އުމުރުން 60 އަހަރުގައި ދިރިއުޅުމަށް ލޯބިވެރިޔަކު އަންނާނެ ކަމަށް އުއްމީދު ނުކުރާ ކަމަށް އާމިރު ބުނެފި

އާމިރު ޚާން އަދި އެކްޓަރުގެ މިހާޜުގެ ލޯބިވެރިޔާ ގޯރީ--ފޮޓޯ/މިޑް-ޑޭ

ދެ ކައިވެންޏެއްކޮށް އެ ދެ ކައިވެނި ވެސް ރޫޅާލާފައިވާ ބޮލީވުޑްގެ އެކްޓަރު އާމިރު ޚާންގެ އުމުރުން 60 އަހަރުގައި ހަޔާތަށް ލޯބިވެރިޔަކު އައިސްދާނެކަމަށް ކުރިން އުއްމީދު ނުކުރާ ކަމަށް އެކްޓަރު ބުނެފިއެވެ.

ހިންދުންސްތާން ޓައިމްސްއިން ބޭއްވި ހަފްލާއެއްގައި ވާހަކަ ދައްކަމުން އާމިރު ބުނީ ކުރިން ކުރި ދެ ކައިވެނި ފެއިލްވި ނަމަވެސް ކުރީގެ ދެ އަނބިންނާ ވެސް އޮންނަ ގުޅުން ރަނގަޅު ކަމަށެވެ.

ރުޅިވެރިކަމެއްނެތި ކުރީގެ އަނބިން ކަމަށްވާ ރީނާ އާއި ކިރަން އަދި ދެ މީހުންގެ އާއިލާއާ ވެސް ވަރަށް ގާތް ގުޅުމެއް އޮންނަނީ އެއީ ތަބީއަތުގައި ވެސް އަހްލާގު ރަނގަޅު މީހުންނަށް ވުމުން ކަމަށް ގަބޫލުކުރެވޭ ކަމުގައި އާމިރު ވަނީ ބުނެފައެވެ.

ކުރިން ކުރި ދެ ކައިވެނި ފެއިލްވި ނަމަވެސް ކިރަން އާއި ރީނާ އަކީ މިހާރުވެސް އާމިރުގެ އާއިލާގެ މުހިއްމު އެއް ހިއްސާ ކަމަށް އެކްޓަރު ވަނީ ބުނެފައެވެ. އެ ގުޅުން އަބަދުވެސް އެގޮތުގައި ދެމިއޮންނާނެ ކަމަށް އާމިރު ވަނީ ބުނެފައެވެ.

އާމިރު ޚާންގެ ކުރީގެ ދެ އަނބިން ކަަމަށްވާ ރީނާ އާއި ކިރަން--ފޮޓޯ/ހިންދުންސްތާންޓައިމްސް

ދެވަނަ ކައިވެނި ރޫޅުނުތާ ތިން އަހަރު ފަހުން މި އަހަރުގެ މާޗް މަހުތެރޭ އާމިރު ވަނީ އޭނާގެ ހަޔާތަށް ލޯބިވެރިޔަކު އައިސްފައިވާކަމަށް ބުނެ މީޑީއާ ރިޕޯޓަރުންނަށް އެކްޓަރުގެ ލޯބިވެރިޔާ ގޯރީ ސްޕްރާޓް ތައާރަފްކޮށްފައެވެ.

ގޯރީ އާއި އާމިރު އެންމެ ފުރަތަމަ ބައްދަލުވީ މީގެ 25 ވަރަކަށް އަހަރު ކުރިން ކަމަށާއި ދެ މީހުން ހިތާވުމުގެ ދެ އަހަރު ކުރިން އަނެއްކާވެސް ބައްދަލުވެ އެ ގުޅުން ލޯތްބަށް ބަދަލުވީ ކަމަށް އާމިރު ވަނީ ބުނެފައެވެ.

ގޯރީއާ ބައްދަލުވީ ހަޔާތަށް ދެން ބައިވެރިއަކު އަންނާނެ ކަމުގެ އުއްމީދު ގެއްލިފައި ހުއްޓާ ކަމަށާއި އުމުރުން 60 އަހަރުގައި ހަޔާތަށް އަލުން ލޯބީގެ ކުލަވަރު އަންނާނެ ކަމަށް ކުރިން ގަބޫލުވެސް ނުކުރެވޭ ކަމަށް އެކްޓަރު ވަނީ ބުނެފައެވެ.

އާމިރުގެ ހަޔާތަށް ގޯރީ އައުމާ އެކު ކުރިން އިހުސާސް ކުރެވުނު އެކަނިވެރިކަމާއި މާޔޫސްކަން ފިލައި ދިރިއުޅުމަށް އުފާވެރިކަމެއް އައިސްފައިވާ ކަމަށް އެކްޓަރު ވަނީ ބުނެފައެވެ. އެހެންވެ ގޯރީ އާމިރުގެ ހަޔާތަށް އައުމަކީ ލިބުނު ވަރަށް ބޮޑު ނަސީބެއް ކަމަށް އާމިރު ވަނީ ބުނެފައެވެ.

ރީނާ އާއި ކިރަންއާއި ގޯރީ އަކީ ވެސް ވަރަށް ގާތް ގުޅުމެއް އެކަކު އަނެކަކުގެ މެދުގައި ބާއްވާ މީހުންނަށް ވުމުން އަމިއްލަ ދިރިއުޅުމުގެ ވަރަށް ގިނަ ކަންކަން ފަސޭހަވެގެން ގޮސްފައިވާ ކަމަށް "ސިތާރޭ ޒަމީން"ގެ އެކްޓަރު ވަނީ ބުނެފައެވެ.

އާމިރުގެ ފުރަތަމަ ކައިވެންޏަށް ދެ ކުދިން ލިބިފައިވާއިރު ދެވަނަ ކައިވެންޏަށް ސަރޮގެސީ މެދުވެރިކޮށް ފިރިހެން ކުއްޖަކު ވަނީ ލިބިފައެވެ.

comment ކޮމެންޓް