ވަރީގެ ސަބަބުން ދިމާވާ އެކި މައްސަލަތައް ހައްލުކުރުމަށްޓަކައި، ކޯޓުން ބޭރުން ވަރިކުރުމުގެ ބަދަލުގައި، ކައިވެންޏެކޭ އެއްގޮތަށް، ވަރިއަކީވެސް ކޯޓުގައި ނުވަތަ ދައުލަތުގެ އިދާރާއެއްގައި ރަޖިސްޓްރީކޮށްގެން ކުރެވޭ ކަމަކަށް ހެދުމަށް، ކުރީގެ ޕްރޮސެކިއުޓަރު ޖެނެރަލް ޙުސައިން ޝަމީމް މިއަދު ލަފާދެއްވައިފިއެވެ.
ވަރިއާ ބެހޭ ގޮތުން ފާއިތުވި ދުވަސްތަކުގައި ބަހުސެއް ފެށިފައިވަނީ، "ވަރިކުރީ" ރުޅިއައިސްގެން ކަމަށް ބުނެ، ވަރި ސާބިތުކުރުމަށް ހުށަހެޅި މައްސަލައިގައި ފެމިލީ ކޯޓުން މިދިޔަ ނޮވެމްބަރު މަހުގެ 26ވަނަ ދުވަހު ނިންމި ގޮތުންނެވެ. އެ ކޯޓުގެ ނިންމުމުގައި ވަނީ، "ތިއިނީ ވަރިކޮށްފައި" ކަމަށް ފިރިހެން މީހާ ބުނީ، ދެމަފިރިންގެ ދެމެދު ހިނގި ހަމަނުޖެހުމެއްގައި ބޭއިޚްތިޔާރުގައި، ވަރިކުރުމުގެ ނިޔަތުގައި ނޫން ކަމަށް ފިރިހެން މީހާ ކޯޓުގައި ބުނި ކަމަށެވެ.
ނަމަވެސް ފިރިމީހާ ހުރީ އަމިއްލަ ނަފުސު ކޮންޓްރޯލް ނުކުރެވޭ މިންވަރަށް ރުޅިއައިސްފައިނޫން ކަމަށް، އަންހެން މީހާ ބުނި ކަމަށްވެސް އެ ހުކުމުގައި ވެއެވެ.
އެކަމަކު މި މައްސަލައިގައި ފިރިހެން މީހާ، އަންހެން މީހާ ވަރިކުރަން ބުނީ ރުޅިއައިސްގެން ކޮންމެ އެއްޗެއް ވެސް ''ކިޔޭ ނުކިޔޭ'' ހާލަތެއްގައި ކަމަށް ޝަރީއަތުގައި ހުވާކުރުމުން، ގާޒީ ޒަޢީމާ ނަޝީދު އަބޫބަކުރު މި މައްސަލައިގައި ހުކުމް ކުރެއްވީ ވަރި ސާބިތުނުވާ ކަމަށާއި، ވަރި ހިނގި ކަމަށް ބެލެވެން ނެތް ކަމަށެވެ.
އެކަމާ ގުޅޭ ގޮތުން އަމިއްލަ ބްލޮގުގައި ޝަމީމް ލިޔުއްވި ޕޯސްޓެއްގައި ވަނީ، މެޑިކަލް ރެކޯޑު ފަދަ އެއްވެސް ހެތްކެއް ނެތި، ހަމައެކަނި އޮތް ހުއްޖަތަކީ އޭނާ ރުޅިއައިސްފައިވާ ކަމަށް ހުވާކުރި ކުރުމަށް ވަރި ސާބިތުކުރުމަކީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށެވެ. އެގޮތަށް ގަބޫލުކުރައްވާ ސަބަބު ވެސް އޭނާ ކިޔައިދެއްވިއެވެ.

ކުރީގެ ޕްރޮސެކިއުޓަރު ޖެނެރަލް ޙުސައިން ޝަމީމް -- ސަން ފޮޓޯ/ މޫސާ ނަދީމް
"ވަރީގެ ސަބަބުން ދިމާވާ އިޖުތިމާއީ، އިގްތިޞާދީ އަދި އާއިލީ ނަތީޖާތަކުގެ ސަބަބުން، ވަރިއަކީ ކުޅޭކުޅޭ، ނުވަތަ ޒިންމާ އުފުލަން ނުޖެހޭ ފަދަ ކަމެއްގެ ގޮތުގައި އޮތުން އަޅުގަނޑަށް ރަނގަޅުނޫނީއެވެ." ޝަމީމްގެ ޕޯސްޓުގައިވެއެވެ.
އެއާއެކުވެސް، ރާއްޖޭގެ އާއިލާއާ ބެހޭ ގާނޫނުގައި ވަރި ސާބިތުކުރުމުގައި ބަލާނެ މިންގަނޑެއް، އަމަލުކުރާނެ ގަވައިދެއް ކަނޑައެޅިފައި ނެތް ކަން ޝަމީމް ފާހަގަކުރެއްވިއެވެ.
އެހެންކަމުން ވަރި ސާބިތުކުރުމުގެ މައްސަލައިގައި ތަފާތު ދެ ގޮތަކަށް ނިންމުމުގެ ފުރުސަތު އެބައޮތް ކަމަށް ޝަމީމް ލިޔުއްވިއެވެ. އޭނާ ލިޔުއްވިގޮތުގައި އޭރުން ގާނޫނާ މެދު އޮންނަ ޔަގީންކަން ގެއްލޭނެއެވެ.
"އެކަން ހައްލުކުރާނެ ގޮތަކީ، ކޯޓުން ބޭރުގައި ކުރާ ވަރިއަކީ ވަރިއެއް ނޫންކަމަށް ގާނޫނުގައި ކަނޑައެޅުމެވެ. އޭރުން ވަރި ކުރެވޭނީ މިހާރުވެސް އޮންނަ ގޮތަށް ކޯޓަށް ހުށަހަޅައިގެންނެވެ. މިހާރު އޮންނަނީ ކޯޓުން ބޭރުގައި ވަރިކޮށްފައި، ކޯޓަށް ހުށަހަޅައިގެން ވަރި ސާބިތުކުރުމެވެ. އެ ބައި ގާނޫނުން އުވާލާނީއެވެ. އޭރުން ކޯޓުން ބޭރުގައި ކުރެވޭ ވަރިއެއް ނޯންނާނެއެވެ." ޝަމީމް ލިޔުއްވާފައިވެއެވެ.
ކޯޓުން ބޭރުގައި ކުރާ ކައިވެނި މިހާރުވެސް ބަލައިނުގަންނަ ކަމާއި، އެއީ ޖިނާއީ ކުށެއްކަން ފާހަގަކުރައްވައި، ޝަމީމް ލިޔުއްވިގޮތުގައި އެފަދަ މައްސަލަތަކުގައި މީގެ ކުރިން އަދަބުވެސް ދީފައިވެއެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި ބިމުގެ މައްސަލަފަދަ އެތައް މައްސަލައެއް ނިންމަނީ ގާނޫނީ ނިޒާމުގެ ތެރެއިންނެވެ.
"ކުދިކުދި ވިޔަފާރީގެ މުއާމަލާތްތަކާއި، ކުލީގެ އެއްބަސްވުންފަދަ، ނިސްބަތުން ނަތީޖާ ކުޑަ ކަންކަންވެސް ކޯޓަށް ގޮސްގެން މެނުވީ ބާތިލުނުކުރެވޭ ގޮތަށް ޤާނޫނީ ނިޒާމެއް ހަދައިގެން ތިބެ، ބޮޑެތި އިޖުތިމާޢީ ނަތީޖާތައް ނުކުންނަ، މުޖުތަމައުގެ އަސާސްކަމުގައިވާ އާއިލާ ރޫޅާލުމަކީ އެއަށްވުރެ މާފަސޭހައިން ކުރެވޭ ކަމެއްކަމަށް ހަމަޖައްސައިގެން ތިބޭންވީ ހިކުމަތެއް އަޅުގަނޑަކަށް ނުވިސްނެއެވެ." އޭނާ ލިޔުއްވިއެވެ.
ރާއްޖެއަކީ އާންމުކޮށް، އާބާދީގެ ނިސްބަތުން ބަލާއިރު ވަރި އެންމެ ގިނަ އެއް ގައުމެވެ. މިދިޔަ އަހަރު ފެމިލީ ކޯޓުން އާންމުކުރި ތަފާސްހިސާބުން ދައްކާ ގޮތުގައި އެ އަހަރު ފެށިގެން އޮކްޓޫބަރު މަހާ ހަމައަށް 1،936 ކައިވެނި ކޮށްފައިވާއިރު، 1،154 ވަރި ރެޖިސްޓާކޮށްފައިވެއެވެ.