އޮސްޓްރޭލިއާގެ ބޮންޑައި ބީޗްގައި އާދީއްތަ ދުވަހު ދިން ހަމަލާގައި ބަޑިޖެހި ދެ މީހުން މިދިޔަ މަހު ޕިލިޕީންސްއަށް ދަތުރުކޮށްފައިވާ ކަމަށް ނިއު ސައުތު ވޭލްސްގެ ފުލުހުން ހާމަކޮށްފިއެވެ.
އެ މީހުން އެ ގައުމަށް ދަތުރުކުރި މަގްސަދާއި ތަންތަނާއި ގުޅޭގޮތުން އިތުރު ތަހުގީގުތައް ކުރަމުންދާ ކަމަށް ޕޮލިސް ކަމިޝަނާ މަލް ލަނޮޔަން ވިދާޅުވިއެވެ.
ސަލާމަތީ މަސްދަރުތަކާ ހަވާލާދީ އޭބީސީ ނޫހުން މީގެކުރިން ބުނެފައިވާ ގޮތުގައި ބަޑިޖެހި ދެ މީހުން ކަމަށްވާ ސާޖިދު އާއި ނަވީދު އަކްރަމް އެއް މަސް ދުވަހުގެ ތެރޭގައި "އަސްކަރީ ސްޓައިލްގެ ތަމްރީނުތަކެއް" ހޯދުމަށް ފިލިޕީންސްއަށް ދަތުރުކުރިއެވެ.
ޕާކުކޮށްފައިވާ އެމީހުންގެ ކާރުން އައިސްއެސްގެ ދެ ދިދާއާއި އިމްޕްރޮވައިޒްޑް އެކްސްޕްލޮސިވް ޑިވައިސްސް (އައިއީޑީ) އެއްވެސް ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ބޮންޑައި ބީޗްގައި ބަޑިން ހަމަލާދިނީ ބައްޕާއާއި ދަރިފުޅެވެ. އެ ހަމަލާތަކުގައި 50 އަހަރުގެ ބައްޕަ، ސާޖިދު މަރުވެފައިވާއިރު، 24 އަހަރުގެ ދަރިފުޅުގެ ނަވީދު އަކްރަމްގެ ހާލު ސީރިއަސްއެވެ.

ބޮންޑައި ބީޗްގައި ދިން ހަމަލާގައި މަރުވި މީހުންގެ ހަނދާނުގައި މާބޮޑު ބަހައްޓާފައި. ފޮޓޯ/ގެޓީ
ބަޑިން ހަމަލާދީ 15 މީހުން މަރާލީ، ޔަހޫދީންގެ ދީނީ ފެސްޓިވަލެއް ކަމަށް ހަނޫކާ ފާހަގަކުރަމުން ދަނިކޮށެވެ.
ހަތިޔާރު އެޅި ފުލުހުން އިއްޔެ ރޭ ވަނީ ސިޑްނީގެ ހުޅަނގު ދެކުނުގައި އޮންނަ ބޮނީރިގްގައި ހުންނަ އެ މީހުންގެ ގެއާއި، އެ މީހުން ދިރިއުޅެމުން އައި ކެމްޕްސީގައި ހުންނަ އެއާބީއެންބީގެ ޕްރޮޕަޓީއަކަށް ވެސް ވަދެފައެވެ.
އެމީހުންގެ ކާރުން އައިއެސްގެ ދިދަ ފެނިފައިވާއިރު، ސްޓޭޓް އަދި ފެޑެރަލް އިދާރާތަކުން އެކުލެވޭ ޔުނިޓެއް ކަމަށްވާ ޖޮއިންޓް ކައުންޓާ ޓެރަރިޒަމް ޓީމް (ޖޭސީޓީޓީ)ގެ ތަހުގީގުކުރާ ފަރާތްތަކުން ބުނާ ގޮތުގައި ބަޑިޖެހި މީހުންނަކީ އައިއެސްއާ ގުޅުން ހުރި ބައެއް ކަމަށް ބެލެވެއެވެ.
އާންމުންގެ 15 މީހަކު މަރުވެފައިވާކަން ފުލުހުން ކަށަވަރުކޮށްދީފައިވާއިރު، މި ހަމަލާ ވެފައިވަނީ ޕޯޓް އާތުރަށް ދިން ހަމަލާއަށް ފަހު އޮސްޓްރޭލިއާގެ ދިން މިފަދަ އެންމެ ވަރުގަދަ ހަމަލާއަށެވެ.
ޕޯތް އާތުރަށް 1996 ވަނަ އަހަރު މީހަކު ބަޑިން ދިން ހަމަލާގައި 35 މީހުން މަރާލާފައިވެއެވެ.