ދިރާގުގެ އެލީޓް ކްލަބްގެ ޕާޓްނަރެއްގެ ގޮތުގައި ބާސެލޯ ނަސަންދުރާ، ހަމަޖައްސައިފިއެވެ.
މި ޕާޓްނާޝިޕް އިއުލާންކޮށްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު ބާސެލޯ ނަސަންދުރާގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ.
ދިރާގުން ބުނި ގޮތުގައި މި ޕާޓްނާޝިޕްގެ ދަށުން ދިރާގު އެލީޓް ކްލަބްގެ ގޯލްޑް އަދި ޕްލެޓިނަމް މެމްބަރުންނަށް، ބާސެލޯ ނަސަންދުރައިގެ ރެސްޓޯރެންޓްތަކުން ޚާއްސަ ޑިސްކައުންޓްތައް ލިބޭނެއެވެ. އަދި، މި ޕާޓްނާޝިޕަކީ ދިރާގު އެލީޓް ކްލަބް ޕްރޮގްރާމް މެދުވެރިކޮށް ލިބޭ ޚާއްސަ އޮފާތައް އިތުރަށް ފުރިހަމަވެގެންދާނެ ޕާޓްނާޝިޕެއް ކަމަށް ދިރާގުން ބުންޏެވެ.
ސޮއިކުރުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ދިރާގުގެ ޑިރެކްޓަރު ބްރޭންޑް އެންޑް މާކެޓިން ކޮމިއުނިކޭޝަންސް، މިރްޝާން ހަސަން ވިދާޅުވީ ދިރާގުގެ އެލީޓް ކްލަބްގެ ޕާޓްނަރެއްގެ ގޮތުގައި ބާސެލޯ ނަސަންދުރާ ގުޅުމަކީ އެ ކުންފުންޏަށް ލިބޭ އުފަލެއް ކަމަށެވެ. އަދި މި ޕާޓްނާޝިޕްގެ ސަބަބުން، ދިރާގުގެ ކަސްޓަމަރުންނަށް ދިރާގު އެލީޓް ކްލަބް ޕްރޮގްރާމް މެދުވެރިކޮށް އިތުރު ފައިދާތަކާއި ހިތްގައިމު ތަޖުރިބާތަކެއް ކުރުމުގެ މަގު ފަހިވެގެންދާނެ ކަމަށް އޭނާ ބުންޏެވެ.
މީގެ އިތުރުން، ބާސެލޯ ނަސަންދުރައިގެ ޑެޕިއުޓީ ޖެނެރަލް މެނޭޖަރު އެންރިކް ރެއިނާ ވިދާޅުވި ގޮތުގައި ދިރާގު އެލީޓް ކްލަބްގެ ޕާޓްނަރަކަށް ވުމަކީ ބާސެެލޯ ނަސަންދުރާއަށް ލިބޭ ވަރަށް ބޮޑު އުފަލެކެވެ. މި ޕާޓްނާޝިޕްގެ ދަށުން ކަސްޓަމަރުންނަށް ލިބޭ ޚާއްސަ އޮފާތަކާއެކު ބާސެލޯގެ ހިތްގައިމު ރެސްޓޯރެންޓުތަކުގެ ރަހަތަކާއި ބައިނަލްއަގްވާމީ ފެންވަރުގެ މެހެމާންދާރީ ތަޖުރިބާކޮށްލުމަށް ދިރާގުގެ ކަސްޓަމަރުންނަށް މަރުހަބާ ކިޔުމަށް އެ ހޮޓެލުން ތައްޔާރަށް ތިބި ކަމަށް އޭނާ ބުނެފައިވެއެވެ.
މާލޭގައި ހުންނަ ހަމައެކަނި ފަސް ތަރީގެ ހޮޓެލް ކަމުގައިވާ ބާސެލޯ ނަސަންދުރާގައި ތަފާތު ތިން ރެސްޓޯރެންޓަކުން ދަނީ ޚިދުމަތް ދެމުންނެވެ. މި ރެސްޓޯރެންޓްތަކަށް ބަލައިލާއިރު އޮއިވަރު ރެސްޓޯރެންޓަކީ ތީމްޑް ބުފޭ ނައިޓްތައް މެދުވެރިކޮށް ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ރަހަތައް ފޯރުކޮށްދޭ ރެސްޓޯރެންޓެކެވެ. އަދި، ބީހެވެން ރެސްޓޯރެންޓަކީ އެ ހޮޓެލްގެ ރޫފްޓޮޕްގެ ހިތްގައިމު މާހައުލުގައި ބިނާކޮށްފައިވާ ރެސްޓޯރެންޓަކަށް ވާއިރު، އަލިމަސް ކެފޭއިން ޕްރިމިއަމް ކޮފީއާއި އެކި ވައްތަރުގެ ރަހަމީރު ކާތަކެތި ލިބެން ހުރެއެވެ.
ދިރާގު އެލީޓް ކްލަބް ޕްރޮގްރާމް ފަރުމާކޮށްފައި ވަނީ ދިރާގުގެ ކަސްޓަމަރުންގެ އަގުވަޒަންކޮށް އެ ކަސްޓަމަރުންނަށް އަގުހުރި އޮފާތަކުގެ އެހީގައި ދިރާގާއި ކަސްޓަމަރުންގެ މެދުގައި އޮތް ގުޅުން އިތުރަށް ވަރުގަދަކުރުމުގެ މަގުސަދުގައި ކަމަށް އެ ކުންފުނިން ބުންޏެވެ.