ކުއްޔަކީ 7،000 ރުފިޔާ ކަމެވެ.
އެހެންވެ ޞާލިޙްގެ ސަރުކާރުން ކުލި ކަނޑައަޅައިފައިވަނީ އެންމެ އިންސާފުވެރިކޮށް ކަމަށް ގަބޫލުނުކުރެވޭ ކަމަށް އޭނާ ވިދާޅުވިއެވެ.
"އެފްޑީސީގެ ހިސާބުތަކަށް ބަލާއިރުގައި ލޯނު ދެއްކުމަށް ބޭނުންވާ ފައިސާ ދެއްކުމަށް ޓަކައި، މާނައަކީ އެކްޒިމް ބޭންކުން ނަގައިފައިވާ ލޯނަކުން 85 ޕަސެންޓުން މިކުރާ މަސައްކަތުން، އެ ލޯނު ދެއްކުމަށް ބޭނުންވާ ފައިސާ ސަރުކާރުން ހޯދާ ނަމަ ތިން ކޮޓަރީގެ ފުލެޓަކުން 13،000 ރުފިޔާ ނަގަން ޖެހޭ މަހު ކުއްޔަށް، ދެ ކޮޓަރީގެ ފުލެޓަކުން 9،000 ރުފިޔާ ނަގަން ޖެހޭ،" މުއްތަލިބު ވިދާޅުވިއެވެ.

އެފްޑީސީން އަޅަމުންދާ ފްލެޓުތަކުގެ ތެރެއިން ފިނިޝިން މަސައްކަތް ނިމިފައިވާ ފްލެޓެއް: -- ސަން ފޮޓޯ
ހިސާބުތަކުން އެގޮތަށް ދެއްކި ނަމަވެސް، ސަަރުކާރުން ނިންމީ ފުލެޓުތަކުގެ ކުލިން ކޮންމެވެސް މިންވަރެއްގެ ސަބްސިޑީއެއް ދޭން ކަމަށް އޭނާ ވިދާޅުވިއެވެ.
އެހެންވެ، ސަރުކާރުން ކަނޑައަޅައިފާއިވާ ދެ ކޮޓަރީގެ ކުލިއަށް 7،000 ރުފިޔާ ނެގުމަށާއި ތިން ކޮޓަރިއަށް 9،000 ރުފިޔާ ނެގުމަށެވެ. އޭގެ ތެރެއިން ދެ ކޮޓަރީގެ ކޮޓަރިއަށް މެއިންޓެނެންސްގެ ގޮތުގައި 1،000 ރުފިޔާއާއި ސެކިއުރިޓީ ޑިޕޮސިޓްގެ ގޮތުގައި 15،000 ރުފިޔާ ނަގާނެއެވެ.
ތިން ކޮޓަރީގެ އެޕާޓްމެންޓަށް މެއިންޓެނެންސް ފީގެ ގޮތުގައި 1،500 ނަގާއިރު ސެކިއުރިޓީ ޑިޕޮސިޓަށް 25،000 ރުފިޔާއެވެ.
މީގެ ކުރިން ތިން ކޮޓަރީގެ އެޕާޓްމެންޓުން ވެސް މެއިންޓެނެންސް ފީގެ ގޮތުގައި ނަގަން އޮތީ 1،000 ރުފިޔާއެވެ.
އެ ނޫސްވެރިންގެ ބައްދަލުވުމުގައި މުއްތަލިބު ވަނީ، މީގެ ކުރިން ނެރުނު ލިސްޓުގައި 53 ޕަސެންޓު މީހުންނަށް ދިން ޕޮއިންޓް ސައްހަ ނޫން ކަމަށް ވިދާޅުވެފައެވެ.
މި ސަރުކާރުން ބެލިބެލުމަށްފަހު ނެރޭ ލިސްޓުން ފުލެޓަށް ޝަރުތު ހަމަވަނީ 1820 މީހުން ކަމަށް އޭނާ ވިދާޅުވިއެެވެ.
ޞާލިޙްގެ ވެރިކަން ނިމެން ކުޑަ ދުވަސްކޮޅަކަށް ވެފައިވަނިކޮށް، ފުރަތަމަ ފުލެޓު ލިސްޓު ނެރުނީ ނޮވެމްބަރު 4، 2024ގައެވެ.
އެހެންނަމަވެސް އެ ލިސްޓު އެކުލަވާލައިފައިވަނީ ވަކި ބަޔަކަށް ނާޖާއިޒު ފައިދާ ލިބޭ ގޮތަށް ކަމަށް ބުނެ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން އެ ފުލެޓުތައް ހަވާލުކުރުން ހުއްޓުވިއެވެ.
އެއަށްފަހު ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ސަރުކާރު ފެށުނު ފަހުން، މިދިޔަ ފެބްރުއަރީ މަހު އޭސީސީން ވަނީ، ބައެއް ކަންތައްތަކަށް ރިއާޔަތް ކުރުމަށް ފަހު ފުލެޓު ދޫކުރުމުގެ މަސައްކަތް ކުރިއަށްގެންދަން ހުއްދަދީފައެވެ.
މި ސަރުކާރުން ނިންމީ، ފުލެޓު ލިސްޓު ހައުސިން މިނިސްޓްރީން ބެލުމަށްފަހު އާންމު ކުރުމަށެވެ. އެއަށްފަހު ލިސްޓު ނެރޭނެ އެކި ތާރީޚުތަކެއް ދިން ނަމަވެސް އެ ތާރީޚުތަކުގައި ލިސްޓު ނެރެފައިނުވެއެވެ.