ބިދޭސީން ގަވައިދާ ޚިލާފަށް ވިޔަފާރިކުރަމުންދާ ތަންތަން ދެނެގަނެ، އެ ތަންތަން ބަލައި ފާސްކުރުމަށް އިމިގްރޭޝަން ހިމެނޭ ޓާސްކްފޯހުން ކުރިއަށް ގެންދާ މަސައްކަތުގައި އިއްޔެވެސް ދިހަ މަސާޖު ޕާލާއެއް ބަލައި ފާސްކޮށްފިއެވެ.
އިމިގްރޭޝަނުން މިއަދު ބުނީ، އިއްޔެ ކުރިއަށް ގެންދިޔަ އޮޕަރޭޝަންގައި ގަވައިދާ ޚިލާފަށް މަސައްކަތްކުރަމުން ދިޔަ ހަތަރު ބިދޭސިއަކު، އެ ދިހަ ތަން ބަލައި ފާސްކޮށް އެ އިދާރާގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.
އިމިގްރޭޝަނުން 'އެކްސް'ގައި ފޮޓޮއާއެކު ހިއްސާކުރި ޕޯސްޓެއްގައި، މަސާޖު ޕާލާއެއް ހިންގަމުން އައި ވިޔަފާރިއެއް ބަންދުކުރި ކަމުގެ ނޯޓިސް، އެ ޚިދުމަތުގެ މުވައްޒަފަކު ހަރުކުރާ މަންޒަރު ފެނެއެވެ.
ފާހަގަކުރެވޭ ގޮތުގައި، ހަފުތާއެއް ތެރޭގައި މާލެއިން 52 މަސާޖު ޕާލާއެއް ބަންދުކޮށްފައިވާ ކަމަށާއި އޭގެ ތެރެއިން ގިނަ ތަންތަން ބަންދުކުރީ އެ މީހުން އަމިއްލައަށް ކަމަށް، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރޭ ވިދާޅުވެފައިވެއެވެ.
މާލޭގައި މަސާޖު ޕާލާތައް ގިނަކަމުގެ ޝަކުވާ ގިނަ ބަޔަކު އަންނަނީ ކުރަމުންނެވެ.

މާލޭގެ ގަލޮޅު އަވަށުގެ ރައްޔިތުންނާ ބައްދަލުކުރައްވަން މިރޭ ބާއްވާ ޖަލްސާ ފައްޓަވައިދެއްވާ ވާހަކަފުޅުދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ، މަސާޖު ޕާލާތަކުގެ މައްސަލަ ގިނަ އަދަދެއްގެ ރައްޔިތުންގެ ފަރާތުން ފާހަގަކުރައްވާފައިވާ ކަމަށެވެ. އެހެންވެ، އެ މަސައްކަތަށް އިތުރު ހިތްވަރެއްލާ، ޚާއްސަ އޮޕަރޭޝަނެއް މި މަހުގެ ނުވަވަނަ ދުވަހު ފަށާފައިވާ ކަމަށެވެ.
އެ އޮޕަރޭޝަންގެ ތެރެއިން 52 ތަނެއް މިވީ ހަފުތާއެއްގެ ތެރޭގައި ބަންދުކޮށްފައިވާ ކަމަށް އެ މަނިކުފާނު އިއުލާނުކުރެއްވިއެވެ.
"މިކަން މިހެން ހިނގާތީވެ، އަމިއްލައަށް މިކަން ހުއްޓާލާފައި، ވިޔަފާރި ބަންދުކޮށްފައި އަމިއްލައަށް ބަންދުކުރި 28 ތަން،" އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، މި ކުޑަ ދުވަސްކޮޅުގެ ތެރޭގައި މި މަސައްކަތުގެ ނަތީޖާ ވަރަށް ރަނގަޅު ކަމަށެވެ.
މީގެ އިތުރުން، ކުރިއަށް އޮތް ދުވަސްތަކުގައި ވެސް ރެއާއި ދުވާލު ކަމާ ގުޅުންހުރި އިދާރާތަކުން މި މަސައްކަތް ކުރިއަށް ގެންދަވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
މަސާޖު ޕާލާތަކުގެ ނަމުގައި ހަށިވިއްކާ ތަންތަން ރާއްޖޭގައި ހިންގާތާ ގިނަ އަހަރުތަކެއް ވެއްޖެއެވެ. އެކިއެކި އޮޕަރޭޝަންތައް ހިންގައި ދޭތެރެދޭތެރެއިން އެފަދަ ބައެއް ތަންތަން ބަންދުކޮށް, އެ ކުށް ކުރާ މީހުން ހައްޔަރު ވެސް ކުރެއެވެ.
ރާއްޖޭގައި ގިނަ އަދަދެއްގެ ބިދޭސީން ގަވައިދާ ޚިލާފަށް ދިރިއުޅެ، ވިޔަފާރިކުރެއެވެ. މި ސަރުކާރުގެ އަމާޒަކީ ތިން އަހަރު ތެރޭ އެ މައްސަލަ ހައްލުކުރުމެވެ.