އޮސްޓްރޭލިއާގެ ބޮޑުވަޒީރުގެ ގެކޮޅު ގޮއްވާލާނެ ކަމަށް ބުނެ އިންޒާރެއް

އޮސްޓްރޭލިއާގެ ބޮޑުވަޒީރު އެންތޮނީ އަލްބަނީޒް. ފޮޓޯ/ގެޓީ

އޮސްޓްރޭލިއާގެ ބޮޑުވަޒީރު އެންތަނީ އެލްބަނީޒްގެ ރަސްމީ ގެކޮޅުގައި ބޮން ގޮއްވާލާނެ ކަމަށް ބުނެ އިންޒާރުދީފިއެވެ.

އޮސްޓްރޭލީއާގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، އެ އިންޒާރު ދީފައި ވަނީ ޝޭން ޔޫންގެ ނަން ދީފައިވާ ޗައިނާގެ ޑާންސް ގްރޫޕަކަށް ފޮނުވާފައިވާ އީމެއިލްތަކެއްގައެވެ. އެގޮތުން އޮސްޓްރޭލިއާގައި އެ ގްރޫޕުން ދޭން އޮތް ޝޯ ކެންސަލް ނުކޮށްފިނަމަ އަލްބަނީޒްގެ ގެކޮޅުގައި ބޮން ގޮއްވާލާނެ ކަމުގެ އިންޒާރު ވަނީ ދީފައެވެ.

ޝޭން ޔޫން ޑާންސް ގްރޫޕަކީ ޗައިނާގައި މަނާކޮށްފައި އޮންނަ ގްރޫޕެކެވެ.

އެ ގުރޫޕަށް، ޗައިނާ ބަހުން ލިޔެ ފޮނުވާފައިވާ އެއް އީމެއިލްގައި ބުނެފައިވަނީ ކެންބަރާގައި ހުންނަ ބޮޑުވަޒީރުގެ ރަސްމީ ގެކޮޅު، ލޮޖްގެ ވަށައިގެން ގިނަ އަދަދެއްގެ ނައިޓްރޯ ގްލިސެރިން ގޮވާތަކެތި ބަހައްޓާފައިވާ ކަމަށެވެ.

"ޝޯ ކުރިއަށް ގެންދިއުމަށް ބާރުއަޅައިފިނަމަ، ދެން ބޮޑުވަޒީރުގެ ލޮޖް ހަލާކުވެ، ލޭގެ ކޯރެއް ހެދޭނެ." ކަމަށް އެ އީމެއިލްގައި ބުނެފައިވެއެވެ.

އޮސްޓްރޭލިއާގެ ބްރޯޑްކާސްޓިން ކޯޕަރޭޝަނުން ބުނި ގޮތުގައި މި އިންޒާރު ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ އިއްޔެއެވެ.

އެ އީމެއިލްތަކާ ގުޅިގެން އެއްވެސް އެއްޗެއް އޮސްޓްރޭލިއާގެ ކަމާބެހޭ ފަރާތްތަކުން ހާމަކޮށްފައެއްނުވެއެވެ. ނަމަވެސް އިއްޔެ އަލްބަނީޒްގެ ގެކޮޅުގެ ސަލާމަތީ ކަންކަން ބެލި ކަމަށާއި ޝައްކު ކުރެވޭ އެއްވެސް ކަމެއް ނެތް ކަމަށް ބުނެފައިވެއެެވެ.

ބީބީސީން ރިޕޯޓުކޮށްފައިވާ ގޮތުގައި އިއްޔެ އޮސްޓްރޭލިއާ ގަޑިން އިރުއޮއްސި 18:00 ހާއިރު، އަލްބަނީޒް ވަނީ ގެކޮޅުން ބަދަލުކޮށްފައެވެ.

މިއަދު ހެނދުނު ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި އަލްބަނީޒް ވަނީ ފުލުހުންނަށް ޝުކުރު އަދާކުރައްވާފައެވެ.

comment ކޮމެންޓް