މަސްވެރިކަމުގައި ދިމާވެފައިހުރީ ޒަމާންވީ ގޮންޖެހުންތަކަށް ވާތީ، އެ ކަންކަން ހައްލުކުރުމަށް ވަގުތު ބޭނުންވާ ކަމަށާއި ކުރަން ޖެހޭ ހޭދަ ވެސް ބޮޑު ކަމަށް ފިޝަރީސް މިނިސްޓަރު އަހުމަދު ޝިޔާމް މިއަދު ވިދާޅުވެއްޖެއެވެ.
މަސްވެރިންގެ ދުވަހާ ގުޅިގެން, ރ. ދުވާފަރުގައި މިއަދު ފެށި މަސްވެރިންގެ ގުންޒަރުގައި، މިނިސްޓަރު ވިދާޅުވީ، އެ ގުންޒަރަކީ ހުރިހާ މަސްވެރިން އެއްވެ، މަސްވެރި ސިނާއަތުގައި ހުރި ގޮންޖެހުންތައް ހައްލު ކުރުމަށް މަޝްވަރާ ކުރުމަށް ވަރަށް މުހިންމު ބައްދަލުވުމެއް ކަމަށެވެ.
އެގޮތުން، މަސްވެރިންނާ ގުޅުން ހުރި ގޮންޖެހުންތަކަކީ ޒަމާންވީ ގޮންޖެހުންތަކަށް ވަތީ އެކަންކަން ހައްލުކުރުމަށް ވަގުތުވެސް ނަގާ ކަމަށާއި އެ ކަންކަމަށް ސަރުކާރުން ކުރަންޖެހޭ ހޭދަވެސް ވަރަށް ބޮޑު ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މަސްވެރިންގެ ގުންޒަރުގެ ތެރެއިން: އެ ސިނާއަތުގައި ހުރީ ޒަމާންވީ މައްސަލަތަކަށް ވާތީ ހައްލުކުރަން ވަގުތު ބޭނުންވާ ކަމަށް މިނިސްޓަރު ވިދާޅުވި --- ފޮޓޯ/ ފިޝަރީސް މިނިސްޓްރީ
ރާއްޖޭގައި މަސްވެރިކަމުގެ ސިނާއަތް އޮންނަނީ ސަރުކާރުން އެހީތެރިކަން ފޯރުކޮށްދީގެން ކުރިއަށް ގެންދެވޭ ގޮތަށް ކަން ފާހަގަކުރައްވައި، ޝިޔާމް ވިދާޅުވީ، އެ ގޮތަށް ކުރިއަށް ގެންދިއުމަށް ސަރުކާރަށް ގޮންޖެހުންތަކެއް އެބަ ހުރި ކަމަށެވެ.
ޚާއްސަކޮށް، މަހުގެ އަގު ސަރުކާރުން ކަނޑައަޅާއިރު، އޭގެ ސަބަބުން ބޭރުގެ މާކެޓްތަކަށް އުނދަގޫވާ ހާލަތްތަކުގައި ސަރުކާރުގެ ކޭޝް ފްލޯއަށް ދަތިވާ ފަހަރު އަންނަ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.
ހަމައެހެންމެ، މިހާރު ހުރި ގޮންޖެހުންތަކާ އެކު ވެސް މަސްވެރިންގެ ހުރި ޒަމާންވީ ކަންބޮޑުވުންތަކަށް ހައްލު ހޯދުމަކީ ސަރުކާރުގެ ވަރަށް ބޮޑު އަމާޒެއް ކަމަށް އޭނާ ވިދާޅުވިއެވެ. މި ފަސް އަހަރު ތެރޭ ރައީސް ޑރ މުޙައްމަދު މުއިއްޒުގެ ހުރިހާ ވައުދުފުޅެއް ފުރިހަމަ ކުރައްވާނެ ކަމުގެ ޔަގީންކަން މިނިސްޓަރު ވަނީ މަސްވެރިންނަށް ދެއްވާފައެވެ.

މަސްވެރިން ކުރި އިހުތިޖާޖެއްގެ ތެރެއިން: އެ ސިނާއަތުގައި ހުރީ ޒަމާންވީ މައްސަލަތަކަށް ވާތީ ހައްލުކުރަން ވަގުތު ބޭނުންވާ ކަމަށް މިނިސްޓަރު ވިދާޅުވި -- ސަން ފޮޓޯ/ މުހައްމަދު ޝަފީއު
ފާހަގަކުރެވޭ ގޮތުގައި، މަސްވެރިން ބާނާ މަހަށް ހަމަ އަގު ނުލިބޭތީ އަދި ވެސް މަސްވެރިން އަންނަނީ ޝަކުވާ ކުރަމުންނެވެ. އަދި، މިދިޔަ އަހަރުގެ ތެރޭގައި ކިރުވާ މަހަށް ފައިސާ ނުލިބޭތީ، މަސްވެރިން ވަނީ އިހުތިޖާޖު ވެސް ކޮށްފައެވެ.
ކޮންމެ އަހަރެއްގެ ޑިސެންބަރު މަހުގެ 10 ވަނަ ދުވަސް ރާއްޖޭގައި ފާހަގަކުރަނީ މަސްވެރިންގެ ދުވަހުގެ ގޮތުގައެވެ. މިއަހަރުގެ މަސްވެރިންގެ ދުވަސް ރަސްމީކޮށް ފާހަގަކުރަނީ ރ. ދުވާފަރުގައެވެ.