މިދިޔަ މަހު، ސަރުކާރުގެ މަސް ކުންފުނި (މިފްކޯ)އަށް މަސް ކިރުވި، ދޯނިތަކަށް 11.3 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދޫކޮށްފިއެވެ.
މިފްކޯއިން އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ މަހު 517 ދޯންޏަކުން ވަނީ 586 ޓަނުގެ މަސް އެ ކުންފުންޏަށް ކިރުވާފައެވެ.
އެގޮތުން، އެ ދޯނިތަކުން ކިރުވި މަހަށްވާ 11.3 މިލިއަނަށް ވުރެ ގިނަ ރުފިޔާ މިފްކޯއިން މިހާރު ވަނީ ދޫކޮށްފައެވެ.
އޭގެތެރެއިން، އެންމެ ގިނައިން ފައިސާ ދޫކޮށްފައިވަނީ އެ ކުންފުންޏަށް ކިރުވި ކަޅުބިލަމަހަށެވެ. ނިމުނު ޖޫން މަހު މިފްކޯއަށް 484.4 ޓަނުގެ ކަޅުބިލަމަސް ކިރުވާފައިވާއިރު، އެ މަހަށްވާ 9.3 މިލިއަން ރުފިޔާ މިފްކޯއިން ވަނީ މަސްވެރިންނަށް ދީފައެވެ.

މީހަކު މަސްތަކެއް ހިފައިގެން -- ސަން ފޮޓޯ/ ފަޔާޒު މޫސާ
މިދިޔަ މަހު 109 ދޯންޏަކުން މިފްކޯއަށް ވަނީ 15 ކިލޯއިން މަތީގެ ކަންނެލި ގަނެފައިވެއެވެ. އެ ކަންނެލީގެ ފައިސާގެ ގޮތުގައި، މަސްވެރިންނަށް މިފްކޯއިން ވަނީ، މިލިއަނަކަށް ވުރެ ގިނަ ރުފިޔާ ދޫކޮށްފައެވެ.
މީގެއިތުރުން، 10 ކިލޯއިން މަތީގެ 16.6 ޓަނުގެ ކަންނެއްޔަށްވާ ތިން ލައްކަ ރުފިޔާ މަސްވެރިން ވަނީ ދީފައެވެ.
މަސްވެރިންނަށް ގަވާއިދުން ފައިސާ ލިބުމަކީ ރާއްޖޭގެ އިގުތިސާދަށާއި މަސްވެރި އާއިލާތަކަށް އޭގެ ހެޔޮ އަސަރު ކުރާނެ ކަމެކެވެ. ފާއިތުވި އަހަރުތަކުގައި މަސްވެރިންނަށް ފައިސާ ނުލިބި ލަސްވުމުގެ ސަބަބުން ގިނަ ދަތިތަކަކާ ކުރިމަތިލާން ޖެހުނެވެ.
ނަމަވެސް، މިހާރު ސަރުކާރުގެ ސިޔާސަތަކީ މަސް ކިރުވާތާ 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދޫކުރުމެވެ. މި ބަދަލާއެކު، މަސްވެރިކަމަށް ނުކުންނަ ދޯނިފަހަރުގެ އަދަދު އިތުރުވެ، ސިނާއަތަށް ދިރުން ލިބެމުންދާ ކަމަށް ކަމާބެހޭ ފަރާތްތަކުން ފާހަގަކުރެއެވެ.
މިދިޔަ ޖޫން މަހުގެ ފަހުކޮޅު ރައީސް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވި ގޮތުގައި، ސަރުކާރުގެ އަމާޒަކީ، މަސް ކިލޯއެއް ގަންނަ އަގު 20 ރުފިޔާގައި ހިފެހެއްޓުމެވެ.