މުވައްޒަފުން މަދުވެ، އިންޑިއާގެ އެންމެ ބޮޑު އެއާލައިން، އިންޑިގޯއިން ފްލައިޓްތައް ކެންސަލް ކުރާތާ 8 ދުވަސް ވެފައިވާއިރު، އެއާލައިންގެ އޮޕަރޭޝަންތައް 10 ޕަސަންޓަށް މަދުކުރުމަށް ސިވިލް އޭވިއޭޝަން މިނިސްޓްރީން އަންގައިފިއެވެ.
އޮޕަރޭޝަންތައް މަދުކުރި ނަމަވެސް ކުރިންވެސް ދަތުރުކުރާ ހުރިހާ މަންޒިލްތަކަށް ދަތުރު ކުރުމަށް އަންގާފައިވެއެވެ.
އިއްޔެ އެކަނިވެސް ދިއްލީ، ބެންގަލޫރު، ހައިދަރުއާބާދު އަދި ޗެންނާއީގެ އެއާޕޯޓުން 400 އަށް ވުރެ ގިނަ ފްލައިޓް ކެންސަލަވެފައިވާއިރު، އެންމެ ގިނައިން ފްލައިޓް ކެންސަލް ވެފައި ވަނީ އެ ހަތަރު އެއާޕޯޓުންނެވެ.
މީގެ ކުރިން އޭވިއޭޝަން ވޮޗްޑޯގް ޑައިރެކްޓްރޭޓް ޖެނެރަލް އޮފް ސިވިލް އޭވިއޭޝަން، ޑީޖީސީއޭ އިން ވަނީ އިންޑިގޯގެ ދަތުރުތައް ރަނގަޅަށް އެކަށީގެންވާ ގޮތުގައި ކުރުމުގެ ގާބިލުކަން ނެތް ކަމަށް ބުނެ، ފްލައިޓް ޝެޑިއުލް ފަސް ޕަސެންޓް ކުޑަކޮށްފައެވެ.
އިންޑިގޯގެ ފްލައިޓްތައް ގިނަ އަދަދަކަށް ކެންސަލް ކުރަން ފެށީ މިދިޔަ ހަފްތާގެ އަންގާރަ ދުވަހެވެ. އޭގެ ފަހުން ގާތްގަނޑަކަށް 5،000 ފްލައިޓް ކެންސަލް ކޮށްފައިވާއިރު، އެއާލައިނުން އާންމު ހާލަތަށް އަންނަ ކަމަށް ބުނި ނަމަވެސް އިއްޔެވެސް 400 އަށް ވުރެ ގިނަ ފްލައިޓް ވަނީ ކެންސަލްކޮށްފައެވެ.

ފްލައިޓްތައް ކެންސަލްވުމުން އެތައް ހާސް ބަޔަކު ވަނީ އެއާޕޯޓުތަކުގައި ތާށިވެފައި. ފޮޓޯ/އޭއެފްޕީ
މިއަދުވެސް ދިއްލީ އެއާޕޯޓުން 152 ފްލައިޓާއި ބެންގަލޫރު އެއާޕޯޓުން 121 ފްލައިޓާއި، ހައިދަރްއާބާދު އެއާޕޯޓުން 58 ފްލައިޓާއި، އަހުމަދުއާބާދު އެއާޕޯޓުން 16 ފްލައިޓާއި، ޗެންނާއީ އެއާޕޯޓުން 41 ފްލައިޓާއި، މުމްބާއީ އެއާޕޯޓުން ތިން ފްލައިޓް އަދި ތްރިނަވަންތަޕޫރަމް އެއާޕޯޓުން ހަތަރު ފްލައިޓް ކެންސަލް ކުރަން ވަނީ ނިންމާފައެވެ.
އިންޑިގޯގެ ދަތުރުތައް މަދުވެފައިވަނީ، ޕައިލެޓުން އަރާމުކުރުމަށް އިތުރު ވަގުތު ދޭންޖެހޭ ގޮތަށް އިންޑިއާ ސަރުކާރުން ގަވައިދަށް ގެނައި ބަދަލަށް އަމަލުކުރަން ފަށާ ވަގުތު ޖެހުނުއިރު އިންޑިގޯއަށް ތައްޔާރު ނުވެވި, ޕައިލެޓުންގެ ދަތިކަން ބޮޑުވުމުންނެވެ.
އެ މައްސަލައާހެދި އާންމުންނަށް ބޮޑެތި ދަތިތަކެއް ކުރިމަތިވަމުންދާތީ، އިންޑިއާގެ ސިވިލް އޭވިއޭޝަން މިނިސްޓަރު ރާމް މޯހަން ނައިޑޫ މިދިޔަ ހަފުތާ ވަނީ އެ އުސޫލަށް އަމަލު ކުރުން ފަސްކޮށްފައެވެ.
އެ އުސޫލަށް އަމަލު ކުރުމުގެ އެއް ދުވަސް ކުރިން މި މަހުގެ 1 ވަނަ ދުވަހު ބޭއްވި ބައްދަލުވުމުގައިވެސް އިންޑިގޯއިން އެއްވެސް ކަމެއް ފާހަގަކޮށްފައި ނުވާ ކަމަށް ނައިޑޫ ވިދާޅުވިއެވެ. ނައިޑޫ ވަނީ އިންޑިގޯގެ އެތެރޭގެ ނިޒާމު ހަރުދަނާ ނޫން ކަމަށް ވިދާޅުވެ، މައްސަލަ ބަލައި ފިޔަވަޅު އަޅާނެ ކަމަށް ވިދާޅުވެފައެވެ.