"ހަސަން ކުރުސީ" މެދުވެރިކޮށް ފަޒުލްގެ ކޮރަޕްޝަން ލީކުކޮށްލި ކަމަށް ބުނާ މުވައްޒަފު ވަކިކުރީ ރަނގަޅަށް: ޓްރައިބިއުނަލް

ހައުސިން ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދު -- ސަން ފޮޓޯ/ އަމަން ލަތީފް

ހައުސިން ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދުގެ އަނބިކަނބަލުންނަށް ހުޅުމާލެއިން ދޫކޮށްފައިވާ ބިމެއްގެ ޕޭމަންޓް ޝެޑިއުލް، ސޯޝަލް މީޑިއާ އެޕްލިކޭޝަން އެކްސްގައި މަގުބޫލު، "ހަސަން ކުރުސީ" މެދުވެރިކޮށް، ލީކުކޮށްލި ކަމަށް ބުނާ އެޗްޑީސީގެ މުވައްޒަފު ވަޒީފާއިން ވަކިކުރީ ރަނގަޅަށް ކަމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނިންމައިފިއެވެ.

ފަޒުލްގެ އަންހެނުންނަށް ލުއި ގޮތެއްގައި ފައިސާ ދައްކައި ޚަލާސްކުރާ ގޮތަށް ހުޅުމާލެއިން ގޯއްޗެއް ވިއްކި ކަމަށް ބުނާ މައްސަލައެއް ފެންމަތިވެފައި ވަނީ 2024 ވަނަ އަހަރުގެ ފަހުކޮޅެވެ.

އޭރުގެ ރެކޯޑްތައް ދައްކާ ގޮތުން، ހުޅުމާލޭ ދެވަނަ ފިޔަވަހިން 2017ގައި 42 ބިމެއް ވިއްކަން ހުޅުވައިލި ބީލަމަށް ފަޒުލްގެ އަންހެނުން، މ. ސާނިޔާ ޒުލްފީނާ ރަޝީދު ހުށަހެޅިއެވެ. އޭރު އޭނާ އޮތީ 40 ވަނައިގައި ކަމަށް ވެފައި އެ ފަހަރު ބިން ވިއްކީ 36 ފަރާތަކަށް ކަމަށް ވާތީ އޭނާއަށް ބިން ގަންނާކަށް ނުލިބެއެވެ.

އެކަމަކު، ވެރިކަން ބަދަލުވެ، އެޗްޑީސީ ހިންގަން ފަޒްލު ހަވާލުވެވަޑައިގަތުމަށް ފަހު ހުޅުމާލޭ ފޭސް ދޭއްގެ ބީޗް ފްރޮންޓުން އެންމެ އަގުބޮޑުކޮށް މީހުން ގޯތި ގަނެފައިވާ ސަރަހައްދުން ޒުލްފީނާއަށް 2،140 އަކަފޫޓުގެ ބިމެއް ވިއްކީ ޖީއެސްޓީއާއެކު 11.7 މިލިއަން ރުފިޔާއަށް ކަމަށް އޭރު އާއްމުވި ރިޕޯޓުތަކުގައި ބުނެފައިވެއެވެ.

ސޯޝަލް މީޑިއާ އެކްސްގައި މި ރިޕޯޓްތައް އާއްމުކުރީ "ހަސަން ކުރުސީ"ގެ ނަމުގައި ހިންގާ އެކުންޓުންނެވެ. އެ ރިޕޯޓްތައް އާއްމުވި މައްސަލައާ ގުޅިގެން، އެޗްޑީސީގެ ލޯން މެނޭޖްމެންޓް އޮފިސަރެއް ވަޒީފާއިން ވަކިކުރިއެވެ.

މި މައްސަލައަކީ، އޭނާ ވަޒީފާއިން ވަކިކުރުމުން އޭނާ، އަލުން ވަޒީފާ ހޯދުމަށް އެދި ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅި މައްސަލައެކެވެ.

ދެހާސް ސައުވީސް ވަނަ އަހަރުގެ މެދުތެރޭ ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅި މި މައްސަލަ އެތަނުން ނިންމީ ފެބްރުއަރީ މަހެވެ. މައްސަލަ ނިމުނު ގޮތުގެ ރިޕޯޓް މިހާރު އާއްމުކޮށްފައިވާއިރު، އެ ރިޕޯޓުގައިވާ ގޮތުން، އެ މުވައްޒަފު އެޗްޑީސީގެ ސިއްރު ބައެއް ލިޔެކިޔުންތައް ލީކުކޮށްލާފައިވާކަން ކުންފުނިން ކުރިއަށް ގެންދިޔަ ތަހުގީގަށް ވަނީ ފާހަގަ ކުރެވިފައެވެ. އަދި އެކަން ފާހަގަ ކުރެވުމުން، ނޯޓިހެއް ދިނުމަކާ ނުލައި އޭނާ ވަޒީފާއިން ވަކިކުރީއެވެ.

އޭނާ ވަޒީފާއިން ވަކިކުރުމުގެ ކުރިން، އަމިއްލައަށް މަގާމުން އިސްތިއުފާ ދޭން ހުށަހަޅާފައި އޮތްކަން މައްސަލަ ނިމުނު ގޮތުގެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. އެކަމަކު އޭނާ އަމިއްލައަށް ވަކިވާން ހުށަހެޅި ހުށަހެޅުމަށް ގޮތެއް ނުނިންމައި، ކުންފުނިން އޭނާ ވަކިކުރީ ލިޔެކިޔުންތަކެއް ލީކުކޮށްލިކަން ސާބިތުވުމާ ގުޅިގެންނެވެ.

މި މައްސަލައާ މެދު ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން ވަނީ، އެ މުވައްޒަފު ވަޒީފާއިން ވަކިކުރީ އިޖުރާއީ އަދި މައުލޫއީ އަދުލުވެރިކަން ވެސް ގާއިމްކުރުމަށް ފަހުގައި ކަމަށް ކަނޑައަޅައިފައެވެ.

comment ކޮމެންޓް