މެލޭޝިއާގެ ކެބިނަޓަށް ބޮޑެތި ބަދަލު ގެނެސްފިއެވެ.
މި ބަދަލު ގެނެސްފައިވަނީ، 2022 ވަނަ އަހަރުގެ ނޮވެމްބަރު މަހު ބޮޑުވަޒީރު އަންވަރު އިބްރާހީމް ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން މެލޭޝިޔާގައި އިގްތިސާދީ ކުރިއެރުމާއި ބޭރުގެ އިންވެސްޓްމަންޓްތައް އިތުރުވަމުންދާ ދަނޑިވަޅެއްގައެވެ.
ޓީވީ މެދުވެރިކޮށް ދެއްވި ޚިޠާބުގައި ވާހަކަފުޅު ދައްކަވަމުން އަންވަރު ވިދާޅުވީ އެ ބަދަލުތަކަކީ ސަރުކާރު ތެރޭގައި ރަނގަޅު ގުޅުމެއް ގާއިމު ކުރުމަށް ކޮންމެހެން ގެންނަންޖެހޭ ބަދަލުތަކެއް ކަމަށެވެ.
"ކެބިނެޓުން ޓީމެއްގެ ގޮތުގައި މަސައްކަތްކޮށް، ރަނގަޅު އިގުތިސާދީ ކުރިއެރުމެއް ގެނައުމަށާއި، ރައްޔިތުންގެ މައްސަލަތައް ހައްލުކުރުމަށް ފޯކަސް ކުރެވޭނެ ގޮތަށް ބަދަލުތައް ގެންނަން ޖެހޭ." އެ މަނިކުފާނު ވިދާޅުވިއެވެ.
މެލޭޝިއާގެ ކެބިނެޓަނަށް އެންމެ ފަހުން ބޮޑެތި ބަދަލުތަކެއް ގެނައީ 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހެވެ.
މިފަހަރު ގެނައި ބަދަލުތަކުގެ ތެރެއިން އާ ޓްރޭޑް މިނިސްޓަރު ކަމަށް އައްޔަން ކުރެއްވީ ކުރީގެ ޕްލާންޓޭޝަންސް އެންޑް ކޮމޮޑިޓީސް މިނިސްޓަރު ޖޯހަރީ އަބްދުލްޣަނީ އެވެ. ޖޯހަރީ އަކީ ޓެރިފްގެ މައްސަލަތަކުގައި އެމެރިކާއާއެކު، މެލޭޝިއާގެ ވިޔަފާރީގެ މަޝްވަރާތަކުގައި އިސްކޮށް އުޅުއްވި ޓެންގްކު ޒަފްރޫލް އަޒީޒުގެ ބަދަލުގައި ހުންނެވި ބޭފުޅެކެވެ.
މެލޭޝިއާ އާއި އެމެރިކާއާ ދެމެދު އޮކްޓޯބަރު މަހު ސޮއިކުރި އެއްބަސްވުމުގެ ދަށުން މެލޭޝިއާގެ މުދަލުން އެމެރިކާއިން ނަގާ ޓެރިފް 19 ޕަސެންޓުގައި ހިފެހެއްޓިފައިވެއެވެ.
މީގެ އިތުރުން އަންވަރު ވަނީ އިކޮނޮމިކް މިނިސްޓަރު ކަމަށް އަކްމަލް ނަސްރުالله މުހައްމަދު ނާސިރު އަދި ނެޗުރަލް ރިސޯސަސް އެންޑް އެންވަޔަރުމަންޓް ސަސްޓެނަބަލްޓީ މިނިސްޓަރު ކަމަށް އާތުރް ޖޯސެފް ކުރޫޕް ހަމަޖައްސާފައެވެ.
މީގެ އިތުރުން، ޑެޕިއުޓީ ފިނޭންސް މިނިސްޓަރުގެ މަގާމުގެ އިތުރުން ހިއުމަން ރިސޯސަސް، ފެޑެރަލް ޓެރިޓަރީސް، އަދި ސްޕޯޓްސް މިނިސްޓަރީއަށްވެސް އިތުރު ބަދަލުތަކެއް ގެންނާނެ ކަމަށް އަންވަރު އިއުލާނުކުރެއްވިއެވެ. ނަމަވެސް ޑިފެންސް، ފޮރިން އެފެއާޒް، އަދި ހޯމް އެފެއާޒް ފަދަ މުހިންމު މިނިސްޓްރީތަކަށް ބަދަލު ގެނެސްފައެއްނުވެއެވެ.
މެލޭޝިއާގެ ކެބިނެޓުގައި ހިމެނެނީ މަޖިލީހުގެ ތިރިގެއާއި މަތީގެއިން އިންތިޚާބުވެފައިވާ، ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުންގެ އިތުރުން މަތީ ގެއަށް އައްޔަންކޮށްފައިވާ ސެނެޓަރުންނެވެ.
ސިޔާސީ މަޝްރަހު ދިރާސާ ކުރާ ފަރާތްތަކުން ބުނާ ގޮތުގައި ކެބިނެޓަށް ގެނައި ބަދަލުތަކަކީ، 2028 ވަނަ އަހަރުގެ ކުރީކޮޅު ބާއްވަން ޖެހޭ އާންމު އިންތިޚާބުގެ ކުރިން އަންވަރުގެ ސަރުކާރަށް ގެންނަ މުހިންމު ބަދަލަކަށް ވެދާނެއެވެ.
މިދިޔަ މަހު ބޭއްވި ސަބާހު ސްޓޭޓް އިންތިޚާބުގައި އަންވަރުގެ ކޯލިޝަނަށް ވަނީ ނާކާމިޔާބީއާ ކުރިމަތިލާން ޖެހިފައެވެ.