ހުޅުމާލެ އަކީ ހިތްފަސޭހަ ރައްކާތެރި ތަނަކަށް ހެދުމަށް އާއްމުންގެ ހިޔާލު ހުށައެޅުމަށް، ހުޅުމާލެ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ހުޅުވާލައިފިއެވެ.
އެ ކުންފުނިން ބުނީ ހުޅުމާލެގައި މީހުން ދިރިއުޅޭ އެއްމެދު ގޯތިތަކުގެ ވަށައިގެންވާ ހުސް ޖާގަތަކުގެ ސާވޭއެއް ކޮށްފައިވާކަމަށެވެ. އެ ސާވޭ އިން ދައްކާ ގޮތުގައި، އެ ތަންތަނުގައި ނުރަސްމީ ހަމަޔަށް ފެންސް ޖެހުމާއި، ބޯ ބިޔަ ގަސް ހައްދާފައި ހުރުމުގެ އިތުރުން އެއްގަމު އުޅަނދު ޕާކުކޮށްފައި ބުންނަ ކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ. އަދި މި ކަންކަމުގެ ސަބަބުން އާއްމުންނަށް ދަތިވެ، ހުސްޖާގަތަކުގެ ފެން ހިންދާ ނިޒާމަށް ހުރަސް އެޅިގެން ދާކަމަށެވެ.
އެހެންކަމުން އެޗްޑީސީ ވަނީ އެކަންކަން ހައްލު ކުރުމަށް ގަވައިދެއް އެކުލަވާލާފައެވެ. މި ގޮތުން މި ގަވައިދުގެ މަޤްސަދަކީ އަވައްޓެރިންނަށް ރައްކާތެރި، އަދި ތިމާވެއްޓާއި ރައްޓެހި މާހައުލެއް ގާއިމު ކުރުންކަމަށެވެ. އެހެންކަމުން މި ޖާގަތައް ފަރުމާކުރުމުގައި އާއްމުންގެ ހިޔާލު ވަރަށް މުހިންމު ކަމަށްވެސް އެ ކުންފުނިންވަނީ ބުނެފައެވެ.
އެޗްޑީސީންގެ މި ގަވައިދަށް ހިޔާލު ހުށައެޅުމަށް ވަނީ ފޯމެއް ތައްޔާރުކޮށްފައެވެ. މި ގަވައިދާއި ގުޅޭ އިތުރު މައުލޫމާތު ލިންކެއް ވަނީ އާންމުކޮށްފައެވެ. ހުޅުމާލެއަކީ ހިތްފަސޭހަ ރައްކާތެރިތަނަކަށް ހެދުމަށް އެ ކުންފުންޔާއި ބައިވެރިވުމަށް އާއްމުންގެ ކިބައިން ވަނީ އެދިފައެވެ.