ހުޅުމާލެއިން 787 އުޅަނދު ޓޯކޮށްފި، ގިނައީ ރަޖިސްޓްރީނުކޮށާއި ނުބައި ބޯޑުތަކުގައި ހުރި ކާރު

ހުޅުމާލެއިން އުޅަނދު ޓޯކުރަނީ: ޖުމުލަ 787 އުޅަނދު ވަނީ ޓޯކޮށްފައި -- ފޮޓޯ/ ފުލުހުން

ހުޅުމާލޭގެ މަގުތައް ސާފުކޮށް، ޕާކިން ތަރުތީބުކުރަން ހިންގި ޕްރޮގްރާމްގެ ތެރެއިން ޖުމުލަ 787 އުޅަނދު ޓޯކޮށްފައިވާ ކަމަށް ފުލުހުން މިއަދު އާންމުކުރި ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މި މަސައްކަތް ކުރީ މި މަހު ހަވަނަ ދުވަހުން ފެށިގެން ރޭ 20:00 އާ ހަމައަށެވެ.

ފުލުހުން ބުނީ، މި މަސައްކަތުގެ ތެރެއިން ހުޅުމާލޭގެ ހުސްބިންތަކުގައާއި އާންމު ދަތުރުފަތުރަށް ބޭނުންކުރާ މަގުތަކުގައި ގަވާއިދާ ޚިލާފަށް ޕާކްކޮށްފައި ހުރި އުޅަނދުތަކާއި ރަޖިސްޓްރީނުކޮށް ބަހައްޓާފައި ހުރި އުޅަނދުތަކާއި، އޭ ޒޯން ފިޔަވާ އެހެން ޒޯންތަކުގައި ރަޖިސްޓްރީކޮށްފައި ހުރި އުޅަނދުތައް ނަގާފައިވާ ކަމަށެވެ.

އެ މަސައްކަތުގެ ތެރެއިން ހުޅުމާލޭގެ ދެ ފިޔަވަހިން ޖުމުލަ 787 އުޅަނދު ވަނީ ޓޯކޮށްފައެވެ.

ކާރެއް ޓޯކުރަނީ: ހުޅުމާލެއިން 787 އުޅަނދު ވަނީ ޓޯކޮށްފައި -- ފޮޓޯ/ ފުލުހުން

އޭގެ ތެރެއިން، 349 އުޅަނދަކީ އަޅައިނުލާ މަގުމައްޗަށް ދޫކޮށްލާފައި ހުރި އުޅަނދު ކަމަށް ފުލުހުން ބުންޏެވެ. އަދި، ރަޖިސްޓްރީކޮށްފައިވާ ޒޯނާ ނުގުޅޭ ބޯޑު ހުރި 252 އުޅަނދެއް ޓޯކޮށްފައިވާއިރު، ރަޖިސްޓްރީނުކޮށް ހުރި 186 އުޅަނދެއް ޓޯކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

"މި މަސައްކަތުގެ ސަބަބުން ހުޅުމާލޭގެ މަގުތަކަށް އައިސްފައިވާ ހިތްފަސޭކަމާއި ފަސޭހަކަން އެ ގޮތުގައި ދެމެހެއްޓުމަށްޓަކައި ރައްޔިތުންގެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ބޭނުންވޭ،" ފުލުހުން ބުނެފައިވެއެވެ.

ޓޯކުރި އުޅަނދުތަކުގެ ތެރޭގައި ރަޖިސްޓްރީނުކުރާ އަދި އެހެން ޒޯންތަކަށް ރަޖިސްޓްރީކޮށް، ނުގުޅޭ ބޯޑު ހަރުކޮށްފައި ހުރި ގިނަ އަދަދެއްގެ އުޅަނދު ހިމެނޭއިރު، ގަރާޖު ސިޓީ ހޯދަން އުނދަގޫވެ ކާރު ރަޖިސްޓްރީނުކުރެވޭކަމުގެ ޝަކުވާ ވަނީ މި ފަހުން ބޮޑުވެފައެވެ.

އެހެން ދިމާވީ މީގެ ކުރިން އެއް ގަރާޖަކަށް އެތައް ސަތޭކަ ކާރެއް ރަޖިސްޓްރީކުރަމުން ދިއުމުގެ ސަބަބުންނެވެ. އެކަން ހުއްޓުވާލުމާ އެކު، ކާރު ރަޖިސްޓްރީކުރަން ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައެވެ. އެތެރެކޮށްފައި ހުރި އެތައް ކާރެއް ވެސް ރަޖިސްޓްރީނުކުރެވި، ބަހައްޓަން ޖެހުނެވެ.

އެކަމަކު، ސަރުކާރުން ވަނީ މިހާރު ވެސް އޮންނަ އުސޫލުގެ ތެރެއިން ސައްހަ ގަރާޖު ސިޓީއާ އެކު ކާރު ރަޖިސްޓްރީކުރެވޭނެ ކަމަށް ބުނެފައެވެ.

މާލެއަށް ނުތަކާ ވަރަށް އުޅަނދުފަހަރު ގިނަވުމަކީ ޓްރެފިކް މައްސަލަތައް ގިނަވާން މެދުވެރިވާ ސަބަބެކެވެ. އެހެން ދިމާވަނީ މުޅި ދުނިޔޭގައި ވެސް އެހެން ސިޓީތަކުގައި ތޮއްޖެހިފައި ނޯންނަ ވަރަށް ތޮއްޖެހިގެން ގިނަ އަދަދެއްގެ މީހުން މާލޭ ސަރަހައްދުގައި ދިރިއުޅޭތީއެވެ. މުޅި ރާއްޖޭގެ އާބާދީގައި 41 އިންސައްތައެއްހާ މީހުން ދިރިއުޅެނީ މާލޭ ސަރަހައްދުގައެވެ.

comment ކޮމެންޓް