ދަންވަރު މަގުމަތީގައި އުޅޭ ބިދޭސީން ހުއްޓުވައި، ސުވާލުކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ފުލުހުންނަށް އެންގެވުމާ ގުޅިގެން އެއީ ނަސްލީ ތަފާތުކުރުން ކަމަށް ވިދާޅުވެ، ގިނަ ބަޔަކު މިއަދު ކަންބޮޑުވުން ފާޅުކޮށްފިއެވެ.
އެފަދައިން ރައީސް އެންގެވީ ރާއްޖޭގައި އުޅެމުންދާ ބިދޭސީންގެ ތެރެއިން ބައެއް މީހުން ރޭގަނޑުގެ ދަންވަރު ވަގުތުތަކުގައި ރަށުތެރޭގެ އާއްމު މަސްލަހަތު ގެއްލޭ ފަދަ ކަންކަން ކުރަމުންދާތީއާއި، އެ ބިދޭސީން އާންމު އިޖުތިމާއީ މިންގަނޑުތަކާ ޚިލާފަށް އުޅެމުންދާތީއެވެ.
ނަމަވެސް، އެ އެންގެވުމަށް ގިނަ ބަޔަކު ވަނީ ފާޑުކިޔައި ކަންބޮޑުވުން ފާޅުކޮށްފައެވެ.
އެ ކަމާ ގުޅިގެން 'އެކްސް'ގައި ކުރެއްވި ޕޯސްޓެއްގައި ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު އަހުމަދު ޝަމްހީދު ވިދާޅުވީ، ދަންވަރު މަގުމަތީގައި އުޅޭ ބިދޭސީން ހުއްޓުވައި، ސުވާލުކުރުމަކީ ޣައިރު ގާނޫނީ އަމަލެއް ކަމަށެވެ. އަދި، އެ ތަފާތުކުރުން ހުއްޓާލުމަށް އޭނާ ވަނީ ގޮވާލައިފައެވެ.
ޝަމްހީދު ވިދާޅުވީ، ރައީސް އެފަދައިން އެންގެވި ނަމަވެސް ފުލުހުން ޖެހޭނީ ގާނޫނަށް ތަބާވަން ކަމަށެވެ. އަދި، ރައީސްގެ އެންގެވުންތަކުގެ މައްޗަށް ވެސް ގާނޫނު ގަދަ ވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އެފަދައިން ވިދާޅުވެ ޝަމްހީދު ވަނީ ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް)، ޕްރޮސިކިއުޓާ ޖެނެރަލް އޮފީސް އަދި މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމިޓީން އެ މައްސަލަ ބަލަން އެދިވަޑައިގެންފައެވެ.
'ސަން'އާ ވާހަކަދައްކަވަމުން ޝަމްހީދު ވިދާޅުވީ، ބިދޭސީން ރާއްޖެ ގެނެސް، ނުގަވައިދަށް އުޅެން ދޫކޮށްލަނީ ދިވެހީން ކަމަށެވެ. މަސައްކަތް ކުރުވައި މުސާރަ ނުދީ ދެން އެމީހުން ދޫކޮށްލާފައި ބައިތިއްބަނީ ކަމަށާއި، އެމީހުން ދަންވަރު ގަޑީ ހުއްޓުވައި، ސުވާލުކުރާނަމަ އެއީ ހައްލެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ. އެކަން ކުރުމުގެ ބަދަލުގައި މިހާރު ބިދޭސީންގެ ބައޯ-މެޓްރިކް ޑޭޓާ އެއްކުރުމުގެ މަސައްކަތް ކުރިއަށް ގެންދަންވީ ކަމަށް ޝަމްހީދު ވިދާޅުވިއެވެ. އެ ހާލަތަށް ގައުމު ދިޔައީ ސަރުކާރުތަކުން އެކަން ދޫކޮށްލާފައި އޮތުމުން ކަމަށް ޝަމްހީދު ވިދާޅުވިއެވެ.
ނަމަވެސް ދަންވަރު ގަޑީ ހުއްޓުވައި، ސުވާލުކުރާނަމަ އެއީ ކަނޑައެޅިގެން ނަސްލީ ތަފާތުކުރުން ކަމަށާއި، ރާއްޖޭގެ ރައްޔިތުންނާއި އެމީހުންގެ ދަރިން ބޭރު ގައުމުތަކަށް ގޮސް އުޅޭއިރު މިފަދަ ފިޔަވަޅެއް އެޅީމާ ދެން ވާނެ ގޮތް ވިސްނާލުމަށް އޭނާ ވިދާޅުވިއެވެ.
ޝަމްހީދު ވިދާޅުވީ އެއީ އެއްވެސް ހާލެއްގައި 'ސެކިއުރިޓީ'އަށް އެޅި ފިޔަވަޅެއް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށެވެ.
އެމްޑީޕީގެ ކުރީގެ ޗެއާޕާސަން މޫސާ މަނިކު (ރީކޯ) ވިދާޅުވި ގޮތުގައި ރާއްޖެއިން ސޮއިކޮށްފައި ހުރި ބައިނަލްއަގްވާމީ މުއާހަދާތަކަށް ބަލާއިރު އިންސާނީ ކަރާމާތަށް އިހުތިރާމުކުރަން ދިވެހިރާއްޖެއިން ވެސް ޖެހޭނެއެވެ. ޓެކްސް ދައްކައިގެން ގެސްޓްހައުސްތަކާއި ހޮޓާތަކުގައި އުޅޭ ބިދޭސީންނާއި، ވިސާ ލިބިގެން ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީން ވެސް ރޭގަނޑާއި ދުވާލު މަގުމަތީގައި އުޅޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑުމެން ދިވެހިން ވެސް އަވައްޓެރި ގައުމުތަކަށް ގޮސް އުޅޭއިރު ރޭގަނޑު ވެސް ބޭރަށް ނުކުމެ އުޅޭނެ. ވީމާ ރާއްޖޭގައި އުޅޭ ބިދޭސީންނަށް އަމާޒުކޮށްގެން ރޭގަނޑު ވަކި ގަޑިއެއްގައި ބޭރަށް ނުކުމެ އުޅުން އުނދަގޫ ކަމަކަށް ވާންޖެހޭނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައި ކަމުގައި ދެކެން،" ރީކޯ ވިދާޅުވިއެވެ.
ރީކޯ ވިދާޅުވީ، ބިދޭސީއަކަށް ވީތީ ތަފާތުކުރުމަކީ މި ރާއްޖޭގައި އާއްމު ކަމަކަށް ވެގެން ނުވާނެ ކަމަށެވެ.
މީގެ އިތުރުން އެ ކަމާ މެދު ނުރުހުން ފާޅުކުރައްވާ ކުރީ ސަރުކާރުގެ އެންވަޔަރަމަންޓް މިނިސްޓަރު އައިމިނަތު ޝައުނާ ވިދާޅުވި ގޮތުގައި އެއީ "ސެކިއުރިޓީ" އޭ ބުނި ނަމަވެސް "ޒެނޯފޯބިއާ" ނުވަތަ ނަސްލީ ތަފާތުކުރުން ނޫން އެއްޗަކަށް ނުވާނެއެވެ. ބިދޭސީންނަށް އަމާޒުކޮށް އެފަދަ ފިޔަވަޅެއް އެޅުމަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ވެސް ޚިލާފު ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.
ރައީސް އިއްޔެ ވިދާޅުވި ގޮތުގައި ދަންވަރު 12:00 އިން ފެށިގެން ހެނދުނު 06:00އާ ހަމައަށް އާންމު ތަންތަނުގައާއި މަގުމަތީގައި އުޅޭ ބިދޭސީން ހުއްޓުވައި ސުވާލުކުރުމަށް ކަމާ ގުޅުންހުރި އިދާރާތަކަށް ވަނީ އަންގަވައިފައެވެ. އަދި، ފާހަގަވާ ކަންކަމާ ގުޅިގެން ގާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅެއްވާނަމަ އެ ފިޔަވަޅު އެޅުމަށް ފުލުހުންނާއި ކަމާބެހޭ އެހެން އިދާރާތަކުން މަސައްކަތް ފަށަން ދަންނަވާފައިވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މި ސަރުކާރުގެ އަމާޒަކީ، ގަވައިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ތިން އަހަރު ތެރޭ ހައްލުކުރުމެވެ.
ރާއްޖޭގައި ބިދޭސީންގެ ބޮޑު އާބާދީއެއް އޮވެއެވެ. އެގޮތުން، 2022ގެ ބޯހިމެނުމުން ދައްކާ ގޮތުގައި ގައުމުގެ ޖުމްލަ އާބާދީ ފަސް ލައްކައަށް އަރާއިރު އޭގެ ތެރޭގައި 382،639 ދިވެހީންނާއި 132،493 ބިދޭސީން ހިމެނެއެވެ. އެހެންކަމުން، ޖުމްލަ އާބާދީގެ 26 ޕަސެންޓް ހިއްސާކުރަނީ ބިދޭސީންނެވެ.
ރާއްޖޭގައި ގަވައިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ އިތުރުވެފައިވާއިރު ކުށުގެ ވެށީގައި ހަރަކާތްތެރިވާ ބިދޭސީންނާ އާންމު އިޖުތިމާއީ މިންގަނޑާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަތައް ވަކި މަދެއް ނޫނެވެ. ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންނާ ދެކޮޅަށް މި ސަރުކާރުން އަންނަނީ އެކި މަސައްކަތްތައް ކުރަމުންނެވެ. އެގޮތުން، ބިދޭސީންގެ ބަޔޯމެޓްރިކްސް ނެގުމުގެ މަސައްކަތްކޮށް، ގަވައިދާ ޚިލާފަށް އުޅޭ ބިދޭސީން ދެނެގަތުމުގެ ގޮތުން ޚާއްސަ އޮޕަރޭޝަންތައް އިމިގްރޭޝަނުން އަންނަނީ ހިންގަމުންނެވެ.
ގަވައިދާ ޚިލާފަށް އުޅޭ ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިއުމުގެ 48 ގަޑިއިރުގެ ތެރޭގައި ޑީޕޯޓު ކުރުމުގެ މަސައްކަތް ވެސް މި ސަރުކާރުން ފަށާފައިވެއެވެ.
ބިދޭސީން ގަވައިދާ ޚިލާފަށް ވިޔަފާރިކުރަމުންދާ ތަންތަން ދެނެގަނެ، އެ ތަންތަން ބަލައި ފާސްކުރުމަށް އިމިގްރޭޝަން ހިމެނޭ ޓާސްކްފޯހުން ބޮޑެތި އޮޕަރޭޝަންތައް ހިންގައި، އެފަދަ ވިޔަފާރިތައް ބަންދުކުރަމުންދެއެވެ.