ދަންވަރު މަގުމަތީގައި އުޅޭ ބިދޭސީން ހުއްޓުވައި، ސުވާލުކުރުމަށް ފުލުހުންނަށް ރައީސް އަންގަވައިފި

ބިދޭސީއަކު މަގުމަތީގައި: ދަންވަރު މަގުމަތީގައި އުޅޭ ބިދޭސީން ހުއްޓުވައި، ސުވާލުކުރުމަށް ފުލުހުންނަށް ރައީސް ވަނީ އަންގަވައިފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ދަންވަރު މަގުމަތީގައި އުޅޭ ބިދޭސީން ހުއްޓުވައި، ސުވާލުކުރުމަށް ފުލުހުންނަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު އަންގަވައިފިއެވެ.

ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރާއްޖޭގައި އުޅެމުންދާ ބިދޭސީންގެ ތެރެއިން ބައެއް މީހުން ރޭގަނޑުގެ ދަންވަރު ވަގުތުތަކުގައި ރަށުތެރޭގެ އާއްމު މަސްލަހަތު ގެއްލޭ ފަދަ ކަންކަން ކުރަމުންދާ ކަމަށެވެ. މި ބިދޭސީން އާންމު އިޖުތިމާއީ މިންގަނޑުތަކާ ޚިލާފަށް އުޅެމުންދާ ކަމަށް އެ މަނިކުފާނު ވިދާޅުވެފައިވެއެވެ.

އެހެންކަމުން، ދަންވަރު 12:00 އިން ފެށިގެން ހެނދުނު 06:00އާ ހަމައަށް އާންމު ތަންތަނުގައާއި މަގުމަތީގައި އުޅޭ ބިދޭސީން ހުއްޓުވައި ސުވާލުކުރުމަށް ކަމާ ގުޅުންހުރި އިދާރާތަކަށް އަންގަވާފައިވާ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. އަދި ފާހަގަވާ ކަންކަމާ ގުޅިގެން ގާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅެއްވާނަމަ އެ ފިޔަވަޅު އެޅުމަށް މިރެއިން ފެށިގެން ފުލުހުންނާއި ކަމާބެހޭ އެހެން އިދާރާތަކުން މަސައްކަތް ފަށަން ދަންނަވާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވެފައިވެއެވެ.

ރާއްޖޭގައި ގަވައިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ އިތުރުވެފައިވާއިރު ކުށުގެ ވެށީގައި ހަރަކާތްތެރިވާ ބިދޭސީންނާ އާންމު އިޖުތިމާއީ މިންގަނޑާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަތައް ވަކި މަދެއް ނޫނެވެ. ގަވައިދާ ޚިލާފަށް އުޅޭ ބިދޭސީންނާ ދެކޮޅަށް މި ސަރުކާރުން އަންނަނީ އެކި މަސައްކަތްތައް ކުރަމުންނެވެ. އެގޮތުން، ބިދޭސީންގެ ބަޔޯމެޓްރިކްސް ނެގުމުގެ މަސައްކަތްކޮށް، ގަވައިދާ ޚިލާފަށް އުޅޭ ބިދޭސީން ދެނެގަތުމުގެ ގޮތުން ޚާއްސަ އޮޕަރޭޝަންތައް އިމިގްރޭޝަނުން އަންނަނީ ހިންގަމުންނެވެ.

ގަވައިދާ ޚިލާފަށް އުޅޭ ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިއުމުގެ 48 ގަޑިއިރުގެ ތެރޭގައި ޑީޕޯޓު ކުރުމުގެ މަސައްކަތް ވެސް މި ސަރުކާރުން ފަށާފައިވެއެވެ.

https://sun.mv/215439

ބިދޭސީން ގަވައިދާ ޚިލާފަށް ވިޔަފާރިކުރަމުންދާ ތަންތަން ދެނެގަނެ، އެ ތަންތަން ބަލައި ފާސްކުރުމަށް އިމިގްރޭޝަން ހިމެނޭ ޓާސްކްފޯހުން ބޮޑެތި އޮޕަރޭޝަންތައް ހިންގައި، އެފަދަ ވިޔަފާރިތައް ބަންދުކުރަމުންދެއެވެ.

މި ސަރުކާރުގެ އަމާޒަކީ، ގަވައިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ތިން އަހަރު ތެރޭ ހައްލުކުރުމެވެ.

ރާއްޖޭގައި ބިދޭސީންގެ ބޮޑު އާބާދީއެއް އޮވެއެވެ. އެގޮތުން، 2022ގެ ބޯހިމެނުމުން ދައްކާ ގޮތުގައި ގައުމުގެ ޖުމްލަ އާބާދީ ފަސް ލައްކައަށް އަރާއިރު އޭގެ ތެރޭގައި 382،639 ދިވެހީންނާއި 132،493 ބިދޭސީން ހިމެނެއެވެ. އެހެންކަމުން، ޖުމްލަ އާބާދީގެ 26 ޕަސެންޓް ހިއްސާކުރަނީ ބިދޭސީންނެވެ.

comment ކޮމެންޓް