ވަގު ޓީޓީ ހެއްދި ޝިފާއުގެ މައްޗަށް މަނީ ލޯންޑްރިންގެ ކުށްވެސް ސާބިތުވެއްޖެ

ޝިފާއު

ވަގު ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ) ފޮނުވައިގެން ބޭރުގެ ކުންފުނިތަކުން ވިޔަފާރިކުރި މައްސަލައިގައި، ދައުލަތުން ގިނަ ދައުވާތަކެއް އުފުލާފައިވާ، ހުސެއިން ޝިފާއުގެ މައްޗަށް މަނީ ލޯންޑްރިންގެ ހަތް ދައުވާ ވެސް ސާބިތުވާ ކަމަށް ކޯޓުން މިއަދު ކަނޑައަޅައިފިއެވެ.

ޝިފާއުގެ މައްޗަށް, ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ކުރި 23 ދައުވާއާއެކު ޕީޖީން ވަނީ، ޑޮލަރު ހޯދައިދޭނެ ކަމަށް ބުނެ މީހުން އަތުން ނަގައިފައިވާ ފައިސާ ދައުލަތަށް ނަގައިދިނުމަށް އެދިފައެވެ. އެ ދައުވާތަކުގެ ތެރެއިން 16 ދައުވާއެއް ކުރިން ވަނީ ސާބިތުވެފައެވެ. މިއަދު ސާބިތުވީ، މަނީ ލޯންޑްރިންގެ މައްސަލަތެކެވެ.

ޝިފާއުގެ މައްޗަށް ކުށް ސާބިތުވިނަމަވެސް، އެ މައްސަލާގައި ޝިފާއު ލޯންޑާކުރި 123،000 ޑޮލަރު ހުރީ ކޮން ތަނެއްގައިކަން ދައުލަތަށް ބުނެ ނުދެވޭތީ އެ ފައިސާ ދައުލަތަށް ނަގަން އަމުރު ނުކުރެވޭނެ ކަމަށް މި މައްސަލަ ބައްލަވާ ގާޒީ މިއަދު ވިދާޅުވިއެވެ.

ޝިފާއު ވަގު ޓީޓީ ބޭނުންކުރި މައްސަލައިގައި 2021 ވަނަ އަހަރު ވެސް ފުލުހުން ހޯދަން އިއުލާން ކުރިއެވެ. އެ މައްސަލައިގައި 2023 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 28ގައި އޭނާ ހައްޔަރު ކުރިއެވެ. އެކަމަކު އޭނާ ދޫކޮށްލުމުން އޭނާ ފުރައިގެން ދިޔައީ ރާއްޖޭން ބޭރަށެވެ.

އޭގެ ފަހުން އޭނާ ހޯދަން އިންޓަޕޯލް ރެޑް ނޯޓިސް ނެރުނެވެ. އަދި ފިލައިގެން އުޅުމަށްފަހު ރާއްޖެ އައުމާއެކު އޭނާގެ ޕާސްޕޯޓު ހިފެހެއްޓިއެވެ.

ޝިފާއުއަކީ، މި ސަރުކާރުން އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ މިނިސްޓްރީގެ ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރެއްގެ މަގާމަށް ކުރިން އައްޔަން ކުރި މީހެކެވެ. އެކަމަކު އޭނާވަނީ ކުއްލިއަކަށް މަގާމުން ވަކިކޮށްފައެވެ.

ރައީސް އޮފީހުގެ އިސް ތަރުޖަމާނު ހީނާ ވަލީދު "ސަން"އަށް ކުރިން ވަނީ އޭނާ ވަކިކުރިކަން ޔަގީން ކޮށްދެއްވައިފައެވެ. އެކަމަކު ވަކިކުރި ސަބަބެއް ވިދާޅެއްނުވެއެވެ.

comment ކޮމެންޓް