ކިލޯއަކަށް ވުރެ ބަރު މަސް، ސަރުކާރުގެ މަސް ކުންފުނި، މިފްކޯއަށް 16 ރުފިޔާއަށް ގަންނަން ފަށައިފިއެވެ.
ރޭ ރައީސް ޑރ. މުޙައްމަދު މުއިއްޒު ވަނީ، އެއް ކިލޯއަށް ވުރެ މަތިން މަސް ގަންނަ ނަމަ، 16 ރުފިޔާއިން ފެށިގެން މަސް ގަންނާނެ ކަމަށް ވިދާޅުވެފައެވެ.
ރައީސް މީގެ ކުރިން ވަނީ، ރިޔާސީ އިންތިޚާބުގެ ދުވަސްވަރު ވައުދުވެވަޑައިގެންނެވި ގޮތަށް، މަސް ކިލޯއެއް 20 ރުފިޔާއަށް ގަންނަ ގޮތަށް ބަދަލުކުރައްވާނެ ކަމަށް ވިދާޅުވި ވިދާޅުވުން ތަކުރާރުކުރައްވައިފައެވެ.
އޭގެފަހުން، މިއަދު މިފްކޯއިން ބުނީ، އައިސްއެޅި ކަނޑުމަހާއި ކަންނެލި ކިލޯއެއް ސޯޅަ ރުފިޔާއަށް ގަންނަން ފަށާފައިވާ ކަމަށެވެ.

މަސްވެރިންތަކެއް މަސް ދޯންޏެއްގައި: ކިލޯއަކަށް ވުރެ ބަރު މަސް 16 ރުފިޔާއަށް މިފްކޯއަށް ގަންނަން ވަނީ ފަށާފައި --- ފޮޓޯ/ މަސްވެރި އިހަވަންދޫ
އައިސްނާޅާ މަސް ކިލޯއެއް ސާދަ ރުފިޔާއަށް ގަންނާނެ ކަމަށާއި 15 ކިލޯއިން މަތީގެ އައިސް އެޅި މަސް ކިލޯއެއް 18 ރުފިޔާއަށް ގަންނާނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ. އަދި، 15 ކިލޯއިން މަތީގެ އައިސްނާޅާ މަސް ވެސް ގަންނާނީ 18 ރުފިޔާއަށް ކަމަށް މިފްކޯއިން ވަނީ ބުނެފައެވެ.
މިފްކޯއިން ކަނޑުމަސް ގަންނަ އަގު 20 ރުފިޔާއަށް ބޮޑުކުރުމަށް މަސައްކަތްކުރަމުންދާ ކަމަށް ރައީސް ވިދާޅުވުމާ ގުޅިގެން މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ބައެއް ކުންފުނިތަކުން ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.
ފާހަގަކުރެވޭ ގޮތުގައި، 2023 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ކެމްޕެއިން ދުވަސްކޮޅު، އޭރު އޮތް އެމްޑީޕީގެ ސަރުކާރުން މަސް ގަންނަ އަގު 17 ރުފިޔާއިން 25 ރުފިޔާއަށް ބޮޑުކުރިއެވެ. ނަމަވެސް، މިދިޔަ އަހަރުގެ ފެބްރުވަރީ މަހު މި ސަރުކާރުން އެ އަގު 20އަށް ވަނީ ދަށްކޮށްފައެވެ.
އެ ފަހުން ބައިނަލްއަގުވާމީ ބާޒާރުގެ އަގަށް މިފްކޯއިން މަސް ގަންނަ ގޮތަށް ބަދަލު ގެނައީ މިދިޔަ އަހަރުގެ މެއި މަހުގެ ފުރަތަމަ ދުވަހެވެ.
މިފްކޯއިން ބުނީ އޭރު މަސް ކިލޯއެއް 20 ރުފިޔާއަށް ގަންނަމުންދާ ގޮތަށް، ބާޒާރުގެ އަގަށް ރިއާޔަތްނުކޮށް މަސްވެރިންގެ އަތުން މަސް ގަނެ ޕްރޮސެސްކޮށް، އެކްސްޕޯޓުކުރަމުން ދިއުމަކީ މާލީގޮތުން ދެމެހެއްޓެނިވި ކަމެއް ނޫން ކަމަށެވެ.
ބާޒާރުގެ އަގަށް މަސް ގަންނަން ފެށުމުން މަހުގެ އަގު ވަރަށް ބޮޑަށް ވެއްޓުނެވެ. އެގޮތުން ދޮޅު ކިލޯ މަހުގެ އަގު އާންމު ގޮތެއްގައި އަރަނީ 16 ރުފިޔާއަށެވެ.