އޮސްޓްރޭލިއާގެ މަޝްހޫރު ބޮންޑައި ބީޗްގައި ބަޑި ޖަހައި 12 މީހުން މަރާލައިފިއެވެ.
އޮސްޓްރޭލިއާގެ ސްކައި ނިއުސްއާ ހަވާލާދީ އަލް ޖަޒީރާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި މަރުވި މީހުންގެ ތެރޭގައި ބަޑީގެ ހަމަލާދިން ދެ މީހުންގެ ތެރެއިން އެކަކުވެސް ހިމެނެއެވެ. އަދި ބަޑި ޖެހުމުގައި ބައިވެރިވި ދެ ވަނަ މީހާގެ ހާލު ސީރިއަށް ކަމަށާއި އެ ހަމަލާގައި 29 މީހުން ޒަޚަމްވެފައިވާ ކަމަށްވެސް އެ ނޫހުން ބުނެފައިވެއެވެ.
ޒަޚަމްވެގެން ހޮސްޕިޓަލަށް ގެންދިޔަ މީހުންގެ ތެރޭގައި ކުޑަ ކުއްޖަކުވެސް ހިމެނެއެވެ.
ނިއު ސައުތް ވޭލްސްގެ ޕޮލިސް ކޮމިޝަނާ މަލް ލަންޔޮން ވިދާޅުވި ގޮތުގައި އެ މައްސަލައިގެ ސީރިއަސް ތަހުގީގެއް ކުރިއަށްގެންދާނެއެވެ.
މިއަދު އޮސްޓްރޭލިއާ ގަޑިން އިރުއޮއްސި 6:47 ހާއިރު އެ ހަމަލާތައް ދިނީ ޔަހޫދީންގެ ދީނީ ފެސްޓިވަލެއް ފާހަގަކުރަމުން ދަނިކޮށެވެ. އެ ހަފުލާގައި 1000އަށް ވުރެ ގިނަ މީހުން ބައިވެރިވެފައިވާ ކަމަށް ފުލުހުން ބުނެއެވެ.
އެ ހަމަލާއާ ގުޅިގެން އިސްރާއީލުގެ ރައީސް އައިސާކް ހަރްޒޮގް ވަނީ އެއީ ޔަހޫދީންނަށް އަމާޒުކޮށް ދިން ވަރަށް އަނިޔާވެރި ހަމަލާއެއް ކަމަށް ސިފަކުރައްވާފައެވެ.
އޮސްޓްރޭލިއާ ފުލުހުން މިހާރު ވަނީ އެ ހަމަލާއަކީ ޓެރަރިސްޓް ހަމަލާއެއް ކަމަށް ކަނޑައަޅާފައެވެ.

ސިޑްނީގައި ދިން ހަމަލާގައި ޒަޚަމްވި މީހަކު ސްޓްރެޗާއެއްގައި ގެންދަނީ. ފޮޓޯ/އޭޕީ
އާންމުންގެ 12 މީހަކު މަރުވެފައިވާކަން ފުލުހުން ކަށަވަރުކޮށްދީފައިވާއިރު، މި ހަމަލާ ވެފައިވަނީ ޕޯޓް އާތުރަށް ދިން ހަމަލާއަށް ފަހު އޮސްޓްރޭލިއާގެ ދިން މިފަދަ އެންމެ ވަރުގަދަ ހަމަލާއަށެވެ.
އެ ހަމަލާއަކީ 1996 ވަނަ އަހަރު ޓެސްމަނިއާގެ ޕޯޓް އާތު ޓައުންގައި ހަތިޔާރު އެޅި މީހަކު ބަޑި ޖަހައި 35 މީހުން މަރާލި ގަތުލުއާންމެވެ. އެ ހަމަލާއަށްފަހު، އޮސްޓްރޭލިއާ ސަރުކާރުން ވަނީ ބަޑި ގެންގުޅުމުގެ ގާނޫނުތައް ވަރަށް ބޮޑަށް ހަރުކަށިކޮށްފައެވެ.
ބޮންޑައި ބީޗަކީ އޮސްޓްރޭލިއާގެ ރާޅާއެޅުމަށް ވަރަށް މަޝްހޫރު ބީޗެކެވެ.