ބީއެމްއެލްއިން ވިސާ އިންފިނިޓް ކްރެޑިޓް ކާޑު ރާއްޖެއަށް ތައާރަފްކޮށްފި

ބީއެމްއެލްއިން ވިސާ އިންފިނިޓް ކްރެޑިޓް ކާޑު ރާއްޖެއަށް ތައާރަފްކޮށްފި: މިއީ ރާއްޖޭގެ ފުރަތަމަ މެޓަލް ކާޑު -- ފޮޓޯ/ ބީއެމްއެލް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ދުނިޔޭގެ 'ޑިޖިޓަލް ޕޭމަންޓްސް'ގެ އެންމެ އިސް ސަފުގައި ފާހަގަކޮށްލެވޭ ވިސާގެ އިންފިނިޓް ކްރެޑިޓް ކާޑު ރާއްޖެއަށް ތައާރަފްކޮށްފިއެވެ.

މި ކާޑަކީ ރާއްޖެއަށް ތައާރަފްކުރި ފުރަތަމަ މެޓަލް ކާޑެވެ. މިއީ ރާއްޖެއަށް އެންމެ އީޖާދީ އަދި އެންމެ ފެންވަރު ރަނގަޅު ޕްރޮޑަކްޓުތައް ތައާރަފްކުރުމަށް ބޭންކުން ކުރަމުންދާ މަސައްކަތުގައި ފާހަގަކޮށްލެވޭ ކާމިޔާބީއެއް ކަމަށް ބީއެމްއެލްއިން ބުންޏެވެ.

ބީއެމްއެލްއިން ބުނި ގޮތުގައި ޚާއްސަ ޕްރިވިލެޖްތަކާއެކު ދުނިޔޭގެ ފެންވަރުގެ އެންމެ ފުރިހަމަ ޚިދުމަތް ލިބޭ ވަސީލަތްތައްތައް ގާއިމުވެގެން ދިޔުމަކީ ރާއްޖޭގެ މުޖުތަމައުގެ ފުދުންތެރިކަން އިތުރުވަމުންދާއިރު ކަސްޓަމަރުން މިފަދަ ޚިދުމަތްތަކަށް ބޭނުންވާ މިންވަރު އިތުރުވަމުން އަންނަ ކަމެކެވެ. އަދި ވިސާ އިންފިނިޓް ކާޑަކީ މިފަދަ އުންމީދުތައް ހަގީގަތަކަށް ހަދައިދީ، އެ ކާޑާ ވާދަ ނުކުރެވޭ ވަރުގެ ފައިދާތަކެއް ފޯރުކޮށްދޭ ކާޑެއް ކަމަށް ބީއެމްއެލްއިން ބުންޏެވެ.

ބީއެމްއެލްއިން މިއަދު ތައާރަފްކުރި ވިސާ އިންފިނިޓް ކާޑަށް ކޮލިފައި ވާނީ މަހެއްގެ މައްޗަށް މަދުވެގެން 127،000 ރުފިޔާގެ އާމްދަނީއެއް ލިބޭ ކަސްޓަމަރުން ކަމަށް ބީއެމްއެލްއިން ބުންޏެވެ. މި ކާޑަކީ ވިސާ ކްރެޑިޓްގެ އެންމެ މަތީ ފެންވަރުގެ ކާޑެއް ކަމަށް ބީއެމްއެލްއިން ބުންޏެވެ.

ވިސާ އިންފިނިޓްގެ މަޝްހޫރުކަމާއި ބައިނަލްއަގުވާމީ ގޮތުން ލިބިފައިވާ ހަރުދަނާ މަގާމާއި، އަދި އެ ކާޑުން ލިބޭ ފައިދާތަކުގެ ސަބަބުން ބޭންކް އޮފް މޯލްޑިވްސް ވެގެންދާނީ މަތީ ފަންތީގެ އަދި އީޖާދީ ޕޭމަންޓްގެ ހައްލު ގެނެސްދޭ ބޭންކަކަށް ކަމަށް ވެސް ބީއެމްއެލްއިން ބުންޏެވެ.

ވިސާ އިންފިނިޓް ކާޑްހޯލްޑަރުންނަށް ލަގްޒަރީ ހޮޓެލްތަކުގައި ވީއައިޕީ ސްޓޭޓަސްއާއި، އިންޓަނޭޝަނަލް އެއާޕޯޓްތަކުގައި ފަސޭހަ އަދި ފުރިހަމަ ޚިދުމަތްތައް ވެސް ލިބޭނެއެވެ. އޭގެ ތެރޭގައި:

  • ފާސްޓް ޓްރެކް އިމިގްރޭޝަން
  • ޕާސަނަލައިޒްޑް މީޓް އެންޑް އެސިސިސްޓް
  • ދުނިޔޭގެ އެކި ކަންކޮޅުތަކުގައި 2،000 އަށްވުރެ ގިނަ ޕްރިމިއަމް ލައުންޖުތަކަށް އެކްސެސް ލިބުން
  • ޕްރަޔޯރިޓީ ރިސަވޭޝަން ޚިދުމަތްތައް
  • ޝެފް ޓޭބަލް އިވެންޓުތައް
  • އާޓް ޝޯ
  • ކޮންސާޓްތަކަށް ޚާއްސަ އެކްސެސް
  • ހިލޭ ގޮލްފް ކުޅުން
  • ސްޕާގެ އެންމެ ފުރިހަމަ ޚިދުމަތްތައް
  • އެލީޓް ކްލަބް މެމްބަޝިޕް
  • މުނިފޫހިފިލުވުމަށް ޕްރިމިއަމް ސަބްސްކްރިޕްޝަންތައް
  • ފުޑް ޑެލިވަރީ
  • އެންމެ ކުރިއަރާފައިވާ އޭއައި އެޕްތަކުގެ ޚިދުމަތްތަކާއެކު، ޑިޖިޓަލް ޚިދުމަތްތައް

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޝަރީފް -- ފޮޓޯ/ ބީއެމްއެލް

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޝަރީފް ވިދާޅުވި ގޮތުގައި ކަސްޓަމަރުންނަށް ޕްރިމިއަމް ބޭންކިން ޚިދުމަތެއް ފޯރުކޮށްދިނުމަށް މި ކާޑު ތައާރަފްކުރުމަކީ ބޭންކަށް ލިބޭ ފަޚުރެކެވެ.

މި ކާޑުން ކަސްޓަމަރުންނަށް ޚާއްސަ އެކްސްކްލޫސިވް ބެނެފިޓްތަކަކާއި ކަސްޓަމަރުންގެ ލައިފްސްޓައިލްއާ ގުޅޭ ގޮތަށް ފަރުމާކޮށްފައިވާ ލަގްޒަރީ ޚިދުމަތްތައް ލިބޭނެ. މި ކާޑު ރާއްޖެ އަށް ތައާރަފުކުރުމުން ދައްކުވައިދެނީ ރާއްޖޭގެ މުޖުތަމައަށް ދުނިޔޭގެ ފެންވަރުގެ ޕޭމަންޓް ހައްލުތައް ތައާރަފްކުރުމަށް ބޭންކުން ދޭ އަހުމިއްޔަތުކަން، ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޝަރީފް

ވިސާއިން ރާއްޖެއާއި ސްރީލަންކާއަށް ކަނޑައަޅާފައި ހުންނަވާ ކަންޓްރީ މެނޭޖަރު އަވަންތި ކޮލަމްބަގެ ވިދާޅުވި ގޮތުގައި މި ކާޑުން އެހެން އެއްވެސް ކާޑަކުން ނުލިބޭ ފައިދާއާއި ބައިނަލްއަގުވާމީ ޕްރިވިލެޖްތަކާއި އަދި ތަފާތު ތަޖުރިބާތަކެއް ލިބޭނެއެވެ. އަދި މި ކަނޑައެޅުނީ ރާއްޖޭގެ ފުރަތަމަ މެޓަލް ކާޑު ކަމަށްވާ ވިސާ އިންފިނިޓް ކާޑުން ޕްރިމިއަމް ޑިޖިޓަލް ތަޖުރިބާގެ އާ ބެންޗްމާކެއް ކަމަށް އޭނާ ވިދާޅުވިއެވެ.

މިއީ ރާއްޖޭގެ ކަސްޓަމަރުން ވެސް ޚާއްސަ ލަގްޒަރީ ޚިދުމަތަކަށް ބޭނުންވުން އިތުރުވަމުންދާ ކަމުގެ ހެއްކެއްކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ މި ކާޑު ރާއްޖެއަށް ތައާރަފްކުރުމަކީ ކަސްޓަމަރުންގެ ބޭނުންތަކަށް އީޖާދީ ޚިދުމަތްތަކެއް ދިނުމަށް ވިސާއިން ކުރަމުންދާ މަސައްކަތް ރަމްޒުކޮށްދޭ ކަމެއް ކަމަށެވެ. އަދި މިއީ ހަމައެކަނި ކާޑެއް ނޫން ކަމަށާއި މިއީ ލަގްޒަރީ ތަޖުރިބާތަކެއް ކުރުމަށް ހުޅުވާލެވޭ ދޮރެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ރާއްޖެއަށް ޕޭމަންޓް ހައްލުތައް ފޯރުކޮށްދިނުމުގައި ބީއެމްއެލްއިން އަދާކުރާ އިސް ދައުރު، މި ކާޑާއެކު އަނެއްކާވެސް ފުޅާވެގެންދާނެ ކަމަށް ބީއެމްއެލްއިން ބުންޏެވެ. އެގޮތުން 2002 ވަނަ އަހަރު ވިސާގެ ކާޑުތައް ރާއްޖެއަށް އެންމެ ފުރަތަމަ ތައާރަފުކުރީ ވެސް ބީއެމްއެލްއިން ކަމަށާއި، މިދިޔަ އަހަރު، ރާއްޖޭގެ ފުރަތަމަ ޝަރީއާ ކޮމްޕްލަޔަންޓް ވިސާ ކްރެޑިޓް ކާޑު ވަނީ ތައާރަފްކޮށްފައި ކަމަށް ބީއެމްއެލްއިން ބުންޏެވެ.

ހަމައެއާއެކު ކްލަސިކް، ގޯލްޑް، ޕްލެޓިނަމް ވިސާ ކްރެޑިޓް ކާޑުތަކާއެކު ކްލާސިކް ޑެބިޓް އަދި ދާދި ފަހުން ތައާރަފްކުރި ޕްލެޓިނަމް ކާޑާއެކު ވިސާގެ ޑެބިޓް ކާޑުތައްވެސް ބޭންކުން އަންނަނީ ދޫކުރަމުންނެވެ.

comment ކޮމެންޓް